ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން- 5: ޤުރްއާނުގެ އަޑު އިވި ބަލައި ނުގަތް މީހާ، ހުރިހާ ޒިންމާތަކެއް ނަގަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކަހްފި ސޫރަތުގެ މާނައާ ތަފްސީރު އާޔަތަކުން އާޔަތަކުން- 5: ޤުރްއާނުގެ އަޑު އިވި ބަލައި ނުގަތް މީހާ، ހުރިހާ ޒިންމާތަކެއް ނަގަން ޖެހޭނެ!

(فَلَعَلَّكَ بَاخِعٌ نَّفْسَكَ عَلَىٰ آثَارِهِمْ إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ أَسَفًا ﴿٦﴾ )

(فَلَعَلَّكَ) މުޚާޠަބު ކުރައްވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށެވެ.

(بَاخِعٌ نَّفْسَكَ ) ކަލޭގެފާނުގެ ނަފްސު ހަލާކުކޮށްލަނީތޯއެވެ.

(عَلَىٰ آثَارِهِمْ ) އެބައިމީހުން މޫނު އަނބުރާލާ ދިޔަކަންމައްޗަށް، 

(إِن لَّمْ يُؤْمِنُوا بِهَـٰذَا الْحَدِيثِ ) އެބައިމީހުން މިގުރްއާނަށް އީމާންނުވި ކަންމައްޗަށް،

(أَسَفًا) ހިތާމަ

އެބައިމީހުން މިގުރްއާނުގެ އާޔަތްތަކަށް އީމާންނުވެ މޫނު އަނބުރާލާފައި ދިޔަކަމަށް ޓަކައި ހިތާމަކޮށް، ކަލޭގެފާނުގެ ނަފްސު އެކަމަށްޓަކައި ހަލާކު ކުރައްވަނީތޯއެވެ؟ އެހެން ނުހައްދަވާށެވެ. އެބައިމީހުން އިޖާބަނުދީ ފުރަގަސް ދިނުމަކުން ކަލޭގެފާނުގެ މައްޗަށް ފާފަ އެއް ނެތެވެ. ކަލޭގެފާނުގެ މައްޗަށް އޮތް ކަމަކީ އެބައިމީހުންނާއި ހަމައަށް މި އާޔަތްތައް ފޯރުކޮށްދެއްވުމެވެ.

ސޫރަތުއް ރަޢްދުގެ 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ) މާނައަކީ: " ކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ (މީސްތަކުންނަށް) އިއްވެވުމެވެ. އަދި حساب ބެއްލެވުންވަނީ، ތިމަންރަސްކަލާނގެއަށެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ލިޔުއްވާފައިވާ ކަހްފި ސޫރަތުގެ ތަރުޖަމާ އާ ތަފްސީރުން

މިއަދު އޮންލައިން