އަނބިމީހާ ނުވަތަ ފިރިމީހާ އެދުމުން އެމީހެއްގެ ފޯނުގައި އިން އެހެން މީހެއްގެ ކޮންޓެކްޓް ޑިލީޓްކޮށް އެމީހަކާއި އިތުރަށް ވާހަކަ ނުދައްކައި ހުރުމަކީ ދެމީހުންނަށް ވެސް ކުރުން ވާޖިބުކަމެކެވެ. އަދި އެކަންވާނީ އަޅުކަމަކަށެވެ.
ކައިވެންޏަށްފަހު ދެމީހުން ވެސް ވާންޖެހޭނީ އެކަކު އަނެކަކަށް އެންމެ މުހިންމު މީހާ ކަމަށެވެ. އެކަން ޤަބޫލުކޮށް އަމަލުނުކުރާނެ ނަމަ ކައިވެނިކޮށްގެން އުޅުމަކީ އެއްވެސް މުހިންމުކަމެއް ނޫނެވެ. އެކަމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ. ވީމާ އެންމެ މުހިންމުވާންޖެހޭ މީހާއަށްވުރެ މުހިންމު ހަމައެކަކުވެސް ހުރެގެން ނުވާނެއެވެ.
ޙަދީޘްފުޅުގައި އޮތީ އަހަރެމެންގެ ތެރެއިން އެންމެ ހެޔޮކަންބޮޑު މީހަކީ އެމީހާގެ ބައިވެރިޔާއަށް އެންމެ ހެޔޮ މީހާކަމަށެވެ. މި ހަދީޘްފުޅަކީ ހަމައެކަނި ފިރިމީހާގެ މައްޗަށް އޮތް ޙަދީޘްފުޅެއް ކަމަށް ބަލައިގެންނުވާނެއެވެ. މިއީ ހަމަ ދެމަފިރިންގެ މައްޗަށްވެސް އޮތް ހަދީޘްފުޅެކެވެ. ފިރިމީހާ އަނބިމީހާއަށް އެންމެ ހެޔޮކަންބޮޑުމީހާކަމުގައިވާއިރު ހަމައެފުރުޞަތު އަނބިމީހާއަށް ވެސް އޮންނާނެއެވެ.
ބައިވެރިޔާ، ވަކިމީހެއްގެ ކޮންޓެކްޓް ޑިލީޓްކުރަން ބޭނުންވެގެން ބުނާނީ އެމީހަކާއި ވާހަކަދައްކަން އޭނާ ނުއެދޭތީއެވެ. އެކަމާއިމެދު ހިތްހަމަނުޖެހޭތީއެވެ. އެކަމުން ހިތަށް ނުތަނަވަސްކަން ލިބޭތީއެވެ. އެފަދަ ނުތަނަވަސްކަން ފިލުވައި ނުދީ އެންމެ ހެޔޮކަންބޮޑު މީހާއަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ އަނެކާ ކަންބޮޑުވުމެއްގައި ބަހައްޓާނަމަ އެވެވެނީ އަނިޔާވެރިއަކަށް ނޫންހެއްޔެވެ؟
މިބުނަނީ ހަމަ ތެދަށެވެ! އަހަރެންގެ އަނބިމީހާ އަހަރެންގެ ފޯނުން އެއްވެސް މީހެއްގެ ކޮންޓެކްޓް ޑިލީޓްކުރަން ބުނެފިނަމަ އަހަރެން ވަގުތުން ޑިލީޓްކުރާނަމެވެ. ސަބަބަކީ އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ﷲ ތަޢާލާ އާއި އަހަރެން އިތުރަށް ކުއްތަންވާނެތީއެވެ.
މީސްތަކުންނޭވެ! އެކޮންޓެކްޓެއް ޑިލީޓްކުރުމުން ލިބިދާނެ ބޮޑު ގެއްލުމެއް އޮތްނަމަ އެކަން ވިސްނައިދޭށެވެ! އެކަން އޭނާއަށް ޤަބޫލުކުރެވޭވަރަށް ކިޔައިދޭށެވެ! އެއްވެސް ކަމެއް ނުފޮރުވައި ތެދަށް ކިޔައިދޭށެވެ! އެވަރުންވެސް ހިތްހަމަ ނުޖެހިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ހަަމ ޑިލީޓްކޮށް ދެމަފިރިންގެ ގުޅުމަށް ލޮޅުމެއް ނުއެރުވުމެވެ. ފޯނުގައި ހުންނަ އެތައް ހާސް ކޮންޓެކްޓެއްގެ ތެރެއިން އެންމެ މީހަކު ޑިލީޓްކުރަން އެބުނަނީ ސބަބެއް އޮވެގެންނެވެ. އެގޮތަށް ބުނާނީ އެމީހަކާއި ވާހަކަ ދެއްކުމުން ދިރިއުޅުމަށް ގެއްލުމެއް ލިބިދާނެތީ އެކަމުން ސަލާމަތްކުރުމުގެ ބޭނުމުގައެވެ. ވީމާ އެކަމަށް އިޙްތިރާމްކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން