ރޭގަނޑުގެ ނަމާދުތަކަށް ތަޖްވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވަން އެނގޭ އިމާމުން ލިބުމަށް ގިނަ ބައަކު އެދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ރޭގަނޑުގެ ނަމާދުތަކަށް ތަޖްވީދުމަގުން ރީތިކޮށް ޤުރްއާން ކިޔަވަން އެނގޭ އިމާމުން ލިބުމަށް ގިނަ ބައަކު އެދޭ!

ރޭގަނޑު ކުރާ 3 ނަމާދަށް (މަޣްރިބް، ޢިޝާ، ފަތިސް) ތަޖްވީދުމަގުން ރިވެތިކޮށް، ރިވެތި ރާގުތަކަށް ޤުރްއާން ކިޔަވަން އެނގޭ އިމާމުން ލިބުމަށް ގިނަބައަކު އެދެއެވެ. މީގެ އިތުރުން މިސްކިތަކަށް 2 އިމާމުން ދާއިމީ ގޮތަކަށް ހަމަޖެހިފައި އޮތުމަށް ވެސް ގިނަ ބައަކު އެދެއެވެ. 

ގިނަބައަކު ފާހަގަކުރާ ގޮތުގައި ރިވެތިކޮށް ޤުރްއާން ކިޔަވާނަމަ އެކަމަށް ދެވޭ ސަމާލުކަން ބޮޑުވެ ޚުޝޫޢަތްތެރިވާންވެސް ފަސޭހަވެއެވެ. "ރާއްޖޭގައި މިހާރު އެބަތިއްބެވި ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ބޭކަލުން. އެބޭކަލުންނަށް ފުރުޞަތު ލިބޭނެ ގޮތެއް ހމަޖެހުން ވަރަށް މުހިންމު. ބައެއް އިމާމް ކިޔަވަން ފެށީމާ ބޮލުގަ ރިއްސަން ފަށާ! އެޙާލަތުގަ ޚުޝޫޢަތްތެރިޥާން ވަރަށް އުނދަގޫ!" ކަމަށް ގިނަބައަކު ބުނެއެވެ. 

މިސްކިތަކަށް 2 އިމާމުން ހަމަޖައްސައިދިނުމަށް އެދޭ މީހުން ބުނަނީ އިމާމުންނަކީވެސް އިންސާނުންކަމަށްވުމުން ކުއްލިއަކަށް ކަމެއް ދިމާވެގެން ބަންގިގޮވާގަޑިއަށް ނާދެވުމުން ދިމާވާ މައްސަލަތައް އެއިރުން ޙައްލުވާނެ ކަމަށެވެ. "މިހާރުވާގޮތަކީ ކުއްލިއަކަށް ކަންކަން ދިމާވުމުން އިތުރު އިމާމަކު ފޮނުވަން މިނިސްޓްރީއަށްވެސް ވަރަށް އުނދަގޫވާކަން އެނގޭ. ދެންޖެހެނީ މިސްކިތުގައި އެވަގުތު ހުރި ކޮންމެވެސް މީހަކަށް ބަންގިގޮވަން. މިއީ ހަމަ ވަރަށް ގިނަފަހަރު ދިމާވާ ކަމެއް." 

ބައެއް މީހުން ބުނަނީ އިމާމް ކަމަކީ ހަމައެކަނި އަތުގައި އޮންނަ ސަނަދަކުން ފުއްދައިލެވޭނެ ކަމެއް ނޫންކަމަށެވެ. "އިމާމުން ލިބުމުގެ ދަތިކަން މިހާރުވެސް އެބަހުރި. އަދި ބައެއް އިމާމުންނަކީ ވަރަށް ކުރިން ސަނަދު ނަގައިގެން ތިބި އިމާމުން. އެޒަމާނުގައި ޤުރްއާން ކިޔަވާ ފެންވަރަށް އެހައި ބޮޑަށް ބެލިފައި ނެތްކަން އެއީ އެއިރުގެ ޙާލަތު އޮތްގޮތް. ނަމަވެސް މިހާރު ޙާލަތު މިވަނީ ބަދަލުވެފަ. އެއިރު ކޮންމެ ގޮތަކަށް ކިޔެވިނަމަވެސް ގިނަ ބައަކަށް އެކަން ފާހަގަވެސް ނުކުރެވޭ. ނަމަވެސް މިއަދު ގިނަ މީހުން ބޭނުންވަނީ ވީހާ ރީތިކޮށް ކިޔަވާ އިމާމުންގެ ފަހަތުގަ ނަމާދުކުރަން. ވީމާ ޙާލަތު މިވަނީ މުޅިން ބަދަލުވެފަ." ކަމަށްވެސް ބައެއް މީހުން ބުނެއެވެ. 

"ސިވިލް ސަރވިސްގެ ޤަވާއިދު އޮންނަގޮތުން މިސްކިތަކަށް ލެވޭނީ އެންމެ އިމާމެކެވެ. ސަނަދު އޮތްނަމަ ފުދުނީއެވެ. އެހުރީ ޝަރުޠު ހަމަވެފައެވެ. އެ ޤަވާއިދަށް ބަދަލުގެންނަން މިހާރު މިވަނީ ޖެހިފައެވެ. ވީހާ ފުރިހަމައަށް ނަމާދުކުރުމަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެއް ނެތެވެ." މިމޭރުމުންވެސް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެއެވެ. 

އިމާމުންގެ ކިޔެވުމުގެ ފެންވަރު މަތިކުރުމަށް އިސްލާމިކް މިނިސްޓްރީން ގެންދަނީ ތަފާތު ޕްރޮގްާމްތައް ހިންގަމުންނެވެ. ނަމަވެސް އެކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނުފެންނަނީ ވަކި ގޮތަކަށް ކިޔަވަމުން އަންނަތާ އަހަރުތަކެއްވެފައިވާ އިމާމުންނަށް އެމީހުން ކިޔަވަމުން އަންނަ ގޮތް ބަދަލު ނުކުރެވޭތީކަންވެސް ގިނަބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން