ތިބާ އެންމެ އެދޭ، އެންމެ އަގުބޮޑު އިނާމު ޔަޤީން "ގިވްއަވޭ" ގަ ބައިވެރިވެ ހިތް ފުރާލަމާ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 59ސ
ތިބާ އެންމެ އެދޭ، އެންމެ އަގުބޮޑު އިނާމު ޔަޤީން "ގިވްއަވޭ" ގަ ބައިވެރިވެ ހިތް ފުރާލަމާ!

އިސްލާމް ދީނުގައި ޘާބިތުވުމާއި ދީނުގައި ކުރިއަށްދިއުމާއި ނަރަކައިން މިންޖުވެ ސުވަރުގެ ލިބުމާއި މިފަދަ ކޮންމެ ކަމަކީ މުސްލިމުންގެ ޙަޔާތާއި އެންމެ ބޮޑަށް ގުޅިލާމެހިފައިވާ ކަންކަމެވެ. އެހެންކަމުން އެކަންކަމަށް ކުރެވެންހުރި ކަންކަން ގިނަގިނައިން ހަނދާންކޮށްދޭންޖެހެއެވެ. 

އިންސާނުންނަކީ ވަރަށް ފަސޭހައިން ހަނދާންނެތޭ ބައެކެވެ. ދީނަކީ ނަޞޭޙަތްކަމުގައި އޮންނަނީ އެހެންވެގެންނެވެ. ނަބޭޙަތަކީ ވިސްނައިދީ ހަނދާންކޮށްދިނުމެވެ. ވަކިޚާއްޞަ ނަޞޭޙަތްތަކެއް ކޮންމެ ހުކުރު ޚުޠުބާއެއްގައިވެސް ހިމަނަނީ އެހެންވެގެންނެވެ. އެކަންކަން ނުހިމަނައިފިނަމަ ޚުޠުބާގެ ޝަރުޠުތައް ފުރިހަމަނުވާތީއެވެ. 

އެގޮތުން ތިރީގައިވާ ލިޔުމަކީވެސް ނަޞޭޙަތެކެވެ. ހަނދާން އައުކޮށްލުމެކެވެ. 

ޝެއާކޮށްފިނަމަ އިނާމު ޔަޤީން "އެންމެ ސަޅި ގިވްއަވޭ" މިއޮތީ! ހުރިހާ އެކު ވެރިން ނަށް ދަޢުވަތު އަރުވަން! : ޢައިޝަތު އަހުނާ 

ގިވްއަވޭ އިނގޭތަ؟ އެއީ އަގަކާ ނުލާ ހިލޭ ލިބޭ ހަދިޔާއަށް އިނގިރޭސިން ކިޔާނަމެވެ. މިއަދު އެއީ ވަރަށް ފަރިތަ ބަހެކެވެ. އަބަދުވެސް އިވެނީ ކޮންމެވެސް ގިވްއަވޭއެއްގެ އަޑެވެ. ހެދުމެކެވެ. ގަޑިއެކެވެ. ފޯނެކެވެ. ސައިކަލެކެވެ. ކާރެކެވެ. ނުވިތާކަށް ލައްކައިން އަގުއަރާ އެތައް ބައިވަރު އިނާމްތަކެވެ. މީހާ އެއްފަހަރުން މުއްސަދިވާވަރުގެ އިނާމްތައްވެސްމެއެވެ. 

ބޭނުމަކީ ކޮބާކަން އިނގޭ ހެއްޔެވެ؟ އެއްބަޔަކު ގިވްއަވޭ ދޫކޮށްލަނީ އެބައެއްގެ ވިޔަފާރި އިޝްތިހާރު ކުރުމަށެވެ. އަނެއްބަޔަކު މީހުންގެ ތެރޭގައި މަޝްހޫރުވެ ގިނަ ފޮލޯވާސް ހޯދުމަށެވެ. 

ކޮންމެ ގިވްއަވޭއަކަށްވެސް އާންމުކޮށް ކޮށްލަން ޖެހެނީ އެއްކަންތައްތަކެކެވެ. ޕޭޖް ފޮލޯކޮށްލާފަ، ޕޯސްޓަށް ލައިކްއެއްދީފަ، އިތުރު 3 މީހަކަށް ޓެގްކޮށްލާފަ ސްޓޯރީއަށް އެޕޯސްޓް ޝެއާކޮށްލުމެވެ. އެހިސާބުން އެމީހަކު އެގިވްއަވޭއެއްގައި އެ ބައިވެރިވެވުނީއެވެ. ދެން އިންތިޒާރު ކުރާނީ ނަސީބުވެރިޔާ ހޮވާދުވަހަކަށްށެވެ. އެދުވަހަކު އެހޮވާ ހަމަ ‘އެންމެ ނަސީބުވެރިއަކަށް’ އެ އިނާމު ދިނީމަ އެކަން އެނިމުނީއެވެ. ބައިވެރިވި އެންމެން ލޮލުން ކަރުނަ ހިލުވާލާފައެވެ. ބައެއް މީހުން ބުނާ އަޑުއިވެއެވެ. ‘އަހަރެން ހަމަ އެހާ ނަސީބު ދެރައީހެއްޔެވެ؟ ފެންނަ ކޮންމެ ގިވްއަވޭއެއްގައި ބައިވެރިވަމެވެ. އެހެނަސް އެއްވެސް އިނާމެއް ލިބޭގޮތެއް ނުވެއެވެ.’ 

ނޫނެކެވެ. ނަސީބުދެރައީއެއް ނޫނެވެ. ނަސީބު ރަނގަޅީއެވެ. މަސައްކަތަކާ ނުލާ އެވަރު ބޮޑެތި އިނާމުތަކެއް ނުލިބިގެން ދެރަވާން އަދި ގާތްވެސް ނުވެއެވެ. މިއަދު ގިނަ ގިވްއަވޭ އަކީ އެހޯދި ގޮތެއް ނޭނގި ދޫކޮށްލާ އަގުބޮޑެތި އިނާމްތަކެވެ. އެ ނުލިބިގެން މީހާ މާޔޫސްވެ ދެރަވާކަށް ނުވެއެވެ. 

ހަރާމެއް ހަލާލެއް ނުބަލާ ތިޔަ ބައިވެރިވާ ގިވްއަވޭގައި ހޮވަނީ އެންމެ ނަސީބު ވެރިއެއް ނުންހެއްޔެވެ؟ އެތައް ނަސީބުވެރިޔަކު ހޮވާ ‘އެންމެ ސަޅި ގިވްއަވޭ’އަށް ތިބާއަށް އަހަރެން ދަޢުވަތު އަރުވަމެވެ. އެއީ ގިވްއަވޭ ދޭފަރާތުގެ އެއްވެސް އަމިއްލަ އެދުމެއް ނެތި ހުށަހަޅާފައިވާ، އެހެނަސް އަދަދަކުން އަގުކުރެވޭނެ ގިވްއަވޭއެއް ނޫނެވެ. ނަމަވެސް އެއީވެސް ގިވްއަވޭއަކަށް ވީތީ އެހެން ގިވްއަވޭތަކުގައިވެސް ކަންކުރާ އުސޫލު މި ގިވްއަވޭގައިވެސް ވެއެވެ. 

1. ފޮލޯކުރުން – އިސްލާމްދީން (ޤުރުއާނާއި ސުންނަތް) ފޮލޯކޮށްލާށެވެ.

2. އެކްސެޕްޓްކުރުން – ތަޢުހީދާއި އެކު އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހިތުގެ އަޑިން ގަބޫލުކުރާށެވެ.

3. ލައިކްދިނުން – ދީނުގެ ކުޑަކަމެއްވިޔަސް ބޮޑުކަމެއްވިޔަސް

ބަލައިގަންނާށެވެ.

4. ޓެގްކުރުން – ރައްޓެހިންނާއި އާއިލާވެސް ހިމެނޭނެހެން ލޯބިވާ އެންމެން ޝާމިލްކުރާށެވެ.

5. ޝެއާރ ކުރުން – ދީނުގެ ފުރިހަމަ ދަޢުވަތު އެންމެ ފަހު ނޭވާއާހަމައަށް ހިއްސާކޮށް، ފޯރުކޮށްދޭށެވެ.

6. ޔަޤީންކުރުން – ކުރާކޮންމެ އަމަލަކީ މީހުންގެ ދުލުން ތައުރީފްހޯދުމުގެ ބަދަލުގައި ﷲ ޠަޢާލާގެ ރުހިވޮޑިގަތުމާއި ލޯބި ހޯދުމަށް ކުރާ ކަމަކަށް ހަދައްޗެވެ. 

އެހިސާބުން ގިވްއަވޭގައި އެވަނީ ބައިވެރިވެވިފައެވެ. 

ސުންގަޑި – ފަހު ނޭވާ ލުމާ ހަމައަށެވެ. އެހެނަސް ވިސްނައްޗެވެ. ކޮންމެ ވަގުތަކުވެސް ވަގުތު ޖެހިދާނެއެވެ. މިއަދު ނޫނީ މާދަމާކަމެއްވެސް ނޭނގެއެވެ. 

ނަސީބު ވެރިން ހޮވުން – އެންމެ އަދުލުވެރި ދަރުބާރުގައި ޤިޔާމަތްދުވަހުއެވެ. 

އަގުބޮޑު ގިވްއަވޭ (އިނާމް) – އިންސާނެއްގެ ލޮލުން ދުވަހަކު ދެކެފައި ނުވާ، ކަންފަތަކުން ދުވަހަކު އިވިފައިނުވާ، ބުއްދިއަށް ހިޔާލަށް ތަސައްވަރު ނުކުރެވޭ ނިޢުމަތުން ފުރިފައިވާ ‘ސުވަރުގެ!!! 

އެ ގިވްއަވޭއަކީ ލިބުމަށްފަހު އަތުލެވޭނެ، މުއްދަތު ހަމަވާނެ ގިވްއަވޭއެއްނޫނެވެ. މަރުވުމެއް ނެތި، އުމުރަށް އެތާ އުޅުމުގެ ނަސީބު ލިބުނީއެވެ. އިނގޭހެއްޔެވެ؟ އެ ގިވްއަވޭއިން ނަސީބުވެރިންގޮތުގައި އެހޮވޭ ބައިވެރިންނަށް އެތާގައި ވެސް ހާއްޞަ ސަޕްރައިޒެއް ދެވެއެވެ. އަހަރުމެން އެފަރާތެއް ލޮލުންނުދެކި ލޯބިވި، އަޅުކަންކުރި ކާއިނާތުގެ ވެރިރައްބު ﷲގެ ވަޖްހަފުޅު އެމީހުންގެ ހަމަލޮލުން ދުށުމުގެ ނަސީބު ލިބިގެންދާނެއެވެ. މިއަށްވުރެ ފުރިހަމަ ގިވްއަވޭއެއްގެ ވާހަކަ އަޑުއެހީމު ހެއްޔެ. 

- މިއީ ޢާއިޝަތު އަހުނާ/ ދި އިސްލާމްއަށް ލިޔެދެއްވާފައިވާ ލިޔުމެވެ.

މިއަދު އޮންލައިން