އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މައިގަނޑު ގޮތެއްގައި އިސްކަންދީފައިވާނީ، އައު މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ އަންނަ އަހަރުގެ ނިޔަލަށް މުޅިން ނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުން ކަމަށެވެ. އަދި މި އަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް މަޝްރޫޢުތަކުގެ މަސައްކަތްތައް އަވަސްކުރުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ޚަރަދުތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ "ކުރިއަށް އޮތް ދެ މަހަށް ބަލާއިރު ވެސް އެކަން އޮތީ އެހެން. މަޝްރޫޢުތަކަށް އޮކްޓޯބަރުގެ ނިޔަލަށް 5.3 ބިލިއަން ހޭދަވި. އަހަރު ނިމޭއިރު 6.8 ބިލިއަން އަށް އެ އަދަދު އަރާނެ. މި އަހަރު ނިމޭއިރު 1.5 ބިލިއަން އިތުރަށް އެބަ ހޭދަވޭ،" ކަމަށެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. މިއީ މި ހިނގާ 2026ވަނަ އަހަރަށް ޕީއެސްއައިޕީއަށް ކަނޑައަޅައި، ފަހުން 6.5 ބިލިއަން ރުފިޔާއަށް ރިވައިޒްކުރެވުނު އަދަދާ އަޅައިބަލާއިރު ބޮޑު އިސްކަމެއް ދީފައިވާ މިންވަރެކެވެ.
ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަޒީރު ވަނީ ރައްޔިތުންގެ އުންމީދުތަކާ ސީދާ ގުޅިފައިވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި، ވީއެންމެ އަވަހަކަށް ނިންމުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލުތައް މެންބަރުންނާ ޙިއްސާކުރައްވާފައެވެ. މީގެ އިތުރުން ދައުލަތުގެ ހިންގުމުގެ ޚަރަދުތަކާއި، ދަރަނި އަދާކުރުމަށް ހަމަޖެހިފައިވާ އިންތިޒާމުތަކުގެ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.