ރަސްމާލެ ހިއްކުމަށް 700 މިލިޔަން ޑޮލަރު ޚަރަދުވި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަސްމާލެ ހިއްކުމަށް 700 މިލިޔަން ޑޮލަރު ޚަރަދުވި ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ވަޒީރު

ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫޢަށް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑުތަނުން ޚަރަދު ކުޑަކުރެވިފައިވާ ކަމަށާއި، މި މަޝްރޫޢަށް މިހާރު ހޭދަވާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލޮަތުގެމީޑިއާ ގުޅިގެން ގެނެސްދިން "އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލެ ހިއްކަން ފެށިއިރު މުޅި މަޝްރޫޢަށް 500 މިލިޔަނާއި 700 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ސަރުކާރުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، އެކި ކުންފުނިތަކާ ހަވާލުކޮށްގެން ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ވީހާވެސް ޚަރަދު ކުޑަކުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، 1109 ހެކްޓަރުގެ މުޅި ރަސްމާލެ ހިއްކާ ނިމޭއިރު ދައުލަތުން ޚަރަދުވާނީ ގާތްގަނޑަކަށް 330 މިލިޔަން ޑޮލަރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި އަދަދަކީ ކުރީ ސަރުކާރުން ހިންގާފައިވާ ގުޅީފަޅާއި ގިރާވަރުފަޅު ފަދަ މަޝްރޫޢުތަކުގެ އޭރުގެ މާކެޓް ރޭޓުތަކަށް ބަލައިގެން ކުރިން ލަފާކޮށްފައި ހުރި އަދަދުތަކާ އަޅައިބަލާއިރު ވަރަށް ކުޑަ އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މުއްޠަލިބު ވަނީ، ސިޔާސީ އެކިއެކި ބޭނުންތަކަށްޓަކައި އަދި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމުގެ މަޤުޞަދުގައި މި މަޝްރޫޢާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ވަރަށް ބޮޑަށް ރައްދުދެއްވާފައެވެ. އެގޮތުން، ރަސްމާލެ ހިއްކުމަށް މިހާތަނަށް 700 މިލިޔަނާއި 1 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ޚަބަރުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.

މިއަދު އޮންލައިން