އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އާދަމްގެފާނު ތައުބާވެވަޑައިގެންނެވުމަށް ބޭނުންފުޅު ކުރެއްވި ކަލިމަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 5މ 54ސ
އިތުރު ބައިތަކާއެކު އާދަމްގެފާނު ވާހަކަ: އާދަމްގެފާނު ތައުބާވެވަޑައިގެންނެވުމަށް ބޭނުންފުޅު ކުރެއްވި ކަލިމަ-

ޢަލީ އިޙްޞާން ފިރާޤް

 

ބިމަށްބޭލުއްވުން: 

آدم عليه السّلام އާއި ޙައްވާގެފާނަށް އެބޭކަނބަލުންނަށް ކުރެއްވުނު ކުށުގެ ބޮޑުކަން އެނގިވަޑައިގެން ކަލިމަފުޅުތަކެއް ވިދާޅުވެ ތައުބާވެވަޑައިގެންނެވިއެވެ. ދެން، މާތްالله سبحانه وتعالى، އެދެބޭކަނބަލުންނަށް ތައުބާލެއްވިއެވެ. ސޫރަތުލް ބަޤަރާގެ 37 ވަނަ އާޔަތުގައި އަރަހުށި މާތް ވަޙީ ކުރައްވައިފައިވެއެވެ. 

فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ ﴿٣٧﴾‏

މާނައީ: [ފަހެ، آدم ގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން كلمة ފުޅުތަކެއް ބާވައިގަންނަވައި (އެ كلمة ފުޅުތައް ވިދާޅުވެ، توبة ވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް توبة ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.]

މިދެންނެވި އާޔަތުގައިވާ ކަލިމަފުޅުތަކަކީ އަލް އަޢުރާފު ސޫރަތުގެ 23 ވަނަ އާޔަތުގައި ބަޔާންވެގެންވާ ކަލިމަފުޅުތައް ނުވަތަ ދުޢާކަމަށް މުފައްސިރުން ލިޔުއްވައެވެ. އެ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވެއެވެ. 

قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ ﴿٢٣

މާނައީ: [އެ ދެކަނބަލުން ދެންނެވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ]. 

މުޖާހިދު ވިދާޅުވާ ގޮތުގައި މާތް ގެ ޙަޟްރަތުން آدم عليه السّلام އަށް ބާވައިގެންނެވީ މިދަންނަވާ ކަލިމަތެކެވެ.  

اللَّهُمَّ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ وَبِحَمْدِكَ، رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي إِنَّكَ خَيْرُ الْغَافِرِينَ، اللَّهُمَّ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ وَبِحَمْدِكَ، رَبِّ إِنِّي ظَلَمْتُ نَفْسِي فَارْحَمْنِي، إِنَّكَ خَيْرُ الرَّاحِمِينَ. اللَّهُمَّ لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ وَبِحَمْدِكَ، رَبِّ إِنِّي ظَلَمْتُ نَفْسِي فَتُبْ عَلَيَّ، إِنَّكَ أَنْتَ التَّوَّابُ الرحيم. 

މާނައީ: އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވެވޮޑިގެންވެއެވެ. އެންމެހައި ޙަމްދާއި ތާރީފެއްވަނީ އިބަރަސްކަލާނގެއަށެވެ. އަޅުވެރިރަސްކަލާކޯއެވެ. ހަމަކަށަވަރުން އަޅާގެ ނަފްސުގެ މައްޗަށް މިއަޅާ އަނިޔާވެރިވެއްޖައީމުއެވެ. ފެހެ އިބަރަސްކަލާނގެ މިއަޅާއަށް ޢަފޫކުރައްވާނދޭވެ. އިބަރަސްކަލާނގެއަކީ ރަޙަމަތްލައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. އިބަރަސްކަލާނގެ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވެވޮޑިގެންވެއެވެ. އެންމެހައި ޙަމްދާއި ތާރީފެއްވަނީ އިބަރަސްކަލާނގެއަށެވެ. އަޅުވެރިރަސްކަލާކޯއެވެ. ހަމަކަށަވަރުން އަޅާގެ ނަފްސުގެ މައްޗަށް މިއަޅާ އަނިޔާވެރިވެއްޖައީމުއެވެ. ފެހެ އިބަރަސްކަލާނގެ މިއަޅާއަށް ޢަފޫކުރައްވާނދޭވެ. އިބަރަސްކަލާނގެއަކީ ރަޙަމަތްލައްވާ އެންމެ ހެޔޮ ރަސްކަލާނގެއެވެ.  {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ފުރަތަމަ ޖިލްދު، ޞަފްޙާ 189} 

މިދެންނެވި ދެ ބުނުމުގެ ތެރެއިން އެންމެ ޞައްޙަ އަދި އެންމެ ރަނގަޅު ގޮތަކީ އެ ކަލިމަފުޅުތަކަކީ އަޢުރާފު ސޫރަތުގައިވާ ކަލިމަފުޅުތައް ކަމުގައި ބުނާ ޢިލްމުވެރިންގެ ބުނުމެވެ. އެއީ ޤުރްއާނުން ދަލީލު ލިބޭ ގޮތެވެ.

 

 

މިއަދު އޮންލައިން