ކުރަންޖެހޭ މަސައްކަތްގިނަވެ މައިންބަފައިންނާ އަނބިދަރިންގެމަތިން ހަނދާން ނައްތާ މިހުން ވަނީ ފޭލް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ކުރަންޖެހޭ މަސައްކަތްގިނަވެ މައިންބަފައިންނާ އަނބިދަރިންގެމަތިން ހަނދާން ނައްތާ މިހުން ވަނީ ފޭލް!

ކޮންމެ އެކުވެރިއަކީ އޭނާއަށް ފައިދާވާނެ ގޮތަށް ކުރާ އަދި ކުރަން ރާވާ ހުރިހާ ކަންކަމުގެ ވާހަކަ ތިބާއަށް ކިޔައިދޭނެ މީހެއްކަމަށް ހީވެސް ނުކުރާށެވެ! 99 އިންސައްތަ ފަހަރު އެކަން އޮންނާނީ ނުކުރެވިފައެވެ. ވީމާ ތިބާވެސް ތިބާގެ މުސްތަޤްބަލަށްޓަކައި ކުރަން ރާވާ ހުރިހާ ކަންކަން ހުރިހާ އެކުވެރިންނާއި ހިއްޞާ ނުކުރާށެވެ. ޚާއްޞަކޮށް އާމްދަނީ ހޯދަން ކުރަން ޤަޞްދުކުރާ ކަންކަމުގެއެވެ. 

ކުރިއަށްދާން މަސައްކަތްކުރުމުގައި ތިބާއަށް އިޚްތިޔާރުކުރެވޭ ގޮތް އެހެން ބައަކަށް ކަމުނުދިއުމަކީ ވެސް މީއްސަލައަކަށް ނުހަދާށެވެ. އެހެނީ ކަންކަމުގައި ކުރިއަށްދާން މަސައްކަތްކުރަން ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ދެއްވަވަނީ ތަފާތު މޮޑިޔުލްއެކެވެ. ވީމާ އެކެއްގެ މޮޑިޔުލް އަނެކަކަށް ކަމުނުދިއުމަކީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ.  

ރާވާ މަޝްރޫޢުތަކާ ކުރަން މަސައްކަތްކުރާ ކަންކަން ކާމިޔާބު ނުކުރެވި ފޭލިވެގެންދަނީ ތިބާގެ ޚިޔާލަށް އެކުވެރިން ނުވަތަ ފާޑުކިޔާމީހުން ދެކޮޅުހަދާތީއެއް ނޫނެވެ. އަދި އެހެން މީހުން ދޭ ޚިޔާލު ޤަބޫލުނުކުރާތީއެއްވެސް ނޫނެވެ. 

ކާމިޔާބުނުކުރެވޭ އެންމެ ބޮޑު ސަބަބަކީ ކަންކަން ކުރަންފަށައިގަންނަން އުޅޭ ދުވަސްވަރު އާއި ފަށައިގަތުމަށްފަހު ކުރީކޮޅުގައި މާބޮޑަށް ﷲ ތަޢާލާ އާއި ދުރުހެލިވެވޭތީއެވެ! ކަމެއް ކުރެވޭނެ ގޮތް ހަމަޖެހުމުން އެކަން ފަހިކުރައްވަވައި ދެއްވެވީ ﷲ ތަޢާލާ ކަމާއި އެންމެހައި ޝުކުރެއް ޙައްޤުވެގެންވަނީ ﷲ ތައާލާއަށްކަން ހަނދާން ނައްތައިލެވޭތީއެވެ. 

ހެޔޮއެދޭ މީހުންގާތުން ޚޔާލު ހޯދައި ކޮންސަލްޓީންގ އެޖެންސީތަކުގެ ލަފާ ކިތަންމެ ވަރަކަށް ހޯދައިގެން ކުރަންފަށާ ކަންކަންވެސް ފޭލްވަމުން އެދާ މައިގަނޑު ސަބަބަކީ "ބިޒީކަން" ބޮޑުވެ ﷲ ތަޢާލާގެމަތިން ހަނދުމަ ނައްތައިލެވުމެވެ. ފަރުޟު ނަމާދުތައް ކުރުމަށް ފަރުވާ ކުޑަކުރެވުމެވެ. އަދި އެންމެފަހުން އަމިއްލަ މައިންބަފައިންނާއި އަނބިދަރިންގެ މަތިންވެސް ހަނދާން ނެތުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކިތަންމެ ކުޑަކުޑަ މަސައްކަތެއް ކުރިކަމުގައިވީނަމަވެސް އަދި ކިތަންމެ ބިޔަ މަޝްރޫޢެއް ހިންގިނަމަވެސް ހިތުން ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ﷲ ތައާލާއަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. ނަމާދު އަލައިގެން ނުވާނެއެވެ. ހަމަ އެއާއިއެކު މައިންބަފައިންނަށާއި އަނބިދަރިންނަށް އަދާކުރަންޖެހޭ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! އެކަންކަން ނުކުރެވުމުގެ ސަބަބުން ގިނަ ބައަކު ފޭްވަމުންދާތަން މިދަނީ ފެންނަމުންނެވެ. ހަމަ އެޢާއިއެކު އެކަންކަމަށް ސަމާލުކަްދޭ މީހުން އެދަނީ ކުރިއަރައި ކާމިޔާބު ހޯދަމުންނެވެ. 

އެއިރުން ތިބާކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ 

 

- އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން