އަހަރެން އޭނާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އޭނާވެސް އަހަރެން ދެކެ ހަމަ ވަރަށް ބޮޑަށް ލޯބިވެއެވެ. ނަމަވެސް ކައިވެނިކުރެވެން އޮތީ އޭނާގެ ކިޔެވުން ފުރިހަމަކުރުމަށްފަހުގައެވެ. އޭނާގެ ކިޔެވުން ފުރިހަމަކުރަން 1 އަހަރުދުވަހަށް ބޭރު ޤައުމަކަށް ދާންޖެހެއެވެ. އެހެންކަމުން ދެމީހުންވެސް ނިންމީ ކިޔެވުން ފުރިހަމަކުރުމަށްފަހު ކައިވެނިކުރުމަށެވެ.
ފުރުމުގެ ކުރިން ދެމީހުން ވަރަށް ގިނަ ވައުދުތައްވީމުއެވެ. ލޯތްބާއި ވަފާތެރިކަމާއެކު ކެތްތެރިވުމަށެވެ. ކޮންމެއަކަސް އޭނާ ފުރިތަނާހެން އަހަރެން އެކްސިޑެންޓެއްވިއެވެ. މޫނަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އަހަރެންގެ މޫނުގެ ރީތިކަން ގެއްލުނެވެ. ނުބައި ސިފައެއް ޖަހަންފެށިއެވެ.
މޫނުގެ ސިފަ ރީތިކުރަން ވަރަށް ގިނަ އޮޕަރޭޝަންތައް ކުރަންޖެހެއެވެ. އެހެންވެ އަހަރެން ނިންމީ އެއްވެސް އޮޕަރޭޝަނެއް ނުކުރުމަށެވެ. ނަމަވެސް ސުވާލަކަށްވެފައި އޮތީ މިހާރުހުރި ސިފައިގައި އޭނާ އަހަރެން ޤަބޫލުކުރާނެ ހެއްޔެވެ؟ ބުރަވެވުނީ ޤަބޫލުނުކުރާނެ ކަމަށެވެ. އެހެންވެ އޭނާ އާއި މުޢާމަލާތުކުރުން ހުއްޓައިލީމެވެ. އަހަރެންގެ މަތިން ހަނދާން ނައްތާލަން ފުރުޞަތު ދިނުމަށެވެ.
އަހަރު ދުވަސް ފާއިތުވިތަނާ އޭނާ އެނބުރި އަތުވެއްޖެ ކަމަށާއި މާދަން މިގެއަށް އަންނާނެ ކަމަށް މަންމަ ބުނުމުން އަހަރެން ހިތަށް އެރިއެވެ. "ރަނގަޅުވާނީ ނައިއްޔާއެވެ. މިސިފައިގައި އޭނާ އަހަރެން ބަލައެއް ނުގަންނާނެއެވެ."
ނަމަވެސް މަންމަމެންގެ ކުރިމަތީގައި އެއްވެސް ބަހެއް ނުބުނަމެވެ. ބަހެއް ނުބުނީ އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ވަނީ ޙަޤީޤީ ލޯބިކަމަށާއި ދުވަހަކުވެސް އަހަރެމެން ދުރުނުވާނެކަމަށް މަންމަމެން ގާތު ބުނެވިފައިއޮތުމުންނެވެ. އެހެން ބުނަން ޖެހުނީ އަހަރެންނަކީ ތަނަވަސް ޢާއިލާއެއްގެ ހުރި އެންމެ އަންހެން ދަރިފުޅު ކަމަށްވެފައި އޭނާއަކީ ފަޤީރަކަށްވުމުން ކައިވެނިކުރަން މަންމަމެން އެއިރު ނުރުހުންވުމުންނެވެ.
އަނެއް ދުވަހު ހަވީރު އޭނާ ގެއަށް އައުމުން އަހަރެން އޭނާ އާއި ބައްދަލުކުރީ މޫނުގައި އަތްއަޅައިގެންހުރެއެވެ. އޭނާ ފުރަތަމަވެސް ބުނީ މޫނުން އަތް ނެގުމަށެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. "މިހާރު މިމޫނު ދެކެން ތިބާ ބޭނުމެއް ނުވާނެއެވެ!"
އޭނާ ދިން ޖަވާބުން އަހަރެން ދިއައީ ސިއްސައިގެންނެވެ. "ތިބާގެ ހުއްދަ ނެތި ނަމަވެސް މަންމަ އަހަރެންނަށް ތިބާގެ ފޮޓޯތަކާއި ވީޑިއޯތައް ފޮނުވިއެވެ. އަހަރެން ލޯބިވީ ތިބާގެ މޫނަކާއެއް ނޫނެވެ. ތިބާ އާއެވެ. މޫނުގެ ވެސް އެހެން ތަންތަނުގެވެސް ސިފަ އަބަދު އެއްގޮތަކަށް ނުހުންނާނެއެވެ. ބަދަލުވާނެއެވެ! ތިބާ ބަދަލުނުވާނަމަ އެނިމުނީއެވެ. އަހަރެންދެކެ ކުރިންވެސް ލޯބިވާވަރަށް ލޯބިވާނަމަ ފުދި އިތުރުވެސްވީއެވެ."
ދެން ކުރީ ސުވާލެކެވެ! "ތިފަދަ ގޮތެއް އަހަރެންނަށް މެދުވެރިވިނަމަ ތިބާ އަހަރެން ބާކީކޮށްލާނީ ހެއްޔެވެ؟"
އަހަރެންނަށް ގިސްލަގިސްލާފައި ރޯންފެށުނެވެ. ވީއުފަލުގެ ބޮޑުކަމުންނެވެ.
ދެން އޮތީ އެންމެ މުހިންމު ވާހަކައެވެ. ކައިވެންޏަށް 3 އަހަރުފުރުނުއިރު އަހަރެންގެ މޫނުވަނީ 95 އިންސައްތަ ރީތިވެ ކުރިއާއި އެއްގޮތްވެފައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި މޫނަށް ލިބުނު ފަރުވާއަކީ ފިރިމީހާގެ ލޯތްބެވެ! ލިބުނު ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. އަހަރެންނަށް ލިބުނު ފިލާވަޅަކީ ލޯބީގައި ތެދުވެރިވެއްޖެނަމަ ބުއްދިއަށް ނުވެސް ގެނެވޭފަދަ ނިޢްމަތްތައް ލިބޭނެއެވެ.
އަހަރެންގެ ބަސްކޮޅުން ޢިބްރަތެއް ލިބި ފައިދާއެއް ޙާޞިލުވެއްޖެނަމަ އަހަރެންގެ ބޭނުން ޙާޞިލްވީއެވެ.