جمعية السلف
ނޫސްބަޔާން
26 މެއި 2021 ގައި ރައްޔިތުން މަޖްލިހަށް ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ "ދީނީ ހޭލުންތެރިކަން ހަނިކޮށް މަނާކުރުމަށް" ފަރުމާކޮށްފައިވާ ޤާނޫނާމެދު، ޖަމްޢިއްޔަތުއްސަލަފުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި 30 އަށްވުރެ ގިނަ ޢިލްމުވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
މިބައްދަލުވުމުގައި، ސަރުކާރުން ހުށައަޅުއްވާފައިވާ ބިލުގެ ނުރައްކާތެރިކަމާއި، ދީނީ ނަޞޭޙަތް ދިނުމުގެ މައިދާނަށް އޭގެ ސަބަބުން އެޅިގެންދާނެ ހުރަސްތަކާމެދު ފުޅާދާއިރާއެއްގައި ވާހަކަ ދެކެވި، ކަންބޮޑުވުންތައް ވަނީ ޙިއްސާ ކުރެވިފައެވެ. އަދި މިބިލް ހުށައެޅުމުގައި "އިސްލާމަކަށް ކާފަރު" ކިޔުން މަނާކުރާ ބިލްގެ ނަމުގައި ބިލް އިޝްތިހާރު ކުރެވިގެން ގޮސްފައި ވުމުގައި ޢާއްމު ރައްޔިތުންނަށް ބިލުގެ އަސްލު މަޤްޞަދާއި ޙަޤީޤަތް އޮޅޭނޭފަދައިން އޮތުންވެސް ކަންބޮޑުވުމެއްގެ ގޮތުގައި ޢިލްމުވެރީން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި މިބިލުގެ ސަބަބުން، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް ހުރަސް އެޅޭނޭ ކަމުގައިވެސް، ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ފާހަގަ ކުރިއެވެ.
ޖަލްސާ ނިމިގެން ދިޔައީ އެކިއެކި ފަރާތްތަކުން، އެފަރާތަކަށް ކުރެއްވޭ އެންމެ ފުޅާ ދާއިރާއެއްގައި އެބިލުގެ ނުރައްކާތެރިކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޢާއްމުންނަށް ޙަޤީޤަތް ސާފުކޮށްދިނުމާއި، އަދި އެބިލު އެއޮތްގޮތަށް ފާސް ނުކުރުމަށް އެންމެހާ ދާއިރާއެއްގެ މަޖިލީހުގެ މެމްބަރުންނަށް އިލްތިމާސްކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ މަށްޗަށެވެ. އަދި މީގެ އިތުރުން، ކުރެވެންހުރި އެހެނިހެން ކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ޢިލްމުވެރީންގެ ކަންބޮޑުވުން ފޯރުކޮށްދިނުމުގެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.
- ސަލަފް