ރިއަލް އެސްޓޭޓް ބިލަކީ ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމްދީން ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ބިލެއް: ޕީއެންސީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ރިއަލް އެސްޓޭޓް ބިލަކީ ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމްދީން ފުރިހަމައަށް ރައްކާތެރިކޮށްދޭނެ ބިލެއް: ޕީއެންސީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލަކީ ގާނޫނީ ގޮތުން ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމްދީން ފުރިހަމައަށް ރައްކާތެރިކުރެވިގެންދާނެ، އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ ބިލެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ގުޅިގެން ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މި ބިލުގެ ސަބަބުން ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާ ހަރުދަނާ ގޮތެއްގައި ރެގިއުލޭޓުކުރެވި، އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން ގެދޮރު ބިނާކުރާ ފަރާތްތަކާއި، ބިމުގެ ވެރިންނާއި، މުދާ ގަންނަ ފަރާތްތަކުގެ ހުރިހާ ހައްގެއް ބިލުގައި ބަޔާންކޮށް، މާލީ ކަންކަން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށްދާނެ މަގު ތަނަވަސްކޮށްދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދީނީ އަދި ގައުމީ ސިޔާދަތު ރައްކާތެރިކުރުމުގެ ގޮތުން މި ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ރިއަލް އެސްޓޭޓް ޒޯނުތަކުގައި ބަނގުރަލާއި އޫރުމަސް ވިއްކުން މަނާކުރުމާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއި ޖުވާކުޅުން ފަދަ އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާ އެންމެހައި ކަންކަން ކުރުން ވަނީ މަނާކޮށްފައެވެ. އަދި މިފަދަ ހުރިހާ ސަރަހައްދުތަކެއްގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާނީ ދިވެހި ދައުލަތުގެ ސަލާމަތީ ހިދުމަތްތަކުން ކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި ބިލުގެ ދަށުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް މުހިންމު އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް ހިންގާ މާސްޓާ-ޑިވެލޮޕަރުން ބިމުގެ ޕްރިމިއަމްގެ ގޮތުގައި ވިއްކާ އަދި ކުއްޔަށްދޭ މުދަލުން ލިބޭ އާމްދަނީގެ 10 އިންސައްތައަށްވުރެ މަދުނޫން މިންވަރެއް ދައުލަތަށް ދައްކަންޖެހެއެވެ. މީގެ އިތުރުން ޕްރޮޕަޓީ ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 4 އިންސައްތަ ދައުލަތަށް ލިބޭނެ މަގުވެސް މި ބިލުން ވަނީ ފަހިކޮށްދީފައެވެ.

ހަމައެއާއެކު، ރިއަލް އެސްޓޭޓް މަޝްރޫއުތަކުގެ ދަށުން ތަންތަން ތަރައްގީކުރުމުގައި ރާއްޖޭގެ ވިޔަފާރިތަކަށް އިސްކަންދިނުމަށާއި، ވަޒީފާގެ ފުރުސަތުތައް ދިނުމުގައި ދިވެހި މުވައްޒަފުންނަށް އިސްކަންދިނުންވެސް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ.

މިއަދު އޮންލައިން