ޢުމަރު ބުނު ޢަބްދުލްޢަޒީޒު
އުމަވީ ދައުލަތުގައި ފަސާދަ އުފެދިފައި ވަނިކޮށް އުމަވީ ދައުލަތުގެ ތެރެއިން އަލިވެގެން ދިޔަ ނޫރަކީ ޚަލީފާ ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ވެރިކަމެވެ. އެއީ މާތް ހަތަރު ޚަލީފާއިންގެ ފަހުން އިސްލާމީ އުންމަތުގައި ނަބަވީ މަންހަޖުގެ މައްޗަށް ހިންގި ވެރިކަމެއް ކަމުގައި އިސްލާމީ މުއައްރިޚުންނާއި ޢިލްމުވެރިންނާއި މުފައްކިރުން ބަޔާންކޮށްފައިވެއެއެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި އިސްލާމީ ޝަރީޢަތުގައި ބަޔާންކުރައްވާފައިވާ ފަދައިން ޢަދުލުވެރިކަން ޤާއިމު ކުރެއްވިއެވެ. ބައިތުލްމާލާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރައްވައި ފަސާދަ ނައްތާލެއްވިއެވެ. ޢާއިލާ މީހާއަށް ނުބައްލަވައި ޤާބިލު މީހާއާ މަސްއޫލިއްޔަތު ޙަވާލު ކުރެއްވިއެވެ. އިލްޒާމީ ގޮތެއްގައި ޒަކާތް ނައްގަވައި އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދެއްވިއެވެ. ފަސާދަ ހިންގި މީހުންނާއި އަނިޔާވެރިވާ ފަރާތްތައް މަޤާމުތަކުން ވަކިކުރެއްވިއެވެ. ކީރިތި ރަސޫލާގެ ޙަދީސްފުޅުތައް ތަދުވީނު ކުރައްވަން އަމުރުކުރެއްވިއެވެ. އުންމަތުގެ ކަންކޮޅުތަކުގައި އަމާންކަމާއި ސިލްމާއި ސަލާމަތު ޤާއިމު ކުރެއްވިއެވެ. ޢިލްމު ފަތުރުއްވައި ޢިލްމުގެ އަހުލުވެރިންނަށް އިޙުތިރާމް ދެއްވިއެއެވެ. އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރެއްވިއެވެ. ވެރިކަން ނިމިގެން ދިޔައިރު ޒަކާތުގެ މުދަލުގައި ހިފާނެ ފަޤީރަކު އުންމަތުގެ އެއްވެސް ހިސާބެއްގައި ނެތެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ކުރު މުއްދަތެއްގައި ވެރިކަން ކުރެއްވި ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަން ހިމެނިފައިވަނީ ޢަދުލުވެރި ހެޔޮ ވެރިކަމެއްގެ ގޮތުގައެވެ. އެއީ ފަސްވަނަ ޚަލީފަތުއްރާޝިދުގެ ގޮތުގައި އިސްލާމީ ތާރީޚުގައި ރަން އަކުރުން ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ނަންފުޅު ހިމެނިފައިވެއެވެ.
ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަަމަށް ފަހު، ޤުރުއާނާއި ސުންނަތުގެ ހިދާޔަތުގައި ފުރިހަމަ ޢަދުލުވެރި ވެރިކަމެއް ކުރި ވެރިޔަކު މި އުންމަތުގައި ނާދެއެވެ. އުމަވީ ދައުލަތާއި އައްބާސީ ދައުލަތާއި އަންދަލުސްގައި އޮތް އުމާވީ ވެރިކަމާއި މިޞްރުގައި އޮތް މަމާލިކުންގެ ވެރިކަމާއި އިސްޠަންބޫލްގައި އޮތް އުޘްމާނީ ވެރިކަމާއި ހިންދު ކަރައިގައި އޮތް މަޣޫލުންގެ ވެރިކަމާއި، އުންމަތުގެ އެކި ކަންކޮޅުތަކުގައި އެކި ޒަމާންތަކުގައި ހެޔޮ ލަފާ ވެރިން ވެރިކަންކޮށް އިސްލާމްދީނަށް ނަޞްރާއި ކާމިޔާބު ހޯދައިދީފައިވެއެވެ.
ނަމޫނާ ލިބިގަތުން
ނަބަވީ ވެރިކަމާއި އިސްލާމީ ޚިލާފަރުގެ ވެރިކަމުގެ އިތުރުން، ޢުމަރު ބުނު ޢަބްދުލްޢަޒީޒުގެ ވެރިކަމަކީ މިޒަމާނުގެ މުސްލިމު ކޮންމެ ވެރިއަކަށް އޮތް ނަމޫނާއެކެވެ. އާދޭހެވެ! މުސްލިމު ކޮންމެ ވެރިއެއްގެ ވެރިކަން ޤުރުއާނާއި ސުންނަތުގެ ހިދާޔަތުގެ ތެެރެއަށް އައުމަކީ މުސްލިމުން އެދޭ އެދުމެކެވެ. ކުރަމުން އަންނަ އުންމީދެކެވެ. މުސްލިމުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބެމުންދާ އަނިޔާއާ ދެކޮޅަށް ތެދުވާނެ ޢަޒުމު ހުރި ވަރުގަދަ ޒަޢާމަތެއް އުންމަތުގައި އުފެދުމަށް އުންމަތުގެ ޙާލުގެ ދުލުން ގޮވާލައެވެ. ނިކަމެތި ވެފައިވާ ކުޑަކުދިންނާއި އަންހެނުންގެ ކަރާމަތު ނަގަހައްޓާނެ ޤާއިދަކަށް އުންމަތް ވަނީ ނުހަނު ބޭނުން ޖެހިފައެވެ. އުންމަތާ ދެކޮޅަށް ކުރެވެމުންދާ ފިކުރީ ހަނގުރާމައިން އުންމަތް ސަލާމަތްކޮށްދޭނެ ލީޑަރަކަށް އުންމަތް އެދި ގޮވައެވެ. ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ މަންހަޖާއި ތެދުމަގު ލިބިވަޑައިގެން ތިއްބެވި ޚަލީފާއިންގެ މަގުން ހިނގުމަށް މުސްލިމު ކޮންމެ ވެރިއަކަށް ހިއްވަރު ދެމެވެ.
ހެޔޮވެރިކަން
ޤުރުއާނުގެ ހިދާޔަތުގައި ވެރިކަންކުރާ އިސްލާމީ ވެރިންނަކީ، އެބަޔަކަށް ވެރިކަން ދެެއްވުމުން، މީސްތަކުންގެ ޙައްޤުތައް ޙިމާޔަތްކޮށް، ޢާއިލާއާ ޙަސަބާއި ނަސަބަށް ބެލުމެއްނެތި ޢިލްމާއި ޤާބިލްކަން ހުރި އަމާނާތްރި މީހުންނަށް ދައުލަތުގެ ކަންކަން ޙަވާލުކޮށް މާތް ﷲ ގެ ޙުކުމްފުޅު ބިންމަތީގައި ތަންފީޒުކޮށް ފަސާދަ ނައްތާލައި ބައިތުލްމާލު ޙިމާޔަތްކޮށް ޢަދުލުވެރިކަން ޤާއިމުކޮށް ނަމާދު ޤާއިމުކޮށް ޒަކާތް އޭގެ ޙައްޤުވެރިނަށް ފޯރުކޮށްދީ ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާ ވެރިންނެވެ.
މި މަޒްމޫނުގެ މަޤުޞަދަކީ ނަބަވީ މަންހަޖުގެ މައްޗަށް ވެރިކަން ހިންގި ގޮތުގެ މައްޗަށް ބަލައިލުމެވެ. (أ.هـ)
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު