މިމީހާގެ ވާހަކައަކީ އީމާންކަމުގަ މަރުވަން އެދޭމީހާ ޢިބްރަތް ޙާޞިލުކުރަންޖެހޭ މުހިންމު ފިލާވަޅެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މިމީހާގެ ވާހަކައަކީ އީމާންކަމުގަ މަރުވަން އެދޭމީހާ ޢިބްރަތް ޙާޞިލުކުރަންޖެހޭ މުހިންމު ފިލާވަޅެއް!: މުފްތީ މެންކް

އެއް ދުވަހަކު ހޮސްޕިޓަލަކަށް ވަންތަނުން މީހަކު ބުންޏެވެ. "އަހަރެން އިސްލާމް ދީނުން ބޭރުވާން އެބަވިސްނަމެވެ." ސަބަބެއްކަމަށް ބުނީ އޭނާ ބަލިވުމުން ކުރި ދުޢާ ޢިޖާބަނުކުރެއްވެވުމެވެ. އަދި ދާދި އަވަހަށް އޭނާ މަރުވެދާނެކަމަށް ޑޮކްޓަރުން ބުނާކަމެވެ. 

އަހަރެން ސުވާލުކުރީމެވެ! "އިސްލާމް ދީނުން ތިބާ ބޭރުވެއްޖެ ނަމަ މަރުނުވެ ފުރާނަ ސަލާމަތްވާނީ ހެއްޔެވެ؟ ނޫނީ ދުވަހަކުވެސް މަރުނުވެ ދުނިޔޭގައި ތިބެނީ ކޮންދީނެއްގެ މީހުންހެއްޔެވެ؟" 

70 ވަރަކަށް އަަހަރުގެ އެމީހާއަށް އަހަރެންގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ދޭނީވެސް ކޮން ޖަވާބެއް ހެއްޔެވެ؟ ދުނިޔެއަށް އައި ކޮންމެ މީހަކުވެސް މަރުވެއެވެ. ޢުމުރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ކޮންމެ މީހަކުވެސް ދުނިޔޭގައި ހުންނާނީ ﷲ ތައާލާ ކަނޑައެޅުއްވެވި މުއްދަތަކަށެވެ. އެ ވަގުތު ހަމަވުމުން އެންމެ ސިކުންތެއް އިތުރަށްވެސް ދުނިޔެއަކު ނުހުރެވޭނެއެވެ. 

ވިސްނައިލަންވީ 70 އަހަރު މުސްލިމެއްގެ ގޮތުގައި ދުނިޔޭގައި އުޅެފައި އެންމެފަހު ވަގުތު އޭނާއަށް އެފަދަ ވިސްނުމެއް އައި ސަބަބަށެވެ. އެފަދަ ވިސްނުމެއް އެއައީ ދުނިޔެއަށް އޭނާ ފޮނުއްވެވި ބޭނުން އޭނާއަށް ޤަބޫލުނުކުރެވި އޮތުމުންނެވެ. "މީސްތަކުން ދުނިޔެއަށް ފޮނުއްވަވަނީ އެންމެ ތަޤްވާވެރިއަކީ ކާކުތޯ ބެއްލެވުމަށްކަން" އޭނާއަށް ނުއެނގިއޮތުމުންނެވެ.

ލޮބުވެތިއަޚުންނާއި އުޚުތުންނޭވެ! އީމާންކަމުގައި ސާބިތުކުރައްވަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަން މިޖެހެނި މިފަދަ މުޞީބާތްތަކުން ސަލާމަތްވުމަށެވެ. ހިތުގައި އީމާންކަން ވަރުގަދަކުރަން ގަދައަޅައި މަސައްކަތްކުރަން މިޖެހެނީ މި ފަދަ މުޞީބާތްތަކުން ސަލާމަތްވެހުރުމަށެވެ. ކޮންމެ ޙާލަތަކަށްވެސް ކެތްތެރިވެ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔެދޫކުރާ މީހަކަށްވުމަށްޓަކައެވެ.  

70 އަހަރު އޭނާ ގަދަވެ ސަލާމަތުން ދުނިޔޭގައި ލެހެއްޓެވިކަން މައްޗަށް ޝުކުރުކުރަން އޭނާއަށް ނުއެނގުމުގެ ނަތީޖާ ފެނިގެންދާނެގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ފެންނަން ހުރި ކަންކަމަށްބަލައި ބުނަންޖެހެނީ އޭނާއަށް އާޚިރަތް އެވަނީ ދޫކޮށްލެވިފައި ކަމަށެވެ! ވީމާ ވިސްނައި ފިކުރުކޮށް މިފަަދ ޙާލަތުން ސަލާމަތްކަން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ! 

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން