ސުވަރުގެ ވަންނަން ބޭނުމީ ބައިވެރިޔާގެ އަތުގައި ހިފައިގެން އެކުގައިކަމަށް ބުނާ މީހުންނަށް މުފްތީ މެންކުގެ ޚާއްޞަ އިލްތިމާސެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ސުވަރުގެ ވަންނަން ބޭނުމީ ބައިވެރިޔާގެ އަތުގައި ހިފައިގެން އެކުގައިކަމަށް ބުނާ މީހުންނަށް މުފްތީ މެންކުގެ ޚާއްޞަ އިލްތިމާސެއް!

ކައިވެނިކޮށްގެން ތިބޭއިރު ދައްކާވާހަކައިގައި ތިމާ ސުވަރުގެ ވަންނަން ބޭނުންވަނީ ބައިވެރިޔާ އާއިއެކުގައި ކަމަށް ބުނާ މީހުން ވަރަށް ގިނައެވެ. ސުވާލަކީ އެކަމަށް ފުރަތަމަ ފުރިހަމަކުރަންޖެހޭ ޝަރުޠު އެބަ ފުރިހަމަކުރަން ހެއްޔެވެ؟ 

ސުވަރުގޭގައި އެމީހަކާއިއެކުގައިވާން އެދޭމީހާ ފުރަތަމަ ދުނިޔޭގައި އެމީހަކާއިއެކުގައިވާށެވެ! އެމީހާއަށް ހެޔޮއެދޭށެވެ! އެމީހާއަށް އޯގާތެރިކަމާއިއެކު ރަނގަޅަށް ކަންތައްތައްކުރާށެވެ! 

ސުވަރުގެ ވައްދަވާނީ ޤިޔާމަތްދުވަހުއެވެ. އެއިގެ ކުރިން މަރުވަންދެން އުޅެން މިޖެހެނީ ދުނިޔޭގައެވެ. ވީމާ ދުނިޔޭގައި އެކަކު އަނެކަކަށް ލޯބިނުކޮށް، ގުޅުން ނުބާއްވައި، ކަމޭނުހިތައި އަހަރެން ސުވަރުގޭގައިވާން ބޭނުމީ ބައިވެރިޔާ އާއިއެކުގައި ކަމަށް ބަނަން ހެޔޮވެސްވާނީ ކިހިނަކުން ހެއްޔެވެ؟

ސުވަރުގެ ވައްދަވާނެ އަޅުން ކަނޑައަޅުއްވަވާނީ ﷲ ތަޢާލާއެވެ. އެކަމަށް އެއްވެސް މީހަކަށް، ރަސޫލްބޭކަލަކަށް، ނަބީބޭކަލަކަށް އަދި މަލާއިތަކަށްވެސް ކުރެއްވެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! އެކަން ރަސޫލް (ޞޢވ)، އެކަލޭގެފާނުގެ ލޮބުވެތި ދަރިކަނބަލުންނަށް ކުރެއްވެވި ޙަދީޘްފުޅުން އެއޮތީ އެނގޭށެވެ! 

ނަމަވެސް ދުނިޔޭގައި އުޅެން ލިބިފައިވާ ފުރުޞަތުގައި ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ދެއްވަވާފައިވާ އިޚްތިޔާރުގެ ބޭނުންކޮށްގެން އަނެކާއަށް ހެޔޮކޮށްހިތައި ލޯބިން ދިރިއުޅެވިދާނެއެވެ! އޯގާތެރިވެވިދާނެއެވެ. ވަފާތެރިވެސްވެވިދާނެއެވެ. ލޯތްބާއި ކުލުނުވެރިކަން ދެމެހެއްޓިދާނެއެވެ. ވީމާ އެކަންކަން ނުކޮށް ހިތަށްއެރިހައި ދުނިޔޭގައި ޙަޔާތްވޭތިކުރުމަށްފަހު ތިމާ ބޭނުންވަނީ ބައިވެރިޔާ އާއިއެކުގައި ސުވަރުގޭގައިވުމަށް ކަމަށް ބުނުމަކީ ކޮންގޮތަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން