ޢަލީ އިޙްޞާން ފިރާޤް
"އަޅުކަންކުރުމާއެކު މާތްﷲގެ ރަސްކަންފުޅަށް ބިރުވެތިވެ ރުއިމަކީ މުހިންމު ކަމެކެވެ.
ޞަފިއްޔަތުގެފާނުގެ ޚުލުޤުފުޅު:
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާއަކީ ނުހަނު ހިތްޕުޅުމަޑު ނުހަނު ދީލަތިފުޅު ބޭކަނބަލެކެވެ. އިބްނު ސަޢުދު ޠަބަޤާތުގައި ލިޔުއްވައިފައިވާ ގޮތުގައި އެކަމަނާ މަދީނާއަށް ވަޑައިގެން ޚައިބަރުން އެކަމަނާ ގެންނެވި ބައެއް ގަހަނާ ފާޠިމަތުގެފާނާއި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް ދެއްވިއެވެ.
ޞަފިއްޔަތުގެފާނަށް ލިބިވަޑައިގަންނަވާ ހުރީހާ އެއްޗެއް މާތްﷲ ގެ މަގުގައި ހޭދަކުރެއްވުމަކީ އެކަމަނާއަށް ލިބިވަޑައިގަންނަވާ ޚާއްޞަ އުފާފުޅެކެވެ. އިބްނު ސަޢުދު ރިވާކުރައްވާ ގޮތުގައި ޞަފިއްޔަތުގެފާނުވަނީ އެކަމަނާ ދުނިޔޭގައި އިންނަވަނިކޮށް އެކަމަނާގެ ގެކޮޅެއް މާތްﷲ އަށްޓަކައި ޞަދަޤާތް ކުރައްވައިފައެވެ.
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާއަކީ، ވަރަށް ގެވެހި ބޭކަނބަލެކެވެ. ގެވެހި ދިރުއުޅުއްވުމުގެ ކަންތައްތައް އެކަމަނާ ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނުގެ ގެކޮޅުގައި ހުންނެވި ދުވަހެއްގައި ފާރީއްކޮޅެއް ކައްކަވައިފައި އެގެކޮޅަށް ފޮނުއްވި ވާހަކަ އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [ޞަފިއްޔާއަށްވުރެ މީރުކޮށް ކައްކާ އެއްވެސް އަންހެނަކު އަހަރެން ނުދެކެމެވެ.]
ޞަފިއްޔަތުގެފާނަކީ ވަރަށް ގިނައިން މާތްﷲ އަށް ޒިކުރުކުރައްވާ ވަރަށް ގިނައިން ސުންނަތް އަޅުކަން އަދާ ކުރެއްވި ބޭކަނބަލެކެވެ. އިމާމު ތިރުމިޒީ ރިވާކުރައްވައިފައިވެއެވެ. އެއްފަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޞަފިއްޔަތުގެފާނުގެ އަރިހަށް ވަޑައިގެންނެވި އިރު އެކަމަނާ އިންނެވީ ތަޞްބީޙަ ވިދާޅުވާށެވެ. އެކަމަނާ ޠަޞްބީޙަ ވިދާޅުވާ އަދަދު ގުނުއްވަމުން ގެންދެވީ ކަދުރު އޮށް ބޭނުން ކުރައްވައިގެންނެވެ.
އަބޫ ނުއައިމު، ހިލްޔަތު އަލްއައުލިޔާއުގައި ލިޔުއްވައިފައިވެއެވެ. އެއްފަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަޞްޙާބުންގެ ބަޔަކު ޞަފިއްޔަތުގެފާނުގެ ކޮޓަރިކޮޅަށް ވަޑައިގެންނެވިއެވެ. އެބޭކަލުން ވަޑައިގެން ޤުރްއާން ކިޔަވާ ވިދާޅުވެ، ސުންނަތް ނަމާދު ކުރައްވައި، މާތްﷲ މަތިން ހަނދުމަ ކުރައްވާ ޒިކުރު ކުރެއްވިއެވެ. އެބައިމީހުން އެކަމުން އަވަދިވެވަޑައިގެންނެވުމުން ޞަފިއްޔަތުގެފާނު ވިދާޅުވިއެވެ. [ތިޔަބޭކަލުންގެ ތަޞްބީޙަ އާއި ޤުރްއާން ކިޔަވާ ވިދާޅުވުމާއި، ސުންނަތް ނަމާދު ކުރެއްވުމުގައި އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް މިކަންތައްތަކާއެކު މާތްﷲގެ ރަސްކަންފުޅަށް ބިރުވެތިވެ ރުއިމަކީ މުހިންމު ކަމެކެވެ.]