ތިމާގެ ހަށިގަނޑުން ގުނަވަނެއް ހަދިޔާކުރާ މީހާއަށް ދުނިޔޭގެ އެންމެން ދިރުވިކަމުގެ މަތިވެރިކަން ދެއްވަވާނެކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ތިމާގެ ހަށިގަނޑުން ގުނަވަނެއް ހަދިޔާކުރާ މީހާއަށް ދުނިޔޭގެ އެންމެން ދިރުވިކަމުގެ މަތިވެރިކަން ދެއްވަވާނެކަން ޤުރްއާނުން!

ތިމާގެ ހަށިގަނޑުން ގުނަވަނެއް ހަދިޔާކޮށްގެން މީހެއްގެ ފުރާނަ ސަލާމަތްކުރުމުގެ މަތިވެރިކަން އެނގޭނަމަ އެކަމަށް ހަމައެކަކުވެސް ފަހެއް ނުޖެހޭނެއެވެ! އެކަމުގެ ހުރި މަތިވެރިކަން އެނގި ސާބިތުވަނީ ކީރިތި ޤުރްއާނުންނެވެ. 

"...އަދި އެނަފްސެއް ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވިފަދައެވެ.." (އަލްމާއިދާ: 32) 

ޢިލްމުވެރިން ބަޔާންކުރައްވަވަނީ މިއާޔަތުގައި އެވަނީ ކޮންމެހެން ހަނގުރާމައެއްގައި މީހުން ނުމަރައި ދޫކުރުމުގެ ވާހަކައާއި އެނޫންވެސް ގޮތް ގޮތުން މީހަކު މަރަން އުޅޭ ޙާލަތުގައި އެމީހާގެ ފުރާނަ ސަލާމަތްކުރުން ނޫންކަމަށެވެ. މީހެއްގެ ފުރާނަ ސަލާމަތްކުރަން ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމުން އެމީހަކަށް "އެންމެހައި މީސްތަކުން ދިރުވި ކަމުގެ ޘަވާބު ދެއްވަވާނެ" ދެއްކަމުގެ ވާހަކަކަމަށެވެ. އިން ޝާ ﷲ

ފުރާނަ ނުރައްކަލުގައިވާ މީހަކަށް ގުނަވަނެއް ހަދިޔާކުރުމަކީ ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުން ފަދަ ކަމެއްކަން ވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެކަންކަން ބަޔާން ކުރައްވަމުން ހަމަ އެސޫރަތުގެ 35 އާޔަތްވެސް ބަޔާންކުރައްވައެވެ. 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި އެކަލާނގެ ޙަޟްރަތަށް ކުއްތަންވުމުގެ މަގު ތިއަބައިމީހުން އެދޭށެވެ. އަދި އެކަލާނގެ މަގުގައި ޖިހާދުކުރާށެވެ! އެއީ ތިއަބައިމީހުން ދިންނަވައި ނަޞީބު ލިބިގަތުމަށްޓަކައެވެ." އަލްމާއިދާ: 35)

މީސްތަކުންނޭވެ! ކިޑްނީ ފަދަ ގުނަވަނެއް ފޭލްވެގެން ފުރާނަ ނުރައްކަލުގައިވާ މީހުންނަށް އެހީތެރިވެދޭށެވެ! އެއީ ގާތް ތިމާގެ މީހަކުތޯ ބެލުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ އަޅެކެވެ. ތިމާގެ ޢާއިލާގެ މީހަކަށް ކޮންމެވެސް ދުވަހަކުން ބޭނުންޖެހިދާނެކަމަށް ނުވަތަ ތިމާގެ އެއް ކިޑްނީ ފޭލްވެދާނެކަމަށް ބިރުނުގަންނާށެވެ! އެހެން މީހެއްގެ ބޭނުން ފުއްދައި ދިނުމުން ތިބާއަށް ބޭނުންޖެހޭ ދުވަހު ތިބާގެ ބޭނުން އިން ޝާ ﷲ، ﷲ ތަޢާލާ ފުއްދަވައިދެއްވަވާނެކަމަށް ޔަޤީންކުރާށެވެ! 

ގުނަވަން ހަދިޔާކުރުމަށްފަހު އެކަމަށް އެއްވެސް އަގެއްގައި ނުހިފާށެވެ! އެއިރުން ތިބާ ކުޅަ އެފަދަ މަތިވެރި ޢަމަލުވެގެންދާނީ ފައިސާގެ ބޭނުމުގައި ކުރި ވިޔަފާރިއަކަށެވެ.  ވީމާ މިހައި މަތިވެރި ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ޤިޔާމަތް ދުވަހު ތިމާ ސުވަރުގެ ވައްދަވާނެ ޢަމަލަކަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން