އެއްދުވަހަކު بلقيس، سليمان عليه السلام އަށް ދެންނެވިއެވެ. نبي الله އެވެ. ކޮންމެދުވަހަކު ކަލޭގެފާނު تخت ގައި ދުނިޔޭގެ އެކިއެކި ތަންތަނަށް ދަތުރުފުޅު ކުރައްވަމުއެވެ. މިހެންވެ އެންމެ ދުވަހަކު ނަމަވެސް އަޅުގަނޑު ކަލޭގެފާނުގެ އަރިހުގައި ގެންދެވުން ކީއްތޯއެވެ. އޭރުން އެކިއެކި ޖަޒީރާތަކަށް ޒިޔާރަތްކޮށް ހެދުމުން عجائب ކުޅިވަރުތައް ފެންނާނެ އެވެ.
ދެންފަހެ سليمان ގެފާނު އެކަމަނާގެ އެދިވަޑައިގެންނެވުމުގެ މަތިން އެކަލޭގެފާނުގެ އަރިހުގައި ގެންދެވުމަށް ނިންމަވައިފި އެވެ. ދެން تخت ގައި އިށީނދެ ވަޑައިގެން ހަތްކަނޑުގެ މެދުގައިވާ ޖަޒީރާ ތަކަށް تخت އާއިގެން ދަތުރު ކުރުމަށް ވަޔަށް حكم ކުރައްވައިފި އެވެ. މިދަތުރުފުޅު އެކަލޭގެފާނުގެ އަރިހުގައި بلقيس ވެސް ގެންދެވިއެވެ.
ކުޑަހިނދުކޮޅެއްގެ ތެރޭގައި ވައި تخت އައިގެން އެޖަޒީރާ ތަކަށް ހިނގައްޖެއެވެ. އެޖަޒީރާ ތަކުގައި ހެދިފައިވާ އާރޯ ފެހިގަސްތަކާއި އަދި ދެމިފައިވާ ރީތިސާފު ކޯރުތައް ފެނިވަޑައިގެންނެވުމުން بلقيس ނުހަނު އުފާފުޅު ކުރެއްވި އެވެ. އަދި އެތާނގައި އުޅޭ ކަނޑުގެ އަސްތަކަށް سليمان ގެފާނުގެ تخت ފެނުމާއި އެކު ދޫނިތަކެއްގެ މިސާލުގައި އުދުހިގެން ހިގައްޖެ އެވެ. މިތަން ފެނިވަޑައި ގެންނެވުމާއެކު އެއަސްތައް ހިފައިގެން ގެނައުމަށް سليمان ގެފާނު ދެޔޯއިންނަށް حكم ކުރައްވައިފި އެވެ. އެހިނދު އެބައިމީހުން ދެންނެވިއެވެ. نبي الله އެވެ.! އަޅުގަޑުމެންނަކަށް އެއަސްތަކެއް އަތުލައެއް ނުގަނެވޭނެއެވެ. އެކަމަކު سمندون ދެޔޯއަށް ތިޔަކަންތައް ކުރެވި ދާނެއެވެ. މިހާރު އެދެޔޯ އުޅެނީ ކަލޭގެފާނަށް ދެކޮޅުވެރިވެފައި ފިލައިގެންގޮސް قعر ކަނޑުގެ އެންމެ އަޑީގައެވެ. ނަމަވެސްކަލޭގެފާނު އަންގަވައިފީވިއްޔާ އޭނާ އަތުލައިގަނެގެން ކަލޭގެފާނުގެ އަރިހަށް ގެނަސްދީފާނަމެވެ. އަޅުގަޑުމެން އެދެޔޯ އަތުލައިގަންނަން ހަދާނެ حكمة އަކީ އެކަނޑުގެ އައްސޭރިއަށް ގޮސް އެސޮރު ގާތުގައި ބުނާނީ سليمان ގެފާނު މިހާރު އަވަހާރަ ވެއްޖެއެވެ. ދެންތިޔަތާ އޮތުމުގެ ބޭނުމެއް ނެތެވެ. އަވަހަށް އަހަރެމެންގެ ތެރެއަށް އަންނާށެވެ. އޭރުން އޭނާ އަޅުގަނޑުމެންގެ ގާތަށް އަތުވެދާނެއެވެ. ދެން އަޅުގަޑުމެން އޭނާ ހައްޔަރު ކޮށްގެން ކަލޭގެފާނުގެ އަރިހަށް ގެނެސްދީފާނަމެވެ. يقين ންވެސް އެއަސްތައް އަތުލައިގަނެވޭނީ ހުދު އޭނާއަށެވެ.
سليمان ގެފާނު މިއަމުރުފުޅު ދެއްވުމުން ހުރިހާ ދެޔޯއިން قعر ކަނޑުގެ ކައިރިއަށް ގޮސް سمندون އަށް ގޮވަން ފަށައިފިއެވެ. ސަމަންދޫން އެވެ. سليمان ގެފާނު އަވަހާރަ ވެއްޖެއެވެ. ކަލޭ ދެން ތިޔަކަނޑުގައި ފިލާ އޮތުމުގެ ބޭނުމެއް ނެތެވެ. އަވަހަށް އަހަރެމެންގެ ތެރެއަށް އަންނާށެވެ.
ސަމަންދޫނަށް މިއަޑު އިވުމުން ނުހަނު ބޮޑަށް އުފާ ކޮށްފައި އެކަނޑުގެ ތެރެއިން އެއްގަމަށް އަރައިފި އެވެ. އެހިދު ދެޔޯއިން ސަމަންދޫނަށް ބުންޏެވެ. އަހަރެމެންނަށް سليمان ގެފާނު ދެއްވާފައިވާ عقوبات ތަކުގެ ބަދަލު ހިފަން މިހާރު ކޮންމެހެން ބޭނުމެވެ. އެއީ އަހަރެމެން އެންމެން އެކުގައި އެތަނަށް ގޮސް އެކަލޭގެފާނުގެ ވެރިކަން އަހަރެމެންގެ ބާރުގެ ދަށަށް ގެނައުމެވެ. އޭގެ ފަހުގައި އަހަރެމެންގެ حيات ވޭތުކުރާނީ އުފަލާއި އަރާމުގައެވެ.
މިގޮތަށް ވާހަކަ ދައްކައިގެން ސަމަންދޫނު މުޅިން ހައްލާލައިފި އެވެ. އަދި އޭނާއާއި ގުޅާލައިގެން އުޅުމުގެ ތެރޭގައި فرصت އެއް ހޯދައިގެން ކަމަށްދުތަކުން އެދެޔޯ އަތްފައި ބަދެގެން سليما ن ގެފާނުގެ އަރިހަށް އޭނާ حاضر ކޮށްފިއެވެ.
ކޯފާގެ ނަޒަރަކުން، سليمان عليه السلام ސަމަންދޫން ދެޔޯއާއި ދިމާއަށް ބައްލަވާ ލެއްވުމާ އެކު އޭނާ ބިރުން ތުރުތުރު އަޅަން ފަށައިފި އެވެ.
އަދި އޭނާ ދެންނެވި އެވެ. نبى الله އެވެ! އަޅުގަނޑު ކަލޭގެފާނުގެ އަރިހުން أمَان އެދެމެވެ. އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާށެވެ. އަދި އަޅުގަނޑު ކަލޭގެފާނަށް تبع ވެއްޖައީމެވެ. ކަލޭގެފާނު حكم ކުރައްވާށެވެ. ލޮލާއި ބޮލުން އަޅުގަނޑު ކިޔަމަންވާނެއެވެ.
އެކަލޭގެފާނު ވިދާޅުވި އެވެ. އެންމެރަގަޅެވެ. ކަލޭގެ ފުރާނަ ސަލާމަތްކުރަން ބޭނުމީވިއްޔާ އެޖަޒީރާގައި އުޅޭ ކަނޑުގެ އުދުހޭ އަސްތައް އަތުލައިގަނެގެން ގެނެސްދޭށެވެ.
އެދެޔޯ ދެންނެވިއެވެ. نبى الله އެވެ. حكمة އަކުން ނޫނީ އަޅުގަނޑަކަށްވެސް އެއަސްތަކެއް އަތުލައެއް ނުގަނެވޭނެ އެވެ.
سليمان عليه السلام ވިދާޅުވި އެވެ. ތިޔަބުނާ حكمة އަކީ ކޮބައިހޭ؟ އޭނާ ދެންނެވިއެވެ. އަޅުގަނޑާ އެކުގައި ދެޔޯއިންގެ ބަޔަކު ފޮނުއްވާށެވެ. ދެން އަޅުގަނޑުމެން އެއަސްތައް ފެންބޯންދާ ފެންގަނޑުގެ ކައިރިއަށް ގޮސް ފެންގަނޑު މުޅިން ހިއްކާލާނީ އެވެ. އަދި ފެނުގެ ބަދަލުގައި شراب އަޅާ ފުރާލާނީއެވެ. ދެން އެއަސްތައް ފެންބުއިމުގެ ބަދަލުގައި شراب ބޯނެއެވެ. ދެން އެސޮރުމެން ރަނގަޅަށް މަސްތުވުމާއި އެކު ކަމަންދު ތަކުން މަޅި އަޅުވައިގެން އަތުލައި ގަންނާނީ އެވެ. އަދި ކަލޭގެފާނު އަރިހަށް ގެންނާނީ އެވެ.
ސަމަންދޫން މިހެން ދަންނަވާފައި ދެޔޯއިންގެ ބަޔަކު ގޮވައިގެން އެފެންގަނޑުގެ ކައިރިއަށް ގޮސް އޭނާ ދެންނެވި حكمة ހަދައިގެން ސާޅީސް އަސް އަތުލައިގަތެވެ. އަދި މިއަސްތައް سليمان ގެފާނުގެ އަރިހަށް حاضرކޮށްފިއެވެ. އެއީ އެދުވަހުގެ އަސުރު ނަމާދު ވަގުތެވެ. އެއަސްތަކުގެ ސާފުކަމާއި ރީތިކަމާއި ފުރިހަމަކަމުގެ ސަބަބުން އެކަލޭގެފާނު އެއަސްތައް ބައްލަވަން ހުންނަވަނިކޮށް އެދުވަހު عصرނަމާދުގެ ވަގުތު ފާއިތުވެ ހިގައްޖެ އެވެ. އެވަގުތު جبريل عليه السّلام الله تعالى ގެ عتاب ގެ ބަސްފުޅައިގެން ވަޑައިގަންނަވައިފި އެވެ.
جبريل عليه السّلام ވިދާޅުވި އެވެ. سليمان ގެފާނެވެ. عصر ނަމާދުގެ ވަގުތު ފާއިތުވެގެން ދިޔައިރުވެސް ކަލޭގެފާނު ތިޔަހުންނަވަނީ ދުނިޔޭގެ މުދަލުގެ ލޯބީގައި مسعول ވެގެންނެވެ، މިއަޑުފުޅު އައްސަވައި ހަމަ އެވަގުތު ސަޖިދަޔަށް ވަޑައިގެން ކީރިތި ކުރައްވަން ފައްޓަވައިފި އެވެ. އަދި إستعار ކުރެއްވި އެވެ. الله تعالى وحى ކުރެއްވި އެވެ.
إذْ عُرِضَ عَلَيْهِ بِا الْعَشِيِّ الصّا فِنَاتُ الْجِنَادُ () فَقَالَ إنِّىْ أحْبَبْتُ إتخ (سورة ص 31)
ދެން އިރުއޮއްސުމާއިއެކު سليمان ގެފާނު ވިދާޅުވިއެވެ. އެއަސްތައް އަހަރެންގެ ގާތަށް ގެންނާށެވެ. ދެން އެއަސްތައް އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ގެނައުމާއިއެކު އެއެއްޗެތީގެ ހަތަރެސްފަޔާއި ކަނދުރާތައް ބުރި ބުރިކުރައްވައިފި އެވެ. ރިވާވެގެން ވެއެވެ. سليمان عليه السلام އެދުވަހުގެ عصر ނަމާދު ފުޅު ކުރެއްވުމާއި ހަމަޔަށް (މާތް الله ގެ قدرة ތެރިކަމުން) އިރު ނުއޮއްސި އެއްހިސާބެއްގައި ލެހެއްޓެވިއެވެ. އިރު އޮއްސުނީ އެކަލޭގެފާނު ނަމާދުފުޅު ކުރައްވައި ނިމުމަށް ފަހު އެވެ.
ބުނެވެއެވެ. سليمان عليه السلام އެއަސްތައް ކަތިލެއްވުމަށްފަހު އޭގެ އަހެއް ނުއުފައްދަވައެވެ. އެކަމަކު ތާޒީ އަސް އުފެދިފައި ވަނީ އޭގެ ނަސްލުން ކަމަށް ބުނެވެއެވެ.
- އަދި ނުނިމޭ