މާފަށް އެދެންޖެހޭ މީހެއްގެ ކިބައިން މާފަށް ނުއެދެވިވަނިކޮށް މަރުވެއްޖެ ނަމަ އަމަލުކުރަންވީ ގޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މާފަށް އެދެންޖެހޭ މީހެއްގެ ކިބައިން މާފަށް ނުއެދެވިވަނިކޮށް މަރުވެއްޖެ ނަމަ އަމަލުކުރަންވީ ގޮތް!: މުފްތީ މެންކް

ތިމާ ލޯބިވާ މީހަކު މަރުވުމުން ވަރަށް ގިނަ ފަހަރު އެންމެ ބޮޑަށް ހިތާމަކުރަންޖެހިފައި އޮންނަ އެއްކަމަކީ އެމީހަކާއި ޞުލްޙަވެ ހިތްޙަލާލު ހޯދަންޖެހޭ ކަންކަމުގައި ހިތްހަލާލު ނުހޯދި އޮންނާތީއެވެ. މާފަށް އެދެން ޖެހޭ ކަންކަމުގައި މާފަށް ނޭދެވި އޮންނާތީއެވެ. 

މިފަދަ ޙާލަތުމެދުވެރިވަނީ ދާދި ކުދިކުދި ކަންކަމުގައިވެސް ނުބައިބަސްތައް ދުލުންބުނެވިފައި ހުންނާތީއެވެ. އަނެކާގެ ހިތުގައި ޖެއްސިފައި އޮންނާތީއެވެ. ވީމާ ފުރަތަމަކަމަކަށް ސަމާލުކަންދޭންޖެހޭނީ މައިންބަފައިންނަށްވެސް އަނބިންނަށް އަދި ފިރިންނަށްވެސް އަދި ދަރިންނަށްވެސް އަދި ގާތް ތިމާގެ މީހަކަށްވެސް އަދި ދުރު މީހަކަށްވެސް އެފަދަ ބަހެއް ނުބުނުމަށެވެ. އެފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. 

އެއްވެސް މީހަކު މަރުވާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ކޮންމެ މީހަކީވެސް ކޮންމެ ވަގުތަކުވެސް މަރުވެދާނެ މީހެކެވެ. ވީމާ އެއްވެސް މީހަކަށް މާފަށް އެދެންޖެހޭ ކަމެއް އޮތްނަމަ އެކަން ހިނދުކޮޅަކަށްވެސް ލަސްނުކުރާށެވެ! އެކަމުގައި ލިބިދާނެ އެންމެ ބޮޑު ދެރައަކީ ދުނިޔޭގައި މާފަށް އެދުނުނަމަ މާފުލިބޭނެ ކަމެއްގައި މާފު ނުހޯދި އޮއްވައި އެމީހާ މަރުވުމެވެ. ޤިޔާމަތް ދުވަހަކީ އެއްވެސް މީހަކު އެއްވެސް މީހަކަށް މާފުކުރާނެ ދުވަހެއް ނޫނެވެ. ކޮންމެ މީހަކަށްވެސް އެދުވަހު އުޅެންޖެހިފައި އޮންނާނީ ސަވާބު މަދުވެގެން ކަމުގައިވާތީއެވެ.  

ތިމާ މާފަށް އެދެންޖެހޭ މީހެއްގެ ކިބައިން މާފަށް ނުއެދެވިވަނިކޮށް އެމީހާ މަރުވެއްޖެ ނަމަ އެމީހަކަށްޓަކައި ހެޔޮ ދުޢާކުރުން ގިނަކުރާށެވެ! އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވައި ސުވަރުގެ ދެއްވެވުން އެދި ދުޢާކުރާށެވެ! ވީވަރަކުން އެމީހާއަށްޓަކައި ޞަދަޤާތް ކުރާށެވެ! އަދި ތަނަވަސްކަން ހުރިނަމަ އެމީހަކަށް ދާއިމީ ނިޢްމަތް މިންވަރުކުރައްވަވާނެ ޞަދަޤާތްވެސް ކުރާށެވެ! 

އެއިރުން އެމީހާއަށް ދޭންޖެހޭ ބަދަލު ދިނުމަށްމަގުފަހިވެ އިތުރުވެސްވެގެންދާނެއެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން