ކައިވެނި ރޫޅުމަށްފަހު އަނެކާގެ ރަނގަޅު ވާހަކަ ދެއްކުމަކީ ޘަވާބު ދެއްވަވާ ޢަމަލެކެވެ! ނުބައި ވާހަކަ ނުދައްކާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކައިވެނި ރޫޅުމަށްފަހު އަނެކާގެ ރަނގަޅު ވާހަކަ ދެއްކުމަކީ ޘަވާބު ދެއްވަވާ ޢަމަލެކެވެ! ނުބައި ވާހަކަ ނުދައްކާށެވެ!

ޢާންމު ގޮތެއްގައި ކައިވެނި ރޫޅުމަށްފަހު އަނެކާގެ ރަނގަޅުވާހަކަ ދެއްކުން ވެފައި އޮންނަނީ ކުރަން ވަރަށް އުނދަގޫ ކަމަކަށެވެ. އަބަދުހެން ދެއްކޭނީ އަނެކާގެ ކިބައިގައި ހުންނަ ނުރަނގަޅު ކަންކަމުގެ ވާހަކަތަކެވެ. އަނެކާގެ ކިބައިގައި ހުރި ރަނގަޅު އެއްވެސް ކަމެއްގެ ވާހަކަ އޮންނަނީ ނުދެއްކިފައެވެ. 

ކައިވެނި ރޫޅުމަށްފަހު އަނެކާގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކުގެ ވާހަކަތައް ދެއްކުމުން އަނެކާއަށް ކުރާ ފައިދާ ނުވަތަ ލިބޭ ނިޢްމަތުގެ ސަބަބުން ތިމާއަށް އެކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ. 

ވީމާ ކައިވެނި ރޫޅުމަށްފަހު މީހުންގެ ގާތު ދައްކަންވީ އަނެކާގެ ނުބައި ވާހަކަތަކެއް ނޫނެވެ. ދައްކަންވީ އަނެކާގެ ހުރި ރަނގަޅު ސިފަތަކުގެ ވާހަކައެވެ. މަސައްކަތްކުރަންވީ އަނެކާއަށް އުފާވެރި ޙަޔާތެއް ހޯދައިދިނުމަށެވެ. އެކަމުގެ ސަބަބުން ތިބާއަށް ﷲ ތަޢާލާގެ ރަޙްމަތްފުޅު އިތުރުވެގެންދާނެއެވެ. އިން ޝާ ﷲ 

އެހެންކަމުން ފިރިމީހާވެސް އެހެން ފިރިހެނުންގެ ގާތު ބުނަންވީ "ކަންކަން ދިމާވިގޮތުން އަހަރެމެންގެ ކައިވެނި ރޫޅުނީއެވެ. ނަމަވެސް އޭނާއަކީ ތިބާއަށް ވަރަށް ރަނގަޅު އަންތބަކަށްވެދާނެއެވެ." މިފަދަ ބަސްތަކެވެ. އަދި އަނބިމީހާވެސް ބުނަންވީ ހަމަ މިފަދަ ބަސްތަކެވެ. 

މިސާލަކަށް ބުނާނަމަ ކައިވެނި ރޫޅުމުން ދެމީހުންނަށްވެސް އޮންނާނީ ރަނގަޅު ފިލާވަޅުތަކެއް ލިބިފައެވެ. އެކަކު އަނެކަކަށް ގޯސްކޮށް ކުރެވުނު ކަންކަން ވާނީ ފާހަގަކުރެވިފައެވެ. ތިމާގެ ކިބައިގައި ހުރި އުނި ސިފަތައް ވާނީ ދެނެގަނެވިފައެވެ. ވީމާ ދެވަނަ ކައިވެންޏެއްގައި އެކުށްތައް އަލުންތަކުރާރުކުރަން ރަނގަޅު އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެހެންވުމުން ދެވަނަ ކައިވެނި އުފާވެރި ގޮތުގައި ހޭދަކުރަން މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ 

މިކަމުގައި އިސްތިސްނާކުރަންޖެހޭނެ ޙާލަތެއްވެއެވެ. އެއީ އަނެކާއަކީ ﷲ ތަޢާލާއަށް ބިރުވެތިނުވާ، އިސްލާމް ދީނަށް ޢަމަލުނުކުރާ މީހެއްނަމަ އެވެ. އެޙާލަތުގައިވެސް އެންމެންގެ ގާތު އެވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް އެމީހާ އާއި ކައިވެނިކުރަން ބޭނުންވެގެން ޞައްޙަ މައުލޫމާތު ހޯދަން އެދުން ފަދަ ކަންކަމުގައި ޙަޤީޤަތް ހާމަކުރަންވާނެއެވެ. 

އެ ޙާލަތުގައިވެސް ބުނާށެވެ! "އަހަރެންނާއިއެކު ދިރިއުޅުނުއިރު އޭނާގެ މިވެނި ކަންކަން ހުރީ މިހެންނެވެ. ނަމަވެސް މިހާރު ތައުބާވެ ކަންކަން އިޞްލާޙްކޮށްފައިވެސްހުރެދާނެއެވެ. ދުޢާއަކީ އެއީއެވެ. އިތުރަށް މިކަންކަން ތިބާ ޔަޤީންކޮށްލާށެވެ!" 

މީހަކާއިމެދު އެންމެ ޞައްޙަ މައުލޫމާތު ދެވޭނީވެސް ބައިވެރިޔާއަށެވެ. ވީމާ ބައިވެރިޔާ ދައްކާ ވާހަކަ މީހުން ބަލައިގަންނާނެއެވެ. ދެވޭ ރަނގަޅު މައުލޫމާތެއްގެ ސަބަބުން އަނެކާއަށް އުފާވެރި ޒަވާޖީ ޙަޔާތެއް ލިބިދާނެކަމަށް ކަންބޮޑުވާނަމަ އެކަން ވާނީ ހަސަދަވެރިކަމަކަށެވެ. އެއިރުން ލިބޭނީ ޢަޛާބެވެ! ދެވޭ މައުލޫމާތުގެ ސަބަބުން އަނެކާއަށް އުފާވެރިކަން ލިބިއްޖެ ނަމަ އެކަމުގެ ޘަވާބު ދެއްވަވާނެތެވެ. އަދި އަނެކާއަށް ފައިދާއެއް ނުކުރިނަމަވެސް ތިބާ ކުރި ހެޔޮ ޢަމަލަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން