ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒު ކުރުމާ ބެހޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރާ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވައިލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ބައިނަލްއަޤުވާމީ ކަމާގުޅޭ އުސޫލުތަކުގެ އިތުރުން އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ހައްޤުތަކަށް ފުރިހަމައަށް ރިއާޔަތްކުރުމެވެ.
މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، މިފަދަ މައްސަލަތަކުގައި ކޯޓުތަކުން އަމަލުކުރަންޖެހޭނެ ގޮތްތައް ހިމެނެއެވެ. މީގެއިތުރުން، މި މަރުހަލާތަކުގައި ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތަކާއި، މަރުގެ އަދަބު ކަނޑައެޅޭ މީހާއަށް ލިބިދޭންޖެހޭ ޤާނޫނީ ހައްޤުތައްވެސް ބިލުގައި ތަފުސީލުކޮށްދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށް ވަކި ޤާނޫނެއް އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި ޤާނޫނުގައި ކަނޑައެޅިފައިވާ މަރުހަލާތައް ފުރިހަމަވުމުން، މަރުގެ އަދަބު ތަންފީޒުކުރުމަށް ސަރުކާރުން ފަސްނުޖެހޭނެ ކަމަށާއި، އެކަން ކުރާނީ މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ ހައްޤުތައް ކަށަވަރުވާނެ ހަމައަކުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެކަމަކީ ކޮންފަދަ ކަމެއްކަން ވަރަށް ސާފުކޮށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމެއް. ޤާނޫނުއަސާސީ ވަރަށް ސާފުކޮށް ބުނޭ ޤާނޫނުތައް ހަދަންވާނީ އިސްލާމްދީނާ އެއްގޮތަށްކަން. އެހެންވީމަ މަރުގެ އަދަބު ތަންފީޒުކުރަން ޖެހޭ ހާލަތަށް ގޮސްފައިވާ ފަރާތްތަކަށް، އިސްލާމީ ޤައުމެއްގެ ވެރިޔާއަށް އޮތްކަމެއް ނޫން އެކަން ހިފެހެއްޓުމަކީ،" ރައީސް ވިދާޅުވިއެވެ.