ބޭނުންވާ ކަންކަމަށް އެދި ﷲ ތަޢާލާއަށް ކޮންމެ ވަގުތަކުވެސް ދެންނެވޭ ޙާލަތުގައި ހުންނަ މީހަކަށްވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ބޭނުންވާ ކަންކަމަށް އެދި ﷲ ތަޢާލާއަށް ކޮންމެ ވަގުތަކުވެސް ދެންނެވޭ ޙާލަތުގައި ހުންނަ މީހަކަށްވާށެވެ!: މުފްތީ މެންކް

އަހަރެމެން ކޮންމެ މީހަކީވެސް އަބަދުވެސް އެތައް ބައިވަރު ކަންތައްތަކަކަށް ބޭނުންވެގެން ހުންނަ މީހެކެވެ. ބޮޑެތި ކަންކަން ކުރިމަތިވާނީ ކޮން ވަގުތަކުކަން ހަމައެކަކަށްވެސް ނޭނގޭނެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އަބަދުވެސް ހުންނަންވާނީ ބޭނުންވާ ކަންކަމަށް އެދި ﷲ ތަޢާލާއަށް ކޮންމެ ވަގުތަކުވެސް ދެންނެވޭ ޙާލަތުގައެވެ.

އެ ޙާލަތުގައި ހުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ފަރުޟު 5 ނަމާދު އަދާކުރަމުން ގެންދިއުމެވެ. ނަމަވެސް ގިނަ ބައަކު ނަމާދުކުރަން ފަށަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ބޭނުންވުމުންނެވެ. ކޮންމެވެސް މުޞީބާތެއް ކުރިމަތިވުމުން އެކަމުން ސަލާމަތްވުމަށެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެއީ ހެދޭ ގޯހެކެވެ.

ނަމާދަކީ ﷲ ތަޢާލާ އާއި ތިމާ އާއި ދެމެދުގައި ގުޅުން އުފެއްދުމަށް އޮތް ވަސީލަތެކެވެ. އެންމެ މުހިންމު ވަސީލަތެވެ. ﷲ ތައާލާ އާއި މުޢާމަލާތު ކުރުމަށްވެސް އޮތް މަގެވެ. ފުރަތަމަ ނަމާދުކުރާށެވެ! ﷲ ތައާލާ އާއި ތިމާ އާއި ދެމެދު ގުޅުންތައް އުފައްދާށެވެ.

އެ ގުޅުންތައް އުފެދިގެން ދިއުމުން ތިބާ އެދޭ ކަންކަން ޙާޞިލުވެގެންދާނެއެވެ. ތިބާގެ މައްސަލަތަކަސް ޙައްލު ފެންނާނެއެވެ. ވީމާ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ނަމާދުތައް ފުރިހަމައަށް އަދާކޮށް ﷲ ތަޢާލާ އާއި ގުޅުން އުފެއްދުމެވެ.

ފަރުޟު 5 ނަމާދުން އެންމެ ނަމާދެއްވެސް ނުއަޅާށެވެ. ކޮންމެ ދުވަހަކުވެސް 5 ނަމާދު އަދާކުރާށެވެ. ފަރުވާތެރިކަމާއިއެކުގައެވެ. ޚުޝޫޢަތްތެރި ކަމާއިއެކުގައެވެ. ނަމާދު ކުރަންޖެހޭނީ ނަމާދަކަށް ނަމާދެއް ނޫނެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައެވެ. ނަމާދުކުރުމުގެ ފައިދާ ފެންނާނީ އެއިރުންނެވެ.

ފަރުޟު ނަމާދުން އުނިވާބައި ރަވާތިބް ސުންނަތުން ފޫބައްދައިދެއެވެ. ވީމާ ކުރާ ނަމާދުތައް ފުރިހަމަކުރުމަށްޓަކައި ރަވާތިބު ސުންނަތްތައް ކުރަން ޖެހެއެވެ. ނަމާދުކުރަން ލޯބި ކުރުމަކީ އެއީއެވެ. --މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން