ކޮވިޑްގެ ނުރައްކާތެރި ޙާލަތަށްފަހު ރާއްޖޭގެ އިޤްޠިޞާދަށް މިހާރު އަންނަނީ ކުރިއެރުން ލިބމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިއަދު ދެއްކެވި ވާހަކަފުޅުން:
އެކްސްޕޯޓްގެ މިންވަރު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅައިބަލާއިރު، މިހާރުވަނީ 19 ޕަސެންޓް އިތުރުވެފައި. އިމްޕޯޓުގެ މިންވަރު، މިދިޔަ އަހަރުގެ ޖުލައިމަހާ އަޅައިބަލާއިރު، 45 ޕަސެންޓް އިތުރުވެއްޖެ. މި އަހަރުގެ ޖުލައިގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 14 ޕަސެންޓް އިތުރުވެއްޖެ. މި މުއްދަތުގެ ތެރޭގައި، ހަމައެކަނި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، 23 ޕަސެންޓް ވަނީ އިތުރުވެފައި.
ފަތުރުވެރިކަމަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ އަނބުރާ އިޢާދަކުރުމަށް ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ މިހާރު ފެންނަން ފަށައިފި. މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 93 ޕަސެންޓް މީހުން މިހާރު ވަނީ ވެކްސިން ޖަހާފައި. ދެ ޑޯޒް ހަމަކޮށްފައި. ބޯޑަރ ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން މިހާރުވަނީ ވެކްސިން ޖަހައި ނިންމާފައި.
ކޯވިޑުގެ ޙާލަތާއެކު ދިގު މުއްދަތަކަށް ގެސްޓްހައުސްތައް ބަންދުވެފައި ހުރުމަށްފަހު، އަލުން މިވަނީ ހުޅުވައިލެވި ޚިދުމަތް ދޭން ފެށިފައި. މިހާރު ރާއްޖޭގައި ހިންގަމުންދާ ރިޒޯޓުތަކުގެ 95 ޕަސެންޓް މިހާރު މިވަނީ މުޅިން ހުޅުވާފައި. މިހާތަނަށް 655,000 ޓޫރިސްޓުން ރާއްޖެވަނީ ޒިޔާރަތްކޮށްފައި.
ކޯވިޑުގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވުމާއެކު، އަޅުގަނޑުމެންވެސް މި ހޭދަކުރީ ވަރަށްދަތި އުނދަގުލުގައި. ދުނިޔޭގައި ކޯވިޑް ފެތުރެން ފެށިއިރު، ރާއްޖެއަކީ މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލުމުގެ އެއްވެސް ވަސީލަތެއް ޤާއިމުކުރެވިފައި ހުރި ޤައުމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކަށްވީ، ފުރަތަމަވެސް އަމާޒަކަށްވީ، މި ބައްޔަށް ފަރުވާދެވޭވަރަށް ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ޤާބިލުކަން އިތުރުކުރުން. އަދި މި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދިނުން. މާތްﷲގެ އިރާދަފުޅުން ކޯވިޑުގެ ޙާލަތު ކޮންޓްރޯލް ކުރެވި، އާ ޢާންމު ޙާލަތަކަށް ދަތުރުކުރުމުގެ ފުރުޞަތު މިވަނީ ކުރިންވެސް ދެންނެވި ފަދައިން ފެށިފައި.
ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތައް ފެށި، ކުދި ވިޔަފާރިތައް ހުޅުވާލައި، ވަޒީފާތައް އިޢާދަވާން ފަށައިފި. ދިރިއުޅުން އާރާސްތު ކުރުމުގެ މަސައްކަތް މިވަނީ ފެށިފައި. މިކަން މިގޮތުގައި ދެމެހެއްޓޭނީ، ހުރިހާ ރައްޔިތުން އެކުގައި ގުޅިގެން ވެކްސިން ޖެހުމަށް މިކުރާ މަސައްކަތް ކާމިޔާބުކޮށް، ރާއްޖެއަކީ 12 އަހަރުން މަތީގެ ހުރިހާ އެންމެން ވެކްސިން ޖަހާފައިވާ އާބާދީއެއް ދިރިއުޅޭ ޤައުމަކަށް ހެދިގެން. އަޅުގަނޑުގެ މިއަދުގެވެސް އިލްތިމާސަކީ، ހުރިހާ ރައްޔިތުންވެސް ވީހާ އަވަހަކަށް ވެކްސިން ޖަހައި ނިންމުން.
މިއަދާ ހިސާބަށް އައިއިރުގައި، މުޅި އާބާދީގެ 80 ޕަސެންޓް މިވަނީ ފުރަތަމަ ޑޯޒް ޖަހައި ނިންމާފައި. އަދި ދެވަނަ ޑޯޒް، 69 ޕަސެންޓް ވެކްސިން ޖަހައިފި. މާލެއަށް އެކަނި ބަލާއިރު، މާލޭގައި ވެކްސިންޖަހާ އާބާދީ ކަމުގައިވާ 181,000 މީހުންގެ ތެރެއިން 82 ޕަސެންޓް، ފުރަތަމަ ޑޯޒް ޖަހައިފި. 70 ޕަސެންޓް މީހުން ދެވަނަ ޑޯޒް ޖަހައިފި.
މިއީ ފެށުމުގެ ގޮތުން އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން ބޭނުންވި ބައެއް މަޢުލޫމާތުތަކެއް. އެއަށްފަހު ތިޔަބޭފުޅުންގެ ސުވާލުތަކަށް އަޅުގަނޑު ދާނަން.