ދައުލަތުގެ މާލީ ހިސާބުތަކާއި އާމްދަނީ ފުރިހަމަ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމަށާއި، އިޤްތިޞާދީ ޙަރަކާތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުގެ މާލީ ހިސާބުތައް ބެލެހެއްޓުމުގައިވެސް އެކައުންޓިންގ ދާއިރާގެ ފަންނީ ބޭނުން ހިފުން އިންތިހާއަށް މުހިންމުކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026 އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، އެކައުންޓިންގއަކީ ހަމައެކަނި ނަންބަރުތަކެއް ނޫން ކަމަށާއި، ވިޔަފާރިތަކުން ހަރުދަނާ ނިންމުންތައް ނިންމުމަށާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށާއި، އިޤްތިޞާދީ ގަވަރނަންސް ވަރުގަދަކުރުމުގައި އެކައުންޓެންޓުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށެވެ. އަދި ދައުލަތުގެ ފައިސާ ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރައްޔިތުންނަށް ދެފުށް ފެންނަ ގޮތަށް މަންފާ ލިބިދިނުމަށްޓަކައި ދައުލަތުގެ އިންވެސްޓްމަންޓްތަކުގެ ހިސާބުތައް ފުރިހަމައަށް ބެލެހެއްޓުމުގައި އެކައުންޓިންގ ދާއިރާގެ ބޭނުން ހިފަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފެއްޓެވި "ހޯމް ގްރޯން ފިސްކަލް ރިފޯމް އެޖެންޑާ" ގެ މައިގަނޑު އަމާޒަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ދަރަނީގެ ހާލަތު ދެމެހެއްޓެނިވި މިންގަނޑަކަށް އަރުވައި މާލީ ރައްކާތެރިކަން ޤާއިމުކުރުމެވެ. މި އިޞްލާޙީ މަސައްކަތްތަކުގެ އެދެވޭ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރައްވައި، ފާއިތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން 1.4 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ދަރަނި އަދާކޮށްފައިވާކަމާއި، މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ޙާޞިލުކުރެވުނު ތާރީޚީ ކާމިޔާބީއެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި މާލީ ކާމިޔާބީތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީތައް ކަމަށްވާ މޫޑީޒް އަދި ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިންގ މަތިކޮށްދިނުމަށް މަގުފަހިވެފައިވާކަން ވަޒީރު ވިދާޅުވިއެވެ. މިއަހަރުގެ ފޯރަމްގެ ޝިޢާރު ކަމަށްވާ “Navigating Change, Building Resilience” ގެ މައްޗަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ޙަޤީޤީ ވިލުންތެރިކަމަކީ ހަމައެކަނި މިހާރުން މިހާރަށް އަދާކުރަންޖެހޭ މާލީ ވާޖިބުތައް ފުއްދުން އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ހަރުދަނާ މާލީ އިންތިޒާމުތަކާއި މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކޮށް، ކުރިމަގުގައި އަތުވެދާނެ އިޤްތިޞާދީ ގޮންޖެހުންތަކާއި ލޮޅުންތަކުން ސަލާމަތްވެވޭ ފަދަ އިޤްތިޞާދީ ނިޒާމެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ޢަޒުމް ކާމިޔާބު ކުރުމަށްޓަކައި އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކޮށް، މާލީ ދާއިރާ ވަރުގަދަކޮށް، ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރަންޖެހެއެވެ. އަދި އެކަންކަން ކުރާއިރު އިތުބާރު ހުރި، ދެފުށް ފެންނަ މާލީ ނިޒާމެއް އޮވެ، ޞައްޙަ މާލީ މަޢުލޫމާތުތައް ޢާންމުވުން ކޮންމެހެން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް، ޑޭޓާ އެނަލިޓިކްސް، އޮޓޮމޭޝަން އަދި ދެމެހެއްޓެނިވި ގޮތެއްގައި ރިޕޯޓުކުރުން ފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު ދާއިރާއަށް އަންނަ ބަދަލުތަކަށް ސަމާލުވެ، މި ދާއިރާގެ ފަންނީ ބޭފުޅުން އަބަދުވެސް އައު ކަންކަން ދަސްކޮށް ޑިޖިޓަލް ހުނަރުތައް ތަރައްޤީކުރުމަށް ވަޒީރު ބާރުއެޅުއްވިއެވެ. މީގެއިތުރުން، އެކައުންޓިންގ ދާއިރާގެ އުޞޫލުތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމާއެކު، ރާއްޖޭގެ އިޤްތިޞާދީ ޙާލަތަށް ފެތޭގޮތަށް އެކަންކަން ބައްޓަންކުރުމަށް އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވަނީ، މާލީ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ޤައުމީ ފެންވަރުގައި ހުނަރުވެރިން ބިނާކުރުމަށާއި، އާންމުންގެ އިތުބާރު ބޮޑުކުރުމަށްޓަކައި މި ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ގުޅިގެން މަސައްކަތްކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.