ލޮބުވެތި މައިންނާއި ބަފައިންނޭވެ! ދަރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ހަވާލުކުރައްވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. އަދި އެކުދިންގެ ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ވަރަށް ވެސް ބޮޑު ބުރަ ޒިންމާއެކެވެ. މައުޟޫގައި ބުނެފައިވާ ބޮންސާއި ގަހުގެ ވާހަކަ ގެނެސްފައިވަނީ ވަރަށް މުހިއްމު ބޭނުމަކުއެވެ.
އަހަރެމެންގެ ދަރިންނޭ ތޯއެވެ! އެކުދިންވެސް ބޮޑެތިވެގެން އަންނަ ދުވަސްވަރު ލައްކަ ކަންތައްތަކެއް އެކުދިންގެ ދުޅަހެޔޮކަމަށްޓަކައި ބޭނުންވެއެވެ. ހަށިގަނޑުގެ ހެދިބޮޑުވުމެވެ. ސިކުނޑީގެ ހެދިބޮޑުވުމެވެ. ހިތުގެ ހެދިބޮޑުވުމެވެ. މިހުރިހާ ކަމަކަށް ހެން ކާނާ ބޭނުންވާއިރު، މިކަމަށް އެންމެ އެކަށީގެންވާ އެންމެ ރަނގަޅު ކާނާ ދެނެގަތުމަކީ އަހަރެމެން މައިންބަފައިންގެ ވަރަށް ބޮޑު ޒިންމާއެކެވެ. އަދި މިފަދަ ކާނާ އެކުދިންނަށް ދޭން ވާނީ ވެސް ހައްދު ފަހަނައަޅައި ނުދާ ވަރަށެވެ. އަދި ބޭނުންވާ ވަރަށް ވުރެ މަދުންނެއް ވެސް ނޫނެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ކުދިންގެ ހެދިބޮޑުވުމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަފްސާނީ ދުޅަހެޔޮކަން ގުޅިފައިވަނީ އެކުދިން ކަންކަމާ މެދު ދެކޭ ގޮތާއެވެ. އެކުދިންގެ އިހުސާސް ތަކާއެވެ. އެކުދިންގެ އަމިއްލަ ނަފްސުގެ އަގުކުރުންތަކާއެވެ. އެކުދިންގެ ދޭދޭ ގުޅުންތަކާއެވެ. އެކުދިންގެ ލޮލުން އެކުދިން ދުނިޔެ ދެކޭ ގޮތާއެވެ. މިހެންކަމުން މިކަމުގައި ފަރުވާކުޑަ ނުކުރަމާ ހިނގާށެވެ.
ގުދުރަތީ މާހައުލަކީ ކުދިންގެ ނަފްސާނީ ތަރައްގީއަށް ބާރުދޭ އެކަމަށް އެންމެ ބޮޑަށް އެހީތެރިވެދޭ އެންމެ މުހިއްމު ކާނާއެވެ. ނަފްސާނީގޮތުން ދުޅަހެޔޮ ދަރިއަކު ބޮޑުކުރަން ބޭނުންނަމަ ގުދުރަތީ މާހައުލާ ކުދިންނާ ބީރައްޓެހި ނުކުރާށެވެ. ގިނަފަހަރަށް ޖިސްމާނީ ތަރައްގީގެ ބޮޑުބައި ވެސް ގުޅިފައިވަނީ ގުދުރަތީ މާހައުލާއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް ކުދިން ގޮވައިގެން ބޭރަށް ނިކުމެލާށެވެ. އަތިރިމައްޗަށް ޖެހިލާށެވެ. ދޮންވެއްޔާ ކުޅެން ދާށެވެ. ގަސްގަހަށް އަރަން ކުދިންނަށް ހިތްވަރުދޭށެވެ. ތަނަކުން ވެއްޓި ތެޔޮހަން ދިއުމަކީ މާބޮޑުކަމަކަށް ނަހަދާށެވެ.
މޫދަށް އެރުވަން މަސައްކަތްކުރާށެވެ.
މިފަދަ ކަންކަމުގެ ސަބަބުން ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ ސިހުން ކެނޑި ކެރުންތެރިކަން އިތުރުވާނެއެވެ. މިކާނާ (މިކަންކަން) އެކުދިންނަށް ބޭނުންވާ ވަރަށް ނުލިބޭނަމަ، ކުދިން ގުރުޑުވާން ފަށާނެއެވެ. ވިސްނުން ކޮށިވާން ފަށާނެއެވެ. ކަންކަމާ މެދު ނައްސިކޮށް ވިސްނަން ފަށާފާނެއެވެ. ކުދިން ‘ބޮންސާއި’ ވާން ފަށާފާނެއެވެ.
ބޮންސާއި ގަހުގެ ވާހަކަ:
ބޮންސާއި ގަހަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަރަށް ބުރަ މަސައްކަތުން ހައްދާ ވަރަށް އަގުބޮޑު ގަސްގަހުގެ ބާވަތްތަކަކަށް ކިޔާ ނަމެކެވެ. ވަރަށް މަސައްކަތް ބުރަ، އެހާމެ ފަރުވާތެރިކަމާއި ކެތްތެރިކަމާއެކު ކުރާ ބުރަބޮޑު މަސައްކަތެކެވެ. ތިޔައިގެ ތެރެއިން ގިނަ ބެލެނިވެރިންނަށް މިކަން އެނގިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު ހޯދަން ބޭނުންފުޅުވާނަމަ ގޫގުލް ގާތުން އޮޅުންފިލުވާށެވެ. ކޮންމެއަކަސް ބޮންސާއި ގަހުގެ ޚާއްޞަކަމަކީ އެގަހުގެ ގުދުރަތީ ބޮޑު މިނަށްވުރެ ގަސް ހައްދާފައި ހުންނަ އިރު ކުޑަވުމެވެ. މޭވާ އަޅާ ގަހެއް ނަމަ، މޭވާ ވެސް އަސްލު ސައިޒަށްވުރެ ކުޑަ ވާނެއެވެ. މާ އަޅާ ގަހެއް ނަމަ ހަމަ މިފަދައެވެ.
- މަސްދަރު: ދިސަލަފިއްޔާ