ރާއްޖޭގައި ހުރި މިސްކިތްތަކަކީ ދެ ގޮތަކަށް އަޅާފައިވާ މިސްކިތްތަކެކެވެ. އެއްގޮތަކީ ރައްޔިތުންގެ ފައިސާއިން ރައްޔިތުން ނަމާދުކުރަން މިސްކިތް އެޅުމެވެ. ދެވަނަ ގޮތަކީ އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާފައި ނަމާދުކުރަން މަގުފަހިކޮށްދޭން ސަރުކާރާއި ހަވާލުކުރުމެވެ. ރާއްޖޭގެ އެއްވެސްވެރިއަކު، ވެރިކަން ކުރި މީހަކު އަދި އެފަދަ މީހެއްގެ ޢާއިލާއިން އެޅި މިސްކިތެއް ހުރިކަން އެނގިފައެއް ނުވެއެވެ.
"ފަލާޙް ލިބިގަތުމަށް މިސްކިތަށް އައުމަށް" އަމުރުފުޅު ކުރައްވަވަނީ މިސްކިތްތަކުގެ ވެރި ﷲ ތަޢާލާއެވެ. އެއީ ކޯޓަށް ޙާޒިރުވާން ނެރޭ އަމުރަށްވުރެ މާވަރުގަދަ އަމުރެކެވެ. އަމިއްލަ ބޭނުންތައް ފުއްދަން ގެއިން ބޭރަށް ނުކުމެވޭނަމަ މިސްކިތްތަކަށް އަރައި ނަމާދުކުރުން މަނާކުރެވޭނެ ހަމައެއް އޮތް ކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެވެއެވެ.
ސަރުކާރުން މިހާރުވަނީ މަގުމައްޗަށް ނުކުމެ އުޅުމުގެ ހުއްދަ އޮތްނަމަ މިސްކިތަށް އެރުމުގެ ހުއްދަ ކޮންމެވެސް ވަރަށް ދީލަތިކަމާއިއެކު ދީފައެވެ. އެ ހުއްދައިގެދަށުން އިއްޔެ ވަރަށް ގިނަ ބައަކު މެންދުރުނަމާދަށް ދިއައެވެ. ދިއައިރު ބައެއް މިސްކިތުގައި ހުކުރުކުރާތީ ހުކުރުވެސް ކުރިއެވެ. ފުރްޤާން މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތް ފުރުނެވެ. އިން ޝާ ﷲ
ފުރުޤާން މިސްކިތުގައި ވަނީ އަމިއްލަ ފަރާތަކުން ހަދިޔާކުރި ސައުންޑެއްވެސް ބޭނުންކޮށްފައެވެ. ސައުންޑް ހަދިޔާކުރިފަރާތަށް ގިނަ ބައަކު ޝުކުރު އަދާކުރިއެވެ. "ދެން ފާހަގަކޮށްލަން ބޭނުންވަނީ ހުކުރު ކުރަން މައުމޫމްވެ ބަންގި ދިނީ ހަމަ މިސްކިތުގެ އިމާމްކަން. ހީވަނީ މިސްކިތް ފުރެންދެން މީހުން ތިބިތަން ފެނުނީމާ ހިތަސް ކުރި އަސަރުހަމަ ބޮޑުވީހެން. މަރުވީމާ ޢަމަލުތަކުގެ ޙިސާބު ބައްލަވާނެ ދުވަހަށް ބިރުވެތިވީހެން. އިމާމްގެ ހިތްވަރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތަޢްރީފްކުރަން." ބައެއް މީހުން ބުނެފައިވެއެވެ.
މިފަދަ ކަމެއް އެހެން މިސްކިތެއްގެ ފަތިސް ނަމާދުގައިވެސް ވަނީ ހިނގައިފައެވެ. އިމާމް ބަންގި ގޮވައި ސުންނަތްކޮށް ނިމިގެން ބަލައިލިއިރު ފަހަތުގައި ޖަމާއަތުގައި ފަތިސްނަމާދުކުރަނީއެވެ. ފުރަތަމަ ރަކްއަތުގައި ސަޖިދަ ސޫރަތް ކިޔަވަން ފެށުމުން އިމާމުގެ ހިތަށް ކުރި އަސަރުން އިމާމް ވަނީ ޖަމާއަތާއި ގުޅި ނަމާދުކޮށްފައެވެ. ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ޖަމާއަތުގައި ކުރާ ފަތިސްނަމާދުކަން އިމާމަށް އެނގޭތީ އެ ޘަވާބު ލިބިގަތީ ކަމަށް ބެލެވެއެވެ.