ވިލިމާލެ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ރޭ ފެނިއްޖެއެވެ.
މިކަން ކަށަވަރު ކޮށްދެމުން ފުލުހުން ބުނެފައިވަނީ އެމީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ 22:10 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެމީހާގެ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
މިމައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އެމީހާ މަރުވެފައި އޮއްވާ ފެނުނު ގޭގެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އެގޭގައި މަރުވެފައި އޮންނަތާ ތިން ދުވަސްވަރު ވެދާނެއެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި މަސައްކަތް ކުރާ، ގއ. ކޮލަމާފުށްޓަށް ނިސްބަތްވާ މީހެކެވެ.
އޭނާއަކީ ވިލިމާލޭގައި ދިރިއުޅެމުން ދިޔައީ ބައު މިސްކިތް ކައިރީގައި ހުންނަ ގެއެއްގެ ދެވަނަ ބުރިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން، އެކަނި ދިރިއުޅެމުން ދިޔަ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެމީހާ މަރުވެގެން ވެއްޓިފައި އޮތީ އެކޮޓަރީގައި ހުންނަ ފާޚާނާގެ ދޮރުމައްޗަށް ވާގޮތަށެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.