ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން – 11، 12- : ނިދުންވަނީ ﷲ ތަޢާލާ އެކަން ދެއްވެވުމުން!

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 39ސ
ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން – 11، 12- : ނިދުންވަނީ ﷲ ތަޢާލާ އެކަން ދެއްވެވުމުން!

(فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾ ) 

"ފަހެ، ހޮހަޅައިގައި އެތައް އަހަރެއްވާނދެން، ތިމަންރަސްކަލާނގެ އެއުރެން ގަދަނިއްޖެއްގައި ބައިތިއްބެވީމެވެ."

ނިދި ދެބަޔަކަށް ބެހިގެންވެއެވެ. އެއީ:

1. ލުއި ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ ކަންތައްތައް އަޑުއިވޭނެއެވެ.

2. ފުން ނިދި، އެހެންނަމަ އޭނާގެ ވަށައިގެންވާ އެއްވެސް ކަމެއް އަޑެއް ނީވޭނެއެވެ.

(سِنِينَ عَدَدًا ) "އެތައް އަހަރެއް ވާންދެން."، އެއީ ކިތައް އަހަރުކަމެއް ބަޔާން ކުރައްވާ މި ސޫރަތުގެ 25 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلَبِثُوا فِي كَهْفِهِمْ ثَلَاثَ مِائَةٍ سِنِينَ وَازْدَادُوا تِسْعًا ﴿٢٥﴾  ) މާނައަކީ: "އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ."

(ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾ ) 

"ދެން ތިމަންރަސްކަލާނގެ އެއުރެން (ނިދީން ހޭލައްވައި) އަލުން ފޮނުއްވީމެވެ. (އެއީ) އެއުރެން (ނިދާފައި) ތިބި މުއްދަތު އެންމެ ހަމަޔަށް ހިމަނަނީ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވާކަން ހާމަކުރެއްވުމަށެވެ."

( بَعَثْنَاهُمْ ) "ބަޢަޘަ" ގެ ލަފްޡީ މާނައަކީ: މަރުވުމަށްފަހު އަލުން ދިރުއްވުމެވެ.

 އެބައިމީހުން ނިދިން ހޭލެއްވުމަށް "ބަޢަޘަ" މި ލަފްޡު ގެންނަވާފައިވުމުގެ ޙިކްމަތަކީ: ނިދުމަކީ ވެސް މަރެއް ކަމަށްވާތީވެއެވެ. ސޫރަތުލް އަންޢާމްގެ 60 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(وَهُوَ الَّذِي يَتَوَفَّاكُم بِاللَّيْلِ وَيَعْلَمُ مَا جَرَحْتُم بِالنَّهَارِ ثُمَّ يَبْعَثُكُمْ فِيهِ لِيُقْضَىٰ أَجَلٌ مُّسَمًّى ۖ ثُمَّ إِلَيْهِ مَرْجِعُكُمْ ثُمَّ يُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٦٠﴾  ) މާނައަކީ: " އަދި ރޭގަނޑަށް ތިޔަބައިމީހުންގެ ފުރާނަ ހިއްޕަވަނީ (އެބަހީ: ނިދޭގޮތް މެދުވެރި ކުރައްވަނީ) އެކަލާނގެއެވެ. އަދި ދުވާލު ތިޔަބައިމީހުން ހޯދައިގަތް ކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ދެން އެއަށްފަހު ދުވާލުގެ ތެރެއަށް ތިޔަބައިމީހުން އަލުން ފޮނުއްވަތެވެ. (އެބަހީ: ހޭލައްވަވައެވެ. އެއީ) ކަނޑައަޅުއްވާފައިވާأجل ހަމަވުމަށްޓަކައެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން އެނބުރި رجوع ވުންވަނީ، އެކަލާނގެ حضرة އަށެވެ. ދެން އެއަށްފަހު، ތިޔަބައިމީހުން ކޮށްއުޅުނު ކަންތަކުގެ خبر، ތިޔަބައިމީހުންނަށް އެކަލާނގެ އަންގަވާނެތެވެ." 

ސޫރަތުއް ޒުމަރުގެ 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (اللَّـهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴿٤٢﴾ ) މާނައަކީ: " نفس ތައް މަރުވާހިނދު، އެ نفس ތަކުގެ ފުރާނަތަކާއި، މަރުނުވެ ނިދާވަގުތުގައި ނިދާމީހުންގެ ފުރާނަތައް ހިއްޕަވަނީ اللَّه އެވެ. ދެން މަރުވުމަށް ކަނޑައަޅުއްވައިފިމީހެއްގެ ފުރާނަ، އެކަލާނގެ ހިފަހައްޓަވަތެވެ. އަދި އެނޫންމީހުންގެ ފުރާނަ، ކަނޑައެޅިގެންވާ މުއްދަތަކަށް (ހަށިތަކަށް) ފޮނުއްވަތެވެ. ހަމަކަށަވަރުން، އެކަންތަކުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ."

މި އާޔަތްތަކުގައި ނިދި ޞިފަ ކުރައްވާފައިވަނީ މަރެއްގެ ގޮތުގައެވެ.

(بَعَثْنَاهُمْ لِنَعْلَمَ) "ތިމަން ﷲ ދެނެވޮޑިގެންވާކަން" މި ގޮތަށް އޮތުމުން ފަހަރެއްގައި އުފެދިދާނެ ސުވާލެކެވެ. އެކަން ވުމުގެ ކުރިން ﷲ ދެނެވޮޑި ނުގަންނަވަނީ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ: ﷲ ދެނެވޮޑިގެން ވެއެވެ. ނަމަވެސް މިޢިބާރާތުން ދެކަމެއް ދޭހަކޮށްދެއެވެ.

1. މިތަނުގައި "ޢިލްމު" ނުވަތަ "ދެނެވޮޑިގަތުން" މާނަ ކުރައްވާފައި މިވަނީ ދެކެވަޑައިގަތުމަށެވެ. އެކަން ވުމުގެ ކުރިންވެސް އެގޮތަށް އެކަންވާނެކަން ﷲ ދެނެވޮޑިގެންވެއެވެ. ކަންވުމަށްފަހު އެކަން އެގޮތަށް ވެއްޖެކަން ވެސް ދެނެވޮޑިގެންވެއެވެ. ވީމާ، ކުރިން އެނގިވޮޑިގެންފައިވުމާއި ވުމަށްފަހު ވީކަން ދެނެވޮޑިގަތުން ތަފާތެވެ.

2. އެ ޢިލްމެއްގެ މައްޗަށް ޖަޒާ ދެއްވުން ތަރްތީބު ވެގެން އަންނަ ޢިލްމު، ސޫރަތު މުޙައްމަދުގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ ﴿٣١﴾  ) މާނައަކީ: "އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبر ތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ." 

އިމްތިޙާނު ކުރެއްވުމުގެ ކުރިންވެސް ކިޔަމަންތެރިވާ މީހުންނަކީ ކޮބައި ކަމާއި އުރެދޭ މީހުންނަކީ ކޮބައިކަން ﷲ ދެނެވޮޑިގެންވެއެވެ. 

(أَيُّ الْحِزْبَيْنِ  ) (الْحِزْبَيْنِ  ) ދެޖަމާޢަތުގެ މީހުން، 

(أَحْصَىٰ) އެންމެ ރަގަޅަށް ގުނަނީ، އެމީހުން ހޮހޮޅައިގާ ހޭދަކުރީ ކިހާ ދުވަހެއްކަން އެންމެ ރަގަޅަށް ބުނެދޭން އެނގެނީ ކޮންބަޔަކަށްތޯ ބެއްލެވުމަށް ޓަކައި، ސަބަބަކީ އެބައިމީހުންގެ މެދުގައި ވަނީ އެކަމުގައި ޚިލާފު އުފެދިފައެވެ. ބައެއް މީހުން ބުނި ކަމަށްވަނީ (لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ  ) މާނައަކީ: "ތިމަންމެންތިބީ، އެއްދުވަހު، ނުވަތަ ދުވަހެއްގެ ބައެއްގައެވެ." އަނެއްބަޔަކު ބުނީ މިފަދައިންނެވެ. (رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ  ) މާނައަކީ: "ތިޔަބައިމީހުންތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

މިއަދު އޮންލައިން