12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމަށް މިހާރު ޑަބްލިޔޫ.އެޗް.އޯ. އިން ހުއްދަ ލިބިފައި ވަނީ ހަމއެކަނި "ފައިޒަރ" ވެކްސިން ކަމަށާއި އިރާދަކުރެއްވީތީ، މިއަދު އަޅުގަނޑުމެންނަށް މިވަނީ މި ފައިޒަރގެ ވެކްސިންވެސް ލިބިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިއަދު ވިދާޅުވީ އަންނަ ހަފްތާ ފެށުމާއިއެކު ރާއްޖޭގެ ސްކޫލްތަކުގައި އުޅޭ 12 އަހަރާއި 17 އަހަރުގެ ދަރިވަރުންނަށް، އަދި އެ ޢުމުރުފުރާގެ ހުރިހާ ކުދިންނަށް ވެކްސިން ޖެހުމުގެ ބޮޑު މަޝްރޫޢެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ފަށާނެ ކަމަށެވެ. އަދި އަމާޒަކީ، މި މަސް ނިމޭއިރަށް، ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖަހާ އާބާދީގެ 90 ޕަސެންޓަށް ވެކްސިން ޖެހުން ކަމަށާއި އެމަނިކުފާނުގެ މިއަދުގެ އިލްތިމާސަކީވެސް ވީހާވެސް އަވަހަށް ހުރިހާ ބޭފުޅުން ވެކްސިން ޖައްސަވައި ނިންމެވުން.ކަމަށެވެ.
ރައީސް ޞާލިޙްގެ ވާހަކަފުޅުން:
މިވަގުތު އަޅުނޑުމެންގެ އެންމެބޮޑު އެއް އަމާޒަކީ، ރާއްޖޭގައި ވެކްސިންޖެހޭ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދައި، ހުރިހާ އެންމެންނަށް ވެކްސިން ފުރިހަމަކޮށްދިނުން. ދުނިޔޭގެ ޞިއްޙީ ތަޖުރިބާކާރުން އިއްތިފާޤުވާ ގޮތުގައި، ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވެން އޮތް އެންމެ މުހިންމު ކަމަކީ، ވެކްސިންގެ ދެ ޑޯޒް އަވަހަށް ހަމަކުރުން. އިރާދަކުރެއްވީތީ، އަޅުގަނޑުމެން ކުރި މަސައްކަތުން މިއަދު މިވަނީ ރާއްޖޭގައި ވެކްސިން ޖަހާ އާބާދީގެ، 12 އަހަރުން މަތީގެ، އެ އެންމެންނަށް ވެކްސިން ޖެހޭވަރަށް ވެކްސިން ހޯދިފައި.
ދިވެހިން ވެކްސިނަށް ދިން އިޖާބައާއި، ކޯވިޑް ކޮންޓްރޯލް ކުރުމަށް ރައްޔިތުން ދީފައިވާ އެއްބާރުލުމާއެކު، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، މިހާރު މިވަނީ އާ ޢާންމު ޙާލަތަކަށް ޤައުމު ގެންދިޔުމުގެ މަސައްކަތް ފެށިފައި.
ދިގު މުއްދަތަކަށްފަހު، އިއްޔެ މިވަނީ ސްކޫލްތަކަށް ކުދިން ހާޒިރުވެ ގޮސް ކިޔެވުން ފަށާފައި. ކޯވިޑުގެ ޙާލަތާ ގުޅިގެން ސްކޫލްތަކުގައި ކިޔަވައިދިނުން މެދުކަނޑާލުމަށްފަހު، މިގޮތަށް ކިޔަވައިދޭން ފެށްޓި މަދު ޤައުމުތަކުގެ ތެރޭގައި، ރާއްޖެ ހިމެނޭކަން މިއަދު އުފަލާއެކު އަޅުގަނޑު ފާހަގަކުރަން.
މި ހަފްތާގެތެރޭ އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނުކުމެ މަސައްކަތް ކުރަން މިވަނީ ފަށާފައި. ކެފޭ، ރެސްޓޯރެންޓް، ސެލޫން، ޖިމް އަދި އެހެނިހެން ވިޔަފާރިތައް، ޢާންމު ޙާލަތުގެ ގަޑިތަކާ އެއްގޮތަށް ހުޅުވައި، މިހާރު މިވަނީ ޚިދުމަތް ދޭން އަދި މަސައްކަތް ކުރަންވެސް ފަށާފައި. މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް މިހާރުވަނީ ވަރަށްގިނަ ލުއިތަކެއް ދެވިފައި.
މި ދެވުނު ލުއިތަކާ އެކީގައި، އިޤްތިޞާދީ ޙަރަކާތްތައް ރަނގަޅުވާން މިވަނީ ފަށާފައި.