ޙަޤީޤީ ޙާދިސާ: ބަލިޙާލުގަ އޮތް މަންމައަށާ ވޯޑުގަ ތިބި އެހެން ބަލިމީހުންނަށް އެހީތެރިވުމުން 4 ފަރާތުން ރަން ދުނިޔެ ލިބުނު އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޙަޤީޤީ ޙާދިސާ: ބަލިޙާލުގަ އޮތް މަންމައަށާ ވޯޑުގަ ތިބި އެހެން ބަލިމީހުންނަށް އެހީތެރިވުމުން 4 ފަރާތުން ރަން ދުނިޔެ ލިބުނު އަންހެނެއްގެ ވާހަކަ-

އަޅުގަނޑަކީ އެއިރު ޢުމުރުން 23 އަހަރުގެ އަނހެން ކުއްޖަކީމެވެ. މަންމަ އާއި ބައްޕައަށް ލިބުނީވެސް އަޅުގަނޑު އެކަންޏެވެ. އުމުރުން 20 އަހަރުގަ ބައްޕަ ނިޔާވެއްޖެއެވެ. ދިރިއުޅެމުން އައީ ދެމައިން އެކަންޏެވެ. 

ކުއްލިއަކަށް މަންމަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްވަން ޖެހުނެވެ. އެޒަމާނަކީ އާސަންދަ ލިބޭ ޒަމާނެއް ނޫނެވެ. ހުރިހާ ޚަރަދެއް ކުރަން ޖެހެނީ އަމިއްލައަށެވެ. އެހީއަށް އެދި ވެލްފެއާގަ އެދުނަސް ރިޔާސީ ގަނޑުވަރަށް ސިޓީލިޔަސް އެހީދޭނީ ކޮންމެވެސް މިންވަރަކަށެވެ. އެހެންކަމުން މަންމަގެ ބޭސްފަރުވާކުރަން ވަރަށް ދަތިވިއެވެ. އެންމެ މުހިންމު ބޭސް ގެންނަން ޖެހެނީ ބޭރުންނެވެ. ގެނެވޭނެ އެއްވެސް ގޮތެއް ނެތެވެ. 

އެޙާލަތުގައިވެސް އުންމީދު ކަނޑައެއް ނުލަމެވެ. ގެންދިއައީ ކެނޑިނޭޅި ދުޢާކުރަމުންނެވެ. މަންމަމެން އަޅުގަނޑު ތަރުބިއްޔަތުކޮށްފައިހުރީ އެގޮތަށެވެ. ފަރުޟު ނަމާދުތައް ކުރުމާއި ސުންނަތް ނަމާދުތައް ކުރުމާއި އެހެންވެސް ހެޔޮ ޢަމަލުތައްކުރަން މަންމަމެން ވަނީ ދަސްކޮށްދީފައެވެ. 

މަންމަ އޮތް ވޯޑުގައި ތިބި ހުރިހާ އެންމެންނަށްވެސް އަޅުގަނޑު އައީ އެހީތެރިވަމުންނެވެ. އެހީތެރިއަކު ބޭރަށްދާން ބޭނުންވެގެން ބުނެފިނަމަ އެހީތެރިކަން ފޯރުކޮށްދީ ބަލިމީހާ ބަލަހައްޓައިދެމެވެ. 

އެއްދުވަހެއްގެ ހަވީރެވެ. ވިޒިޓިންގ ގަޑިއެވެ. ވޯޑުގައި އޮތް ބަލިމީހަކަށް ގޮވާލަން އައި މީހެކެވެ. އޭނާ އަޅުގަނޑުގެ މަންމަ ގާތަށްވެސް އައެވެ. އަދި ޙާލު އެހިއެވެ. އެވަގުތު ލޮލުން ކަރުނަ އޮހޮރުނެވެ. ސަބަބަކީ މަންމަގެ ގާތް ތިމާގެ އެތައް ބައަކު ތިބެފައި އެއިން މީހަކު މަންމަގެ ޙާލު ބަލައިލަންވެސް ނާންނާތީއެވެ. އޭނާއަކީ މަންމަގެ ޙާލު އެހި ފުރަތަމަ މީހާކަމަށްވުމުންނެވެ. 

އަޅުގަނޑަށް ރޮވުނުތަން ފެނިފައި އޭނާ އަޅުގަނޑުގެ އަތުގައި ހިފައި ވޯޑުން ބޭރަށް ގެންދިއައެވެ. އަދި ދަރިފުޅާއެވެ. ކިޔައިގެން ވާހަކަދައްކަން ފެށިއެވެ. ސުވާލުތައް ކުރަން ފެށުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. ދޮގު ނުހަދަންވެގެން އަޅުގަނޑުމެންގެ ޙާލު ކިޔައިދިނީ ތެދުބަހުންނެވެ. 

ކަންކަން ނިމިގެން ދިއައީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އޭނާވީ ތަނަވަސް އަދި ދީލަތި މީހަކަށެވެ. އެވަގުތުން ފެށިގެން މަންމަގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައިދިނީ އޭނާއެވެ. ބޭނުންވާ ބޭސްވެސް ގެނެސްދިނެވެ. އޭނާގެ އަތުން ޚަރަދުވާނީ ކިތައް ހާސް ރުފިޔާކަމެއްވެސް ނުއެނގެއެވެ. 

މަންމައަށް ގޮވާލަން އެނދާއި ކައިރިވި ސަބަބެއްކަމަށް އޭނާބުނީ އޭނާގެ ތިމާގެ މީހާގެ ކިބައިން އަޅުގަނޑަކީ އެމީހުންނަށް ވެސް އެހީތެރިވާ ކުއްޖެކަން އެނގުމެވެ. އަދި އެހައި ހަގު ޢުމުރުގައިވެސް މަންމަ ބަލަމުން އަދި އެހެން މީހުންނަށްވެސް އެހީތެރިވެދޭކަން އެނގުމުން ވާހަކަ ދައްކާލަން ޝއުޤުވެރިވީ ކަމަށެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ކިތަންމެ ބުރަކޮށް އުޅެންޖެހުނު ނަމަވެސް ވީވަރަކުން އެހެން މީހުންނަށް އެހީތެރިވާށެވެ! އަދި ދަތިޙާލުގައިވެސް ކެތްތެރިވެ ދުޢާކުރާށެވެ. އެމީހަކަށް ކަންކަން ފަހިކޮށް ދެއްވަވާނެތެވެ. 

މީހުންނަށް އެހީވާނެ ފައިސާ އަތުގައި ނެތްނަމަ ޚިދުމަތުން ނަމަވެސް ޞަދަޤާތްކުރާށެވެ. މާތް ﷲ އެމީހަކަށް ހެޔޮ ގޮތްތައް އިރާދަކުރައްވަވާނީ ކިހިނަކުންކަން ނުވެސް އެނގޭނެއެވެ. އެކަމުގެ ހެއްކަކަށް އަޅުގަނޑު މިކިޔައިދިން ވާހަކަ ފުދޭނެއެވެ. 

ދެން އޮތްބައިވެސް އަޑުއަހާށެވެ! މަންމަ ގަދަވެ ގެއަށް ގެނެވުނު ފަހުން އެ ދީލަތި މީހާ އަޅުގަނޑުމެންނަށް ޒިޔާރަތްކުރެއެވެ. ޙާލުބަލައެވެ. ދޭތެރެ ދޭތެރެއިން އޭނާގެ ދަރިފުޅު ފޮނުވައިގެންވެސް ޙާލުބަލައެވެ. ނުކުރެވި ހުންނަ ކަންކަން ކޮށްދެއެވެ. އެގޮތަށް އައުމުގެ ތެރެއިން އުފެދުނު ގުޅުމަކުން އަލުގަނޑާއި އޭނާގެ ދަރިފުޅާއި މިވަނީ ކައިވެނި ކުރެވިފައެވެ. އެއީވެސް ހަމަ އޭނާގެ ބައްޕަ ފަދަ ހިތްހެޔޮ ހެޔޮލަފާ ތަޤްވާވެރިއެކެވެ. ކައިވެންޏަށް 17 އަހަރު ފުރިއްޖެއެވެ. 5 ދަރިން އެބަތިއްބެވެ. 

މިހުރިހާ ރަޙްމަތެއް މިންވަރު ކުރެއްވެވި ސަބަބުކަމަށް އަޅުގަނޑު ޤަބޫލުކުރަނީ މަންމަމެން އަޅުގަނޑަށް ދިން ތަރުބިއްޔަތެވެ. ދީނީ ގޮތުންނާއި އެހެން މީހުންނަށް އެހީތެރިވުމުގައެވެ. އަޅުގަނޑުގެ ޙަޔާތުގައި މިދިމާވި ކަންކަމުން ޢިބްރަތެއް ޙާޞިލުކުރެވިއްޖެނަމަ އަޅުގަނޑުގެ މަޤްޞަދު ޙާޞިލުވީއެވެ. 

- ޒަހީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން