އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އަންހެނުންނަށް ޖެހޭ ޚާއްޞަ ބަލި ޙައްވާގެފާނު ތަހަމައްލު ކުރައްވަން ޖެހިވަޑައިގެންނެވީ ބިމުގަ-

ކިޔުމަށް ހޭދަވާނީ 6މ 20ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އަންހެނުންނަށް ޖެހޭ ޚާއްޞަ ބަލި ޙައްވާގެފާނު ތަހަމައްލު ކުރައްވަން ޖެހިވަޑައިގެންނެވީ ބިމުގަ-

ޢަލީ އިޙްޞާން ފިރާޤް 

ދެން އަރަހުށި މާތްﷲ، އާދަމުގެފާނާއި ޙައްވާގެފާނާ ދެކަނބަލުން ސުވަރުގެއިން ބޭރުކުރައްވައި ދުނިޔޭގެ ބިމަށް ބޭލުއްވިއެވެ. މިކަމަށް އިޝާރާތް ކުރައްވައި ބަޤަރާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ. 

فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ﴿٣٦﴾

މާނައީ: [ފަހެ، شيطان އާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އަޅުވައި، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި نعمة ތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ.]

ހަމަ މިވާހަކަ އަޢުރާފު ސޫރަތުގެ 24 އަދި 25 ވަނަ އާޔަތުގައި އަރަހުށި މާތްﷲ، ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

قَالَ اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ ﴿٢٤﴾‏ قَالَ فِيهَا تَحْيَوْنَ وَفِيهَا تَمُوتُونَ وَمِنْهَا تُخْرَجُونَ ﴿٢٥﴾

މާނައީ: [އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ عداوة ތެރިން ކަމުގައިވާ حال، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، قرار ވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ. އެކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ދިރިއުޅޭހުށީ، އެތާނގައެވެ. އަދި މަރުވާހުށީވެސް އެތާނގައެވެ. އަދި (قيامة ދުވަހުން ދިރުއްވައި) ނެރުއްވާހުށީވެސް އެތަނުންނެވެ.] 

ޞައްޙަ ޙަދީޘުން ސާބިތުވާ ގޮތުގައި آدم عليه السّلام އާއި ޙައްވާގެފާނު ސުވަރުގެއިން ބޭރުކުރައްވައި ދުނިޔޭގެ ބިމަށް ފޮނުއްވީ ހުކުރު ދުވަހެއްގައެވެ. އަބޫ ހުރައިރާ ރަޟިޔަ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. 

"‏ خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ فِيهِ خُلِقَ آدَمُ وَفِيهِ أُدْخِلَ الْجَنَّةَ وَفِيهِ أُخْرِجَ مِنْهَا ‏"{صحيح مسلم/ كتاب الجمعة/ باب فَضْلِ يَوْمِ الْجُمُعَةِ/ ޙަދީޘް ނަންބަރު 854}

މާނައީ: "އެދުވަހެއްގައި އިރުއެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެދުވަހު އާދަމުގެފާނު ޚަލްޤުކުރެވުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެ ވެއްދުނެވެ. އަދި އެދުވަހު އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ." 

آدم عليه السّلام އާއި ޙައްވާގެފާނު ސުވަރުގޭގައި ހުންނެވި މުއްދަތާ ބެހޭ ގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު ހިނގައިފައިވެއެވެ. އެދެކަނބަލުން ބިމަށް ބޭލުއްވިއިރު ބޭލުއްވީ ކޮން ބިމަކަށްތޯއާ މެދުވެސް ޢިލްމުވެރިންގެ މެދުގައި ޚިލާފު ހިނގައިފައިވެއެވެ. އެއްވެސް ޞައްޙަ ޙަދީޘެއް މިކަމުގައި ވާރިދުވެގެން އައިސްފައެއްނެތެވެ. ބައެއް މީހުން ބުނަނީ އާދަމުގެފާނު ބޭލުއްވީ އިންޑިޔާގެ ބިމަށްކަމުގައެވެ. ޙައްވާގެފާނު ބޭލުއްވީ ޖިއްދާއަށްކަމުގައެވެ. މިފަދައިން ސަލްމާނުލް ފާރިސީ ރަޟިޔަ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަމަވެސް ރިވާޔަތަކީ ޟަޢީފު ރިވާޔަތެކެވެ. 

عبد اللّـه بن عبّاس رضى اللّـه عنه  ގެ ބަސްފުޅެއް އިބްނު ޙަޖަރު ފަތުޙުލް ބާރީގައި ގެންނަވައިފައިވެއެވެ. އެ ރިވާޔަތަކީ ޞައްޙަ ސަނަދަކުން ރިވާވެގެންވާ ރިވާޔަތެކެވެ. އިބްނުޢައްބާސް ވިދާޅުވެފައިވެއެވެ. 

أن ابتداءَ الحيضِ كان على حواءَ بعد أن أهبطت من الجنةِ  { ابن حجر العسقلان،  فتح الباري لابن حجر، إسناده صحيح ، الصفحة أو الرقم : 1/477}

މާނައީ: [ޙައްވާގެފާނު ޙައިޟުވާންފެއްޓެވީ އެކަމަނާ ސުވަރުގެއިން ބިމަށް ބޭލުއްވުމަށްފަހުގައެވެ.] 

 

 

މިއަދު އޮންލައިން