ސުލައިމާންގެފާނުގެ ސިޔަރަތު 51: ދެ މަސްދޭ މީހާގެ އަންހެންދަރިފުޅު ބައްޕައަށް މަޖުބޫރުކޮށްގެން ސުލައިމާނުގެފާނާ ކައިވެނިކުރުން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
ސުލައިމާންގެފާނުގެ ސިޔަރަތު 51: ދެ މަސްދޭ މީހާގެ އަންހެންދަރިފުޅު ބައްޕައަށް މަޖުބޫރުކޮށްގެން ސުލައިމާނުގެފާނާ ކައިވެނިކުރުން-

މާތް الله ގެ قدرت  ތެރި ކަމުން ދިމާވި ކަމަކީ އެއްދުވަހަކު سليمان ގެފާނު އެމަސްވެރިންގެ ނޯކިރީގައި އުޅުއްވާފައި ވަރުބަލިފުޅު ވެގެން ކަނޑުގެ އައްސޭރީގައިއޮށޯވެ ވަޑައިގެން އަވަހާރަފުޅު ލައްޕަވައިފި އެވެ. އެވަގުތު ހަރުފައެއް ރޯފަތް ކޯޅިއެއް ހިފައިގެން އައިސް އެކަލޭގެފާނު ގައިކޮޅަށް އެފަތް ކޯޅިން ވިހެން ފަށައިފި އެވެ. 

މަސްވެރިއެއްގެ ވަރަށް ރީތި އަންހެން ދަރިއަކު އުޅުނެވެ. މިއީ بالغ ވެފައިވާ އަންހެން ކުއްޖެކެވެ. މިކުއްޖާ ކޮންމެ ދުވަހަކު އޭނާގެ ބައްޕަގެ ކާބޯތަކެތި ހިފައިގެން މިކަނޑުގެ އައްސޭރިއަށް އާދެއެވެ. 

މިކުއްޖާ އަށް حضرت سليمان عليه السلام ކަނޑުގެ އައްސޭރީގައި އޮށޯވެވަޑައިގެން އަވަހާރަފުޅު ލައްޕަވާފައި ވަނިކޮށް ފެނިއްޖެ އެވެ. އަދި އެހަރުފަ އެކަލޭގެފާނުގެ ގައިކޮޅަށް ވިހެދޭތަންވެސް އޭނާ ދުއްޓެވެ. މި حالت ފެނުމުން އެއަންހެން ކުއްޖާ އޭނާގެ ބައްޕަގެ ގާތަށްގޮސް ބުންޏެވެ. 

مقدس ބައްޕާއެވެ. އަހަރެންނާއި އެއޮތް މީހާއާއި ކައިވެނި ކޮށްދޭށެވެ. އޭނާ ނޫން އެހެން އެއްވެސްމީހަކާއި އަހަރެން ކައިވެނި ކުރާކަށެއް ބޭނުމެއް ނޫނެވެ.

އެހިނދު އެކުއްޖާގެ ބައްޕަ ބުންޏެވެ. ދަރިފުޅާއެވެ. އެއީ އަހަރެންގެ ނޯކަރެކެވެ. އޭނާ ކައިބޮއި އުޅެނީ ނޯކިރީ ކޮށްގެންނެވެ. މިހެންވީއިރު ކަލޭގެ ކައިވެނި އޭނާއަށް ދެވޭނީ ކިހިނަކުންހޭ؟ އަދި މިކައިވެނި ކޮށްދީފިނަމަ މީހުން ބުނާނީވެސް ކީކޭހޭ؟ 

އެކުއްޖާ جواب ދިނެވެ. އަހަރެން އޭނާއާއި ކައިވެނިކޮށް ނުދިނީވިއްޔާ އަހަރެން ދެން އެއްވެސް މީހަކާއި ކައިވެންޏެއް ނުކުރާނަމެވެ. 

އެކުއްޖާ މިހެން ބުނުމުން މަސްވެރިޔާ އޭނާގެ ދަރިފުޅު ގޮވައިގެން سليمان ގެފާނު އޮންނެވި ތަނަށް ހިނގައްޖެއެވެ. އެކަލޭގެފާނަށް މިމީހުންގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަތުމުން ހޭފުޅު ލައްވައިފި އެވެ. މަސްވެރިޔާ އެކަލޭގެފާނަށް ދެންނެވިއެވެ. އަހަރެންގެ މިދަރިފުޅުގެ ކައިވެނި ކަލެއަށް ދޭން قصد ކޮށްފީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހަރެންނަކީ ކަލޭގެ ނޯކަރެކެވެ. ކައިއުޅެނީ ނޯކިރީ ކޮށްގެންނެވެ. އުޖޫރައަށް ދުވާލަކު ލިބެނީ ދެމަހެވެ. އެއިން ކިރިޔާ سلامة ކުރެވެނީ ހަމައެކަނި ކާއެތިކޮޅެވެ.  މިހެންވީއިރު ކަލޭގެ ދަރިފުޅުގެ ކައިވެނީގެ ރަން އަދާކުރާނީވެސް ކިހިނަކުންހޭ؟

އޭނާ ދެންނެވިއެވެ. އަހަރެންގެ ދަރިފުޅު ކަލޭގެ އަތަކުން ރަނެއް ބޭނުމެއްނޫނެވެ. ކާންދިނުމަކީ އަހަރެންގެ ޒިންމާގައިވާ ކަމެކެވެ. އަހަރެން ކާން ދޭނަމެވެ. އޭނާމިހެން ދެންނެވުމުން سليمان ގެފާނު މިގޮތް قبول ފުޅު ކުރައްވައިފި އެވެ. އަދި އެމަސްވެރިޔާއާއި އެކުގައި އޭނާގެ ގެޔަށް ވަޑައިގެން އޭނާގެ އަންހެން ދަރިފުޅާއި ކައިވެނި ފުޅު ބައްލަވައި ގަންނަވައިފި އެވެ. އަދި توبة ގެأستغفار ކުރެއްވުމާއި މާތް الله އަށް عبادات ކުރެއްވުމުގައި އެކަލޭގެފާނު مصروف ވެވަޑައިގަންނަވައިފި އެވެ.

މިއަދު އޮންލައިން