ޒިނޭނުކުރަން ބޭނުންނަމަ ޝައުޤުވެރިކަން އުފެދޭ މަގުތައް ބަންދުކުރަން ފުރަތަމަވެސް ޢަމަލުކުރަން އޮތް މަގު-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ޒިނޭނުކުރަން ބޭނުންނަމަ ޝައުޤުވެރިކަން އުފެދޭ މަގުތައް ބަންދުކުރަން ފުރަތަމަވެސް ޢަމަލުކުރަން އޮތް މަގު-

ޒިނޭކުރުމުގެ ޝައުޤުވެރިކަން އުފެދިގެންދަނީ ޤަޞްދުގައި ނޫންކަމަށްވެދާނެއެވެ. އެހެނީ ސޯޝަލް މީޑިއާގައި ހައި ޖަހައިލެވެނީ އެމީހަކާއިއެކު ޒިނޭކުރަން ބޭނުންވެގެނެއް ނޫނެވެ. ޒިނޭ ކުރުމުގެ ޝައުޤުވެރިކަން އުފެދިގެންދަނީ ހައިޖަހާލުމަށްފަހު ދެން ކުރެވޭ މުޢާމަލާތުތަކުންނެވެ. 

ދެމީހަކު ބައްދަލުވާ ޙާލަތަށް ބަލައިލަމާ ހިނގާށެވެ. ފުރަތަމަ އެކަކު އަނެކަކަށް ބަލައިލެވެނީއެވެ. ދެން ހިނިތުންވެލެވެނީއެވެ. ދެން ވާހަކަ ދައްކައިލެވެނީއެވެ. މިއިން އެއްވެސް ކަމެއް ކުރަނީ ޒިނޭކުރުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް މިކަންކަމަށްފަހު ދެން ދެކެވޭ ވާހަކަތަކާއި އުފެދޭ ގުޅުމުގެ ތެރެއިން ޒިނޭކުރެވެނީއެވެ. 

މިބަޔާންކުރި ދެ ޙާލަތުގައިވެސް ފުރަތަމަ އެކަންކަން ކުރެވެނީ ޒިނޭކުރުމުގެ ނިޔަތަކު ނޫނެވެ. ނަމަވެސް ކުރެވޭ ކުޑަކުޑަ ފާފަ ބޮޑުވެ ޒިނޭކުރެވުމަށްމަގުފަހިވެގެންދަނީއެވެ. މިސާލަކަސް ބުނާނަމަ ފުރަތަމަ ބަލައިލެވެނީއެވެ. މުސްލިމުންނަށް އޮތީ ފެންނަހައި މީހަކަށް ބެލުމެއް ނޫނެވެ. އިސް ތިރިކުރުމެވެ. ބޮޑުވެގެންވާ ފާފައަކަށް އަރައިގަތުމަށް މަގުފަހިވެގެންދަނީ އިސް ތިރި ނުކުރެވުމުންނެވެ. 

ސޯޝަލް މީޑިއާ ބޭނުންކުރަންވީ ހައި ޖަހާހައި މީހުންނާއި ވާހަކަދައްކާކަށް ނޫނެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ވާހަކަދައްކާށެވެ. ޢިއްފަތްތެރިކަން ރައްކައުތެރިކުރެވޭނީ މިބުނި މަގުން ވިސްނައި ޢަމަލުކުރުމުންނެވެ. 

ޒިނޭކުރުމަކީ ބޮޑުވެގެންވާ ފާފައެއް ކަމާއި މަރުވެ ވަޅުލެވުމާއި ހަމައިން ފެށިގެން ޢަޛާބު ދެއްވަވާ ބޮޑު ފާފައެއްކަން އެނގެން އެބައޮތެވެ. ވީމާ ރައްކައުތެރިވެތިބެން މަސައްކަތްކުރަން އެބަޖެހެއެވެ. މިފަދަ ވާހަކަތައް ދެއްކުމަށް ލަދުވެތިބެގެން ފުދޭކަށް ނެތެވެ. ޝައިޠޯނާގެ މަސައްކަތް އެއަށްވުރެ މާބޮޑުތަނުން ވަރުގަދަކޮށްފިއެވެ. ވީމާ މިވާހަކަތައް ނުދައްކައި ތިބެގެން ދެކޮޅު ޖައްސާނީ ކިހިނަކުން ހެއްޔެވެ؟ 

ޒިނޭކުރުމުން ފުރަތަމަ ސަލާމަތްވާންވީ ތިމާއެވެ. ދެމަފިރިންނެވެ. ދެމަފިރިން ސަލާމަތްވެ ތިބެ ދަރިން ހޭލުންތެރިކުރުވަން މަސައްކަތްކުރާށެވެ. ދަރިން ގާތުގައި މިފަދަ ނަޞޭޙަތްދޭން ލަދުގަނެގެން ތިބެގެން ދަރިން ސަލާމަތްކުރެވޭކަށް ނެތެވެ. ދަރިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ވީމާ ލަދުވެތިކްނަ ދޫކޮށްލައި މަސްއޫލިއްޔަތު އަދާކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން