ހިތްދަތިވެ ނުނިދޭ، ހިނިތުން ނުވެވޭ ނަމަ ނިކަން މިކަންކަން މިގޮތަށް ކޮށްލައި ތަފާތު ދެކިލަބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ހިތްދަތިވެ ނުނިދޭ، ހިނިތުން ނުވެވޭ ނަމަ ނިކަން މިކަންކަން މިގޮތަށް ކޮށްލައި ތަފާތު ދެކިލަބަލާށެވެ!

ތަނަވަސްކަން ލިބިފައިވާ އަންހެނަކު އޭނާއަށް ބޭނުންވާ އުފާވެރިކަން ހިތަށް ނުލިބޭތީ ނަފްސާނީ ޑޮކްޓަރަކާއި ބައްދަލުކުރިއެވެ. އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު ޑޮކްޓަރު އެކްލިނިކް ސާފުކުރުމުގެ މަސައްކަތްކުރާ އުމުރުން ދުވަސްވީ އަންހެނަކަށް ގޮވާލާފައި އޭނާގެ ޙަޔާތުގައި ކަންކަން ދިމާވިގޮތް ތަނަވަސް އަންހެނާއަށް ކިޔައިދޭން އެދުނެވެ. 

އޭނާ ކިޔައިދިނެވެ. 

"އަހަރެންގެ އުމުރުން 30 އަހަރުވެސް ނުވަނީސް ފިރިމީހާ ކެންސަރު ބަލީގައި މަރުވެއްޖެއެވެ. އެއިގެ ކުޑަ ދުވަސްކޮޅެއްފަހުން އެކްސިޑެންޓްވެ ހުރި ހަމައެކަނި ދަރިފުޅުވެސް މަރުވެއްޖެއެވެ. އެހިސާބުން ދުނިޔޭގައި ހުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ޤަބޫލުކުރެވުނެވެ. މުޅި ދުނިޔެ ބޮޑު އަނދިރިގަނޑަކަށް ވެއްޖެއެވެ. ހިނިތުންވާން މުޅިން ހަނދާން ނެތިއްޖެއެވެ. 

އެހާލަތުގައި އުޅެމުންދިއަ ދުވަސްވަރު އެއް ރޭ ގެއަށް އައިއިރު ވަރަށް ބަނޑުހައިވެގެން އޮތް ކުޑަ ބުޅަލެއް ގޭގެ ދޮރުކައިރިން ފެނުމުން ބުޅާ ގެއަށް ވައްދައި ކިރު ތަށްޓެއް ދިނީމެވެ. ކާންވެސް ދިނީމެވެ. ބުޅާ އުފަލުން ހެމުން އައިސް އަހަރެންގެ ފައިގައި އޮޅުލައި ހެދުމުން އެތައް އަހަރަކަށްފަހު އަހަރެންނަށް ފުރަތަމަ ފަހަރަށް ހިނިތުންވެވުނެވެ. 

އެރޭ ހިތަށް އެރިއެވެ. "މިއީ ބުޅަލަކަށް އެހީތެރިވުމުން ލިބުނު އުފާވެރިކަމެވެ. އިންސާނުންނަށް އެހީތެރިވާނަމަ މާބޮޑަށް އުފާވެރިކަން ލިބޭނެއެވެ." އެގޮތަށް ހިތަށް އެރުމުން އަހަރެންގެ ފެންވަރުން ކުދިކުދި ކާއެއްޗެތި ތައްޔާރުކޮށް އަވަސްޓެރިންގެ ތެރޭގައި ތިބި ޙާލުގައި އުޅޭ މީހުންނަށާއި މުސްކުޅިންނަށް ދޭންފެށީމެވެ. އެމީހުންނަށް އެކަމުން ލިބޭ އުފާވެރިކަމާއި ހިނިތުންވާ މިންވަރު ފެނުމުން އަހަރެންގެ ހުރިހާ ހިތާމަތަކެއް ފިލައިގެންދިއައެވެ. ނުނިދިގެން އުޅެންޖެހުންވެސް ފިލައިގެންދިއައެވެ. ކުރިއަށްވުރެ މާރަނގަޅަށް ނިދެންވެސް ފަށައިފިއެވެ."

ތަނަވަސް އަންހެނާއަށް އެވާހަކަތައް ވެގެންދިއައީ މުޅިން އައު ވާހަކަތަކަކަށެވެ. "އަަހަރެންގެ އަތުގައި ތަނަވަސްކަން އެބަހުއްޓެވެ. ނަމަވެސް އެއްވެސް މީހަކާއި ހިއްޞާއެއް ނުކުރަމެވެ. ނަމަވެސް އެކަން ބަދަލުކުރާނަމެވެ. ފުރަތަމަ ކަމަކަށް އަހަރެން ކަލެއަށް މިދެނީ ހަދިޔާއެކެވެ." ބުނެފައި މުސްކުޅި އަންހެނާއަށް ޑޮލަރުތަކެއް ހަދިޔާ ކުރިއެވެ. 

މީސްތަކުންނޭވެ! އުފާވެރިކަމުގައި ދެމިހުންނަން ބޭނުންވާނަމަ އެހެން މީހުން އުފާވެރިކޮށްދޭން މަސައްކަތްކުރާށެވެ! ހިނިތުންވެގެން ހުންނަން ބޭނުންވާނަމަ އެހެން މީހުންނަށް ހިނިތުންވާށެވެ! މިކިޔައިދިން ވާހަކައިގައި ހިމެނެނީ މުސްލިމުންނެއް ނޫނެވެ. ނަމަވެސް އެމީހުންނަށް އެ ޢަމަލުކުރެވުނީ އިސްލާމް ދީނުގައި އޮތްގޮތަށެވެ. ހިތްހަމަޖެހުން އެލިބުނީ އިސްލާމް ދީނުގައި އޮތް ގޮތަށް ޢަމަލުކުރުމުންނެވެ.

މިއަދު އޮންލައިން