ކުރާ ދުޢާ ޢިޖާބަކުރައްވަވައި ދެއްވެވުން އެދި ކުރެވިދާނެ މުހިންމު ބައެއް ކަންކަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ކުރާ ދުޢާ ޢިޖާބަކުރައްވަވައި ދެއްވެވުން އެދި ކުރެވިދާނެ މުހިންމު ބައެއް ކަންކަން

ދުޢާކުރާއިއރު ގިނަ ބައަކު އެމީހުން އެދޭ އެދުމުގެ ވާހަކަ ދަންނަވަން އަވަސްވެގަނެއެވެ. ފުރަތަމަވެސް ދަންނަވަނީ ތިމަންނާއަށް މިވެނިކަމެއް ހިންމަވައި ދެއްވެވުމަށެވެ. އެފަދަ މީހުންނާއިމެދު ރަސޫލް (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވަނީ އެއީ ކެތްތެރިކަން ނެތް ވަރަށް ބޮޑަށް އަވަސްއަރައިގެންފައިވާ މީހުން ކަމަށެވެ. 

ކިތަންމެ އަވަސްއަރައިގަނެގެން ދުޢާކުރި ނަމަވެސް ދުޢާކުރުމަށް ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ﷲ ތަޢާލާ މަތިވެރިކޮށް ތަޢްރީފްގެ ބަސްތައް ދެންނެވުމެވެ. ވީމާ އެފަދަ ބަސްތަކުން ފަށައިގަންނާށެވެ! ﷲ ތަޢާލާ މަތިވެރިކޮށް ތަޢްރީފްގެ ބަސްތައް ދެންނެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވައެވެ. އެކަމުގެ ދަލީލަކީ އެފަދަ ބަސްފުޅުތައް ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ވަޙީކުރައްވަވާފައިވުމެވެ. 

ދުޢާކުރުމުގައި ރަސޫލް (ޞޢވ) އަށް ޞަލަވާތާ ސަލާމް ލެއްވެވުން އެދި ދުޢާކުރަންވާނެއެވެ. ހަމަ އެއާއިއެކު ވީހައި ގިނައިން އަސްމާއުލްޙުސްނާގައި ހިމެނޭ ނަންފުޅުތަކުން ދަންނަވާށެވެ! އެނަންފުޅުތައް ވީހައި ގިނައިން ބޭނުންކުރާށެވެ! ދުޢާކުރާ ކަމަކާއި އެންމެ ގުޅޭ ނަންފުޅަކުން ދަންނަވާށެވެ! ޤުރްއާނުގެ ދެއާޔަތުގައި މިކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. 

ދުޢާކުރުމުގައި "ރައްބަނާ" ނުވަތަ "ރައްބީ" ގިނަގިނައިން ބޭނުންކުރާށެވެ! އެއިރުން އެދެންނެވެނީ މިއަޅާގެ ހުރިހާ ކަމެއް، އެންމެހައި ކަންކަމަށް ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމަށެވެ. މިއަޅާގެ ވެރި ދެވަނަ އެއްވެސް ފަރާތެއް ނުވާކަމަށެވެ. 

ތިމާއަށް ކުރެވިފައިވާ ހެޔޮ ޢަމަލުތަކުގެ ވާހަކަވެސް ދަންނަވާށެވެ! ނަމަވެސް އެފަދައިން ދަންނަވަންވާނީ ވަރަށް ބޮޑެތި ކަންކަމަށް އެދި ދުޢާކުރާއިރުގައެވެ. އެފަދަ ޙާލަތުގައި ދަންނަވާށެވެ! "މިއަޅާ މިވެނި ހެޔޮ ޢަމަލެއް އިނބަ ﷲ އަށްޓަކައި ކޮށްފައިވާނެއެވެ! އެކަމަކީ އިނބަ ﷲ ރުހިވޮޑިގަންނަވާ ޢަމަލެއް ކަމުގައިވާނަމަ މިއަޅާއަށް މިވެނިކަމެއް ހިންމްވައިދެއްވަވާނދޭވެ!" ނަމަވެސް ކުރިން ބުނިފަދައިން އެގޮތަށް ދަންނަވަންޖެހޭނީ ވަރަށް ބޮޑެތިކަންކަން ކުރިމަތިވެގެން ދުޢާކުރާއިރުއެވެ. 

މިކަން އެނގިގެންދަނީ ހޮހޮޅައިގެ ދޮރުމައްޗަށް ބޮޑު ހިލައެއްވެއްޓި ނުކުންނާނެމަގު ބަންދުވުމުން 3 ދުޢާކުރި ގޮތް ބަޔާންކުރެއްވެވި ޙަދީޘްފުޅުންނެވެ. ވީމާ މިކަމުން އެނގިގެންދަނީ އަބަދުވެސް ތިމާ އާއިއެކުގައި ތިމާއަށް ކުރެވިފައިވާ ވަރަށް ގިނަ ހެޔޮ ޢަމަލުތައް ހުންނަން ޖެހޭނެ ކަމެވެ. އެއިގެ ބޭނުންހިފަން ދުނިޔޭގައިވެސް ޖެހޭ ޙާލަތުގައިވެސް ބޭނުން ހިފުމަށެވެ. 

ހަމައެއާއިއެކު ތިމާގެ ކިބައިގައި އެއްވެސް ބާރެއް ނެތްކަމާއި ނިކަމެތިކަން ބަޔާންކުރަންވާނެއެވެ. 

ދުޢާކުރާއިއރު މިކަންކަން ފުރިހަމަކުރަން ސަމާލުކަންދޭށެވެ! ތިބާކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ 

- ޑރ. ޔާސިރު ޤާދީ

މިއަދު އޮންލައިން