ސައިފުﷲ ޚާލިދު ބުނުލް ވަލީދު 2: ފެނިވަޑައިގެންނެވި ހުވަފެންފުޅާއި އިސްލާމްވެވަޑައިގަންނަވަން މެދުވެރިވި ސަބަބު

ކިޔުމަށް ހޭދަވާނީ 5މ 58ސ
ސައިފުﷲ ޚާލިދު ބުނުލް ވަލީދު 2: ފެނިވަޑައިގެންނެވި ހުވަފެންފުޅާއި އިސްލާމްވެވަޑައިގަންނަވަން މެދުވެރިވި ސަބަބު

ޢަލީ އިޙްޞާން ފިރާޤް

 

އިސްލާމްވެވަޑައިގަތުން:

މާތް ނަބިއްޔާ صلّى اللّـه عليه وسلّم އާ މުޝްރިކުންނާ ދެމެދު ޞުލްޙައިގެ އެއް ބަސްވުމެއްގައި، ސޮއެކުރެވުނެވެ. މި އެއްބަސްވުމަށް ޞުލްޙުލް ޙުދައިބިއްޔާގެ އެއްބަސްވުމޭ ކިޔައެވެ. މި އެއްބަސްވުން ވެވުނީ ހިޖުރައިން ހަވަނަ އަހަރުގެ ތެރޭގައެވެ. މި އެއްބަސްވުމަށްފަހު، ނަބިއްޔާ صلّى اللّـه عليه وسلّم އާއި އެކަލޭގެފާނުގެ އަޞްޙާބުން މަދީނާއަށް ވަޑައިގެންނެވިއެވެ. އޭރު خالد ގެފާނު ވިސްނައި ވަޑައިގަންނަވަމުން ގެންދެވިއެވެ. ދެން އަހަރެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ޙަބަޝާއަށް ހިޖުރަ ކުރާނީ ބާވައެވެ؟ ހަމަ އެވަގުތު އެކަލޭގެފާނު ހިތްޕުޅަށް އެރިއެވެ. ނަޖާޝީ ހުންނެވީ ނަބިއްޔާ صلّى اللّـه عليه وسلّم އަށް އީމާންވެވަޑައިގެންނެވެ. އިސްލާމްވެވަޑައިގެންނެވެ. އޭނާގެ ވެރިކަމުގެ ދަށުގައި މުސްލިމުން ދިރިއުޅެމުން ގެންދަނީ ނުހަނު އަމާންކަމާ އެކުގައެވެ.

ދެން ރޯމަންގެ ރަސްގެފާނުގެ ހިރަޤުލުގެ އަރިހަށް ދިޔުމަށް އެކަލޭގެފާނުގެ ހިތްޕުޅަށް އެރިއެވެ. އެ ރަސްގެފާނުގެ އަރިހަށް ވަޑައިގެން ކާބަފައިންގެ ދީން ދޫކޮށް، ޔަހޫދީންގެ ދީނަށް ނުވަތަ ނަޞްރާނީ ދީނަށް ވަންނާނީއެވެ. ނަމަވެސް މި ޚިޔާލުފުޅެއްވެސް އެކަލޭގެފާނަށް ކަމަކު ނުދިޔައެވެ. އެކަލޭގެފާނު ޢަރަބި ކަރަ ދޫކޮށްވަޑައިގެންނެވުމަށް ޤަޞްދުކުރެއްވިއެވެ. ނަމަވެސް ޢަރަބިކަރައަކީ އެކަލޭގެފާނު އުފަންބިންކަމަށް ވެފައި އެ ފަސްގަނޑު ދޫކޮށް ވަޑައިގެންވުމަކަށް އެކަލޭގެފާނު ހިތްޕުޅު ހަމައެއް ނުޖެހުނެވެ.

ތަފާތު ޚިޔާލީ އޮއިވަރުތައް އެކަލޭގެފާނު ހިތްޕުޅުގައި ބާނިލަމުން ގެންދިޔައެވެ. އެ ޙާލުކޮޅުގައި ހުންނަވަނިކޮށް އެއްދުވަހަކު، އެކަލޭގެފާނުގެ އަޚު الوليد بن الوليد ގެ ފަރާތްޕުޅުން ސިޓީފުޅެއް ލިބިވަޑައިގެންނެވިއެވެ. އެ ސިޓީފުޅުގައިވަނީ ނަބިއްޔާ صلّى اللّـه عليه وسلّم، خالد ގެފާނު ވަޑައިގެންވިތަނެއް އެއްސެވި ވާހަކައެވެ. އަދި خالد ފަދަ ވިސްނުންފުޅު ތޫނު ބުއްދިވެރި ބޭފުޅަކު އިސްލާމްދީނަށް ނުވަދެ ހުރުން އެކަށީގެން ނުވާކަމަށް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވި ވާހަކައެވެ.

މި ސިޓީގައިވާ ވާހަކަތައް އެނގިވަޑައިގެންނެވުމުން خالد ގެފާނަށް އިތުރަށް އިސްލާމްދީނާމެދު ވިސްނައި ވަޑައިގެންނެވުމަށް މަޖުބޫރުވެވަޑައިގެންނެވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم އެކަލޭގެފާނު ކޮބައިތޯ އެއްސެވުމުން އެކަމާ ނުހަނު އުފާފުޅު ކުރެއްވިއެވެ. އެދުވަސްވަރު އެކަލޭގެފާނަށް ވަރަށް އާދަޔާ ޚިލާފު ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ، ވަރަށް ހަނި ދަތި ތަނެއްގައި އެކަލޭގެފާނު ހުންނަވައިފައި، ވަރަށް ތަނަވަސް ފެހިކުލައިގެ އާރޯ މައިދާނަކަށް ނުކުމެވަޑައިގެންނެވުނީތީއެވެ. މި ހުވަފެންފުޅު ފެނިވަޑައިގެން އެދުވަހު ހޭފުޅުލައްވައި، އިސްލާމްވެވަޑައިގެންނެވުމަށް މަދީނާއަށް ވަޑައިގެންނެވުމަށް ޤަޞްދުކުރެއްވިއެވެ. ނަމަވެސް ގިނިކަންޏާ މަދީނާއަށް ވަޑައިގެންނެވުމަށް އެކަލޭގެފާނަށް ކެރިވަޑައެއް ނުގެންނެވިއެވެ. ނުވަތަ ބޭނުންފުޅެއް ނުވިއެވެ. 

މި މަޤްޞަދުގައި އެކަލޭގެފާނު ވަޑައިގެން عثمان بن طلحة  އާ ވާހަކަފުޅު ދައްކަވައި ދެ ބޭކަލުން މަދީނާއަށް ވަޑައިގެންނެވުމަށް ދަތުރުފުޅު ފެއްޓެވިއެވެ. އެ ދެ ބޭކަލުން ދަތުރު ކުރައްވައި ވަޑައިގަންނަވަނިކޮށް، މަގުމަތީން عمرو بن العاص އާ ބައްދަލުވެވަޑައިގެންނެވިއެވެ. އޭނާވެސް ދަތުރު ކުރައްވަމުން ވަޑައިގެންނެވީ މަދީނާއަށެވެ. ނަބިއްޔާ صلّى اللّـه عليه وسلّم ގެ ފައިންޕުޅު ދެކެ އިސްލާމްވެޑައިގެންނެވުމުގެ ބޭނުންފުޅުގައެވެ. ދެން މީގެ ތިންކަލުން މަޝްވަރާކުރެއްވުމަށްފަހު، ވަރަށް އުފާފުޅުން ތިއްބަވައި ދަތުރު ކުރައްވައި ވަޑައިގެން ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަތްޕުޅު މައްޗަށް އިސްލާމްދީނުގެ ބައިޢަތު ހިތްޕެވިއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم، خالد ގެފާނަށް ޙަދީޘް ކުރެއްވިއެވެ.

"ކަލޭގެފާނުގެ ޙިކުމަތްތެރިކަމާއި، ބުއްދިވެރިކަމާއި، ދުރުވިސްނިވަޑައިގެންނެވުމުގެ ސަބަބުން، ކަލޭގެފާނު ކޮންމެވެސް ދުވަހަކުން އިސްލާމްވެވަޑައިގަންނަވާނެކަން ތިމަންކަލޭގެފާނަށް ޔަޤީން ކުރެވުނެވެ."

خالد بن الوليد رضى اللّـه عنــه، ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަރިހުން އެކަލޭގެފާނުގެ ފާފަތައް ފުއްސަވައި ދެއްވައި ރަޙްމަތްލެއްވުން އެދިވަޑައިގެން ދުޢާފުޅު ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. ނަބިއްޔާ ނުހަނު އޯގާތެރިކަމާއެކު خالد ގެފާނަށް ވިސްނަވައި ދެއްވިއެވެ. އިސްލާމްވުމަށްފަހު، ކުރީން ކުރެވިފައިވާ އެންމެހައި ފާފަތައް މާތް ﷲ ފުއްސަވައި ދެއްވާނެ ކަމަށެވެ. އެ ފާފަތަކަށް ޢަޛާބު ނުދެއްވާނެ ކަމަށެވެ. ނަބިއްޔާ صلّى اللّـه عليه وسلّم،  خالد ގެފާނަށް ހެޔޮ ދުޢާފުޅުކޮށްދެއްވައި ހެއްދެވިއެވެ. {ޣައްޡަންފަރު، ކޮމާންޑަރ އޮފް މުސްލިމް އާރމީ، ޞަފްޙާ 30،31،32}

ޣައްޡަންފަރު، އޭނާގެ ފޮތުގައި ލިޔުއްވާފައިވަނީ، خالد ގެފާނު އިސްލާމްވެވަޑައިގެންނެވުމަށް މަދީނާއަށް ވަޑައިގެންނެވީ ހިޖުރައިން 8 ވަނަ އަހަރުގެ ޞަފަރު މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. 

ޞަފިއްޔުއް ރަޙްމާނު މުބާރަކު ޕޫރީ އައްރަހީޤުލް މަޚްތޫމުގައި ލިޔުއްވާފައިވަނީ، خالد ގެފާނާއި، عثمان بن طلحة رضى اللّـه عنــه އާއި، عمرو بن العاص  رضى اللّـه عنــه އިސްލާމްވެވަޑައިގެންނެވީ ހިޖުރައިން ހަތްވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އޭގެ ތިންބޭކަލުން އިސްލާމްވެވަޑައިގެންނެވުމުން ނަބިއްޔާ އެކަމާ ވަރަށް އުފާފުޅު ކުރެއްވި ކަމަށެވެ. އަދި ޙަދީޘް ކުރެއްވިއެވެ. [މައްކާ އޭގެ ލޭތަށް ތިމަންބޭކަލުންނާ މިއަދު ޙަވާލުކޮށްފިއެވެ.]

{ޞަފިއްޔުއް ރަޙްމާނުލް މުބާރަކު ޕޫރީ، އައްރަހީޤުލް މަޚްތޫމު، އިނގިރޭސި އެޑިޝަން، ޞަފްޙާ 348}

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

މިއަދު އޮންލައިން