ސުލައިމާންގެފާނުގެ ސިޔަރަތު 31: ސުލައިމާނުގެފާނުގެ އަނގޮޓިފުޅު ގެއްލުމުން ނިޢްމަތައް ގެއްލި ނިކަމެތި ނޯކަރަކަށް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 26ސ
ސުލައިމާންގެފާނުގެ ސިޔަރަތު 31:  ސުލައިމާނުގެފާނުގެ އަނގޮޓިފުޅު ގެއްލުމުން ނިޢްމަތައް ގެއްލި ނިކަމެތި ނޯކަރަކަށް-

الله تعالى قرآن مجيد ގައި وحى ކުރައްވާފައި ވެއެވެ. وَلَقَدُ فَتَنَّا سُلَيْمَانَ وَألْقَيْنَا عَلَى كُرُسِيِّهِ جَسَدًا ثُمَّ أنَابَ (سورة ص 34) يعنى ހަމަކަށަވަރުން سليمان ގެފާނުގެ ކެތްތެރިކަން ތިމަން الله إمتحان ކުރެއްވީމެވެ. އަދި އެކަލޭގެފާނަށް ދެއްވާފައިވާ ވެރިކަމުން ވަކިކުރެއްވީމެވެ. އޭގެ ފަހުގައި އެކަލޭގެފާނުގެ حقّ رجوع ކުރެއްވީމެވެ.  

ފަހެ އެކަން ހިނގި ގޮތަކީ سليمان ގެފާނު قضاحاجة އެއްގެ ބޭނުންފުޅުގައި ވަޑައިގަންނަވަނީ ނަމަ އެކަލޭގެފާނުގެ އަތްޕުޅުގައިވާ އަނގޮޓި ފުޅު ބާލުއްވައި ގަނޑުވަރުގެ خادمة އަކާއި حوال ކުރައްވާފައި ނޫނީ ވަޑައެއް ނުގަންނަވައެވެ. އެއީ އެއަނގޮޓިފުޅު ގައި إسم الله أعظم ލިޔެފައިވާތީ އެވަގުތު އިނގިލިފުޅުގައި ނުބާއްވަނީ އެވެ.  

މާތް الله އިރާދަފުޅުން ދިމާވި ކަމަކީ صخرة އޭ ކިޔުނު ދެޔޯއަކު އުޅުނެވެ. މިދެޔޯ އެއްދުވަހަކު سليمان ގެފާނުގެ ސިފަޖެހިގެން (އެކަލޭގެފާނު ކަމަށް ހެދިގެން) سليمان ގެފާނު އަނގޮޓިފުޅު حوال  ކުރައްވާ خادمة يمينة ގެ ގާތަށް ގޮސް އެއަނގޮޓިފުޅު އަތުލައިގެން އަދި އޭނާގެ އިނގިލީގައި އަޅައިގެން سليمان ގެ ފާނުގެ تخت ގައި ގޮސް އިށީންދެއްޖެއެވެ. އެވަގުތު ޖިންނީން ނާއި އިންސީން ނާއި ޕަރީންނާއި އަދި ހުރިހާ مخلوق ން ނެއް އެމީހެއްގެ مقام ގައި އެމީހަކު ހަމަ ޖެހިލައިފި އެވެ. 

ދޫނި ސޫފާ ސޫފި އައިސް އޭތިމެންގެ ފިޔަތަކުން تخت  އަށް ހިޔާ އަޅާލައިފި އެވެ. އަދި صحرة ދެޔޯ سليمان ގެފާނެކޭ އެއްފަދައި حكم ތައް ހިންގަން ފަށައިފި އެވެ.  

އޭގެ ފަހުގައި سليمان ގެފާނު قضا حاجة އިން ނިމިވަޑައިގެން ނުކުމެވަޑައިގެން خادمة يمينة ގެ ކިބައިން އެކަލޭގެފާނުގެ އަނގޮޓިފުޅަށް އެދިވަޑައިގެންފި އެވެ. އޭނާ ދެންނެވިއެވެ. سليمان ގެފާނު އަނގޮޓިފުޅު ގެންދަވައިފި އެވެ. ތިޔައީ ފަހެ ކާކު ހޭ؟ އެކަލޭގެފާނު ވިދާޅުވި އެވެ. އަހަރެންނަކީ سليمان ގެފާނެވެ. ކަލޭ އަނގޮޓިފުޅު ދިނީ ކާކުގެ އަތަކަށްހޭ؟ އެކަލޭގެފާނު އޭނާ އާއި ވަރަށްގިނަ سؤال ކުރެއްވި އެވެ. ނަމަވެސް އެ خادمة މިއީ سُلَيْمَان عَلَيْهِ السَّلام ކަމަކަށް قبول އެއް ނުކުރިއެވެ. ދެން سليمان ގެފާނު ދަރުބާރަށް ވަޑައިގެން ބައްލަވައިލެއްވިއިރު صحرة ދެޔޯ އެ އަނގޮޓި ފުޅު އަޅައިގެން އެކަލޭގެ ފާނުގެ تخت ގައި އިނެވެ.  

ހުރިހާ ދެޔޯއިންނާއި ޕަރީން އަދި އިންސާނުން دربار عامّ ގައި ކޮޅަށް ތިއްބެވެ. سليمان عليه السلام އެބައި މީހުންނާއި مخاطب ކުރައްވައި ވިދާޅުވި އެވެ. އަހަރެންނަކީ سليمان بن داؤود އެވެ. ނަމަވެސް މީސްތަކުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކޮށް އަދިއެއީ މޮޔައެއް ކަމަށް ހީކޮށް حاجب ން ލައްވާ އެކަލޭގެފާނު އެދަރުބާރުން ނެރެފިއެވެ. އެހެނީ ދެޔޯ އިންނާއި ޕަރީންނާއި އަދި އިންސާނުންނަށްވެސް މިއީ سليمان ގެފާނުކަމެއް އެނގިފައެއް ނުވެއެވެ. މިހެންވެ ކުޑަވެސް حرمة ތެރިކަމެއްބެހެއްޓުމަކާއި ނުލައި ދަރުބާރުން ނެރެލީ އެވެ. 

އަދިއެތަނުން ނުކުމެ ވަޑައިގެން بيت المقدس އަށް ވަޑައިގެން ތިންދުވަސްވަންދެން سجدة ގައި އޮންނަވައި ކީރިތި ކުރެއްވި އެވެ. ދެން ބަނޑުހައިފުޅު ވުމުގެ ސަބަބުން ހަށިކޮޅުގެ ވަރުފުޅު މާބޮޑަށް ދެރަވާން ފަށައިފިއެވެ. މިހެންވެ މިސްކިތުން ނުކުމެ ވަޑައިގެން بنى إسرائيل މީހެއްގެ ގޭދޮށަށް ވަޑައިގެން ކާއެއްޗަކަށް އެދި ވަޑައިގަންނަވައިފި އެވެ. ނަމަވެސް އެއްވެސްމީހަކު އެކަލޭގެފާނާ ދޭތެރޭގައި ކުޑަވެސް ފަރުވާލެއް ނުބެހެއްޓި އެވެ. ދެން އެކަލޭގެފާނު އުންމީދު ކެނޑިފައިވާ حال ކޮޅެއްގައި ޝަހަރުގެ ތެރެއަށް ވަޑައިގަންނަވައިފި އެވެ. އަދި މަސައްކަތެއް ނުވަތަ ނޯކަރީއެއް ލިބޭތޯ އުޅުއްވި އެވެ. ނަމަވެސް ދިމާވިގޮތުން މިތަނުންވެސް އެއްވެސް މީހަކު އެކަލޭގެފާނަކަށް ނޯކަރީއެއް ނުދިނެވެ. 

ބަނޑުފުޅު ހައިކަމާއި ފެންފޮދު ހިތްޕެވުމުގެ ވޭނުގައި ޝަހަރުން ނުކުމެވަޑައިގެން ކަނޑުގެ އައްސޭރިއަށް ވަޑައިގަންނަވައިފި އެވެ. 

އޭރު އެހިސާބު ގަނޑުގައި މަސްވެރިންގެ މީހުން މަސް ހިފަން އުޅެއެވެ. މިތަން ފެނިވަޑައިގެން އެމީހުންގެ ގާތަށް ވަޑައިގަންނަވައިފި އެވެ. އަދި އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. އަހަރެންނަށް ނޯކިރީއެއް ދޭށެވެ. އަހަރެން ކަލޭމެން حوال ކުރާ މަސައްކަތެއް ކުރާނަމެވެ. އެހިނދު މަސް ކެޔޮޅަކު އެކަލޭގެފާނަށް ކޮންމެ ދުވަހަކު ދެމަސް ދޭން ކަނޑައަޅައި އޭނާގެ ނޯކަރަކަށް ހަދައިފި އެވެ.  

ދެންފަހެ މުޅިދުވަސް ވޭތިވެގޮސް ރޭގަނޑުގެ ވަގުތުގައި އެކަލޭގެފާނު ކުރައްވާ މަސައްކަތުގެ އުޖޫރައެއްގެ ގޮތުން ދެމަސްލިބިވަޑައި ގަންނަވައިފި އެވެ. ދެން އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތަކީ އޭގެ ތެރެއިން އެއްމަސް ބާޒާރަށް ވިއްކާފައި ރޮށި ބައްލަވައި ގެންނެވީއެވެ. އަނެއްމަސް ފިއްސަވައިގެން ރޮއްޓާއި އެކު ފަރިއްކުޅުއްވީ އެވެ. އަދި މާތް الله ގެ ކިބަފުޅަށް ޝުކުރު ކުރައްވައެވެ. 

- އަދި ނުނިމޭ

މިއަދު އޮންލައިން