ސައިފުﷲ ޚާލިދު ބުނުލް ވަލީދު 3: އިސްލާމްވެވަޑައިގެންނެވުމުގެ ކުރީގެ ދިރިއުޅުއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 3: އިސްލާމްވެވަޑައިގެންނެވުމުގެ ކުރީގެ ދިރިއުޅުއްވުން

ޢަލީ އިޙްޞާން ފިރާޤް

ކުރީގެ ދިރިއުޅުއްވުން

މުސްލިމުންނާއި މުޝްރިކުން ލަޝްކަރު ބައްދަލުކޮށް ކުރެވުނު އެންމެ ފުރަތަމަ ހަނގުރާމައަކީ ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައި ކުރެވުނު ބަދުރު ހަނގުރާމައެވެ. މި ހަނގުރާމަ ހިނގީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ ހުކުރު ދުވަހެއްގައެވެ. އޭރު خالد بن الوليد رضى اللّـه عنــه ހުންނެވީ ކާބަފައިންގެ ދީންމަތީގައެވެ. ނަމަވެސް ބަދުރު ހަނގުރާމައަކު، އެކަލޭގެފާނު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގެ ތެރެއިން خالد بن الوليد رضى اللّـه عنــه ގެ މުހިންމު އެއް ރޯލު ފެނިގެން ދިޔައީ ހިޖުރައިން ދެވަނަ އަހަރުގެ ތެރޭގައި ކުރެވުނު އުޙުދު ހަނގުރާމައިގައެވެ. އުޙުދު ހަނގުރާމައިގައި އެންމެ ފުރަތަމަ ކާމިޔާބު ލިބިގެންދިޔައީ މުސްލިމުންނަށެވެ. މުޝްރިކުން ބަލިވެ ފިލަން ދުއްވައިގަތުމުން މުސްލިމުން ހަނގުރާމައިގެ މައިދާނުގައި ޣަނީމާ މުދާލާއިގެން މަޝްޣޫލުވެއްޖެއެވެ. ފަރުބަދަ މަތީގައި ތިއްބެވި ތީރުވެރިންވެސް، ފަރުބަދަމަތީން ފައިބައި ޣަނީމާ މުދާ އެއްކުރުމުގައި މަޝްޣޫލުވެއްޖެއެވެ.

ހަނގުރާމައިގެ މައިދާން ދޫކޮށްވަޑައިގަންނަވަމުންވެސް خالد ގެފާނުގެ ގެންދެވީ މުސްލިމުންގެ ބޯކޮޅު ބައްލަވަމުންނެވެ. ހަމަލައެއް ދެއްވޭނެ ފަދަ ފަހި ފުރުސަތަކަށް ބައްލަވަމުންނެވެ. އެހެންކަމުން، ލިބިވަޑައިގެންނެވި މި ރަނުގެ ފުރުސަތު ނަންގަވައި ނުލައްވައި، ވިދާލި ވިދުވަރެއް ފަދައިން ވަޑައިގެން މުސްލިމުންގެ ލަޝްކަރުގެ ފަހަތުން ވަރުގަދަ ހަމަލައެއް ދެއްވިއެވެ. ފިލާންދުވުނު މުޝްރިކުންގެ ލަޝްކަރުގެ މީސްތަކުންވެސް خالد ގެފާނުގެ އިޝާރާތަށް އެތަން މިތަނުން އައިސް ހަނގުރާމައިގެ މައިދާނަށް އެއްވެ މުސްލިމުންގެ ފަހަތުންނާއި ކުރިމަތީން ހަމަލާ ދޭންފަށައިފިއެވެ.

މުސްލިމުންގެ ލަޝްކަރުގެ މީސްތަކުން ނުދެނެތިއްބައި، މުޝްރިކުން ދިން ހަމަލާއިން އެބައިމީހުންނަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. ނަތީޖާއެއްގެ ގޮތުން ބައެއް މުސްލިމުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަންވެސް ދުވިއެވެ. އަނެއް ބަޔަކު ހަނގުރާމައިގެ މައިދާނުގައި ފައިތިލަ ސާބިތުކޮށް ނުހަނު ހިތްވަރާއެކު ހަނގުރާމަ ކުރަމުން ގެންދިޔައެވެ. ހަނގުރާމަ ނިމިގެން ދިޔައިރު މުސްލިމުންގެ ލަޝްކަރުގެ މީސްތަކުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބޭކަލުން ޝަހީދުވިއެވެ. ޚުދު ނަބިއްޔާ صلّى اللّـه عليه وسلّم  ގެ ހަށިކޮޅަށްވެސް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. {ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން}

ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައި މާތް ނަބިއްޔާ صلّى اللّـه عليه وسلّم އަށް ވަރަށް ބަރަކާތްތެރި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ މަސްޖިދުލް ޙަރާމަށް އެކަލޭގެފާނުގެ އަޞްޙާބުންނާއެކު ވެދެވަޑައިގެންވީތީއެވެ. ގެފުޅު ވަށައިގެން ޠަވާފުކުރައްވައި، ޢުމްރާގެ އަޅުކަން ފުރިހަމަ ކުރެއްވީތީއެވެ. އެބޭކަލުންގެ ތެރެއިން އެއްބައިބޭކަލުންގެ އިސްތިފުޅުން ބައެއް ކަނޑުއްވައި، އަނެއްބައި ބޭކަލުންގެ އިސްތަށިފުޅު ބާލުއްވައިފައިވާތަނެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  މި އުފާވެރި ޚަބަރު އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ދެއްވިއެވެ. އެބޭކަލުން މި ޚަބަރު ލިބިވަޑައިގެން ނިހާޔަތަށް އުފާފުޅު ކުރެއްވިއެވެ.

ޢުމްރާވެވަޑައިގެންނެވުމުގެ މާތް މަޤުޞަދުގައި، ނަބިއްޔާ صلّى اللّـه عليه وسلّم  އާއި އެކަލޭގެފާނުގެ އަޞްޙާބުން މަދީނާއިން ނުކުމެވަޑައިގެންނެވީ ހިޖުރައިން 6 ވަނަ އަހަރުގެ ޛުލްޤައިދާމަހުގެ ކުރީކޮޅުގެ ދުވަހެއްގައެވެ. މުޝްރިކުންނަށް މުސްލިމުންގެ ލަޝްކަރު މައްކާއަށް އަންނަކަމުގެ ޚަބަރު ލިބިމުން އެބައިމީހުންގެ ޚާއްޞަ މަޖިލިސެއް ބޭއްވިއެވެ. މަޤްޞަދަކީ މުސްލިމުން މައްކާއަށް ވަނަނުދިނުމެވެ.

ޤުރައިޝުންގެ މި ތަދުބީރު ފުރިހަމަ ކުރުމަށްޓަކައި، خالد بن الوليد رضى اللّـه عنــه ދުއިސައްތަ މީހުންގެ ލަޝްކަރަކާއެކު މުސްލިމުން ދަތުރުކޮށްފައި އަންނަ މަގަށް ވަޑައިގެންނެވިއެވެ. އިއްތިފާޤުން خالد بن الوليد رضى اللّـه عنــه އަށް ވަޑައިގެންނެވުނީ މުސްލިމުން މެންދުރު ނަމާދަށް ތިއްބައެވެ. އެވަގުތު خالد ގެފާނު މުސްލިމުންނަށް ޙަމަލާދިނުމަށް ޤަޞްދުކުރެއްވިއެވެ. ނަމަވެސް މުސްލިމުންނަށް އެވަގުތު ބިރުވެރިކަމުގެ ޙާލަތުގައި ކުރަންޖެހޭ ނަމާދުގެ ޙުކުމް ބާވައިލެއްވިއެވެ. މުސްލިމުން އަވަސް އަވަށް އެބައިމީހުން ދަތުރު ކުރަމުން ގެންދިޔަ މަގު ބަދަލުކޮށް މައްކާގެ ފަރުބަދަތަކުން ލައިގެން ދެވެން އޮންނަ މަގުން ދަތުރުކޮށްފައި ދިޔައީއެވެ. މުސްލިމުންގެ ލަޝްކަރަށް ޙަމަލާދެއްވަން ކުރެއްވި މަސައްކަތް خالد ގެފާނަށް ނާކާމިޔާބު ވިއެވެ. މިކަން ނާކާމިޔާވުބުވުމުން خالد ގެފާނު އަވަސް އަވަހަށް ވަޑައިގެން މުސްލިމުންގެ ޙަރަކާތްތަކުގެ މައުލޫމާތު މުޝްރިކުންނަށް ދެއްވިއެވެ. {ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 339 އަދި 340}

މިއަދު އޮންލައިން