މޫސުމާ، ކޮޅިގަނޑާ ޒަމާނަށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް ނުބައިބަސް ބުނުން ހުއްދައެއް ނޫން!: ޝައިޚް ފަހްދް އަލް ކަންދްރީ

ކިޔުމަށް ހޭދަވާނީ 7މ 20ސ
މޫސުމާ، ކޮޅިގަނޑާ ޒަމާނަށް ހަޑިހުތުރު ބަހުން މުޚާޠަބުކޮށް ނުބައިބަސް ބުނުން ހުއްދައެއް ނޫން!: ޝައިޚް ފަހްދް އަލް ކަންދްރީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޚް ފަހްދް! "އަޅުގަނޑުމެން ދިރިއުޅެމުން މިދަނީ އަވަސް ބާރުމިނެއްގައި ބަދަލުވަމުންދާ މޫސުމެއްގައެވެ. ހޫނު މޫސުމުގައި ޙަރާރަތު މައްޗަށް ދިއުމާއެކު، އެކި ބާވަތުގެ މޫސުމީ ބަދަލުތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވަމުންދެއެވެ. މީގެ ތެރޭގައި ވައިގަދަވުމާއި ވެލި އުފުރުން ފަދަ ކަންކަން ހިމެނެއެވެ. ހަމައެހެންމެ، ފިނި މޫސުމުގައި ފިނިކަން އިންތިހާއަށް އިތުރުވެއެވެ. މިފަދަ މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރުމަކީ އާންމު ކަމެކެވެ.

ނަމަވެސް، ގިނަ ފަހަރަށް އަޅުގަނޑުމެން މި ޤުދުރަތީ މޫސުމާއި ޙާދިސާތަކާ މެދު ނުއެކަށީގެންވާ ޢިބާރާތުން ވާހަކަދައްކަމުންދެއެވެ. އެހެންނަމަވެސް، މިއީ އަމާޒުކުރެވޭ ފަރާތެއް ނެތް ޤުދުރަތީ ޙާދިސާތަކެކެވެ. މިފަދަ ކަންކަމާމެދު ނޭދެވޭ ގޮތަކަށް ވާހަކަދެއްކުމުގެ ޝަރުޢީ ޙުކުމަކީ ކޮބައިތޯ؟

ޖަވާބު:

"ސުބުޙާނަﷲ! ޤުދުރަތީ ޙާދިސާތަކާމެދު އަޅުގަނޑުމެން ދެކެންވާނީ ކޮން ގޮތަކަށްތޯއޯއެވެ؟ ޙަޤީޤަތުގައި، އީމާންތެރި މުސްލިމަކު ﷲގެ ޤުދުރަތުގެ ނިޝާންތަކާމެދު ވާހަކަދައްކާނީ އަދަބުވެރިކަމާއި ޙިކުމަތްތެރިކަމާ އެކުގައެވެ. ނޭދެވޭ ބަސްތަކާއި ހަރުކަށި ޢިބާރާތްތަކުން އެއްކިބާވެ، އެކަލާނގެ މަތިވެރިކަން ހަނދާންކުރުމަށް މަސައްކަތްކުރާނެއެވެ."

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. 

- ليس المُؤمِنُ بالطَّعَّانِ ولا اللَّعَّانِ ولا الفاحشِ ولا البَذيءِ

މާނައީ: "މުއުމިނަކީ (އެހެން މީހުންގެ އަބުރަށް) ހަޑިހުތުރު ގޮތަކަށް ޢައިބުކިޔާ މީހެއް ނޫނެވެ. އަދި (އެހެން މީހުންނަށް) ލަޢުނަތްކުރާ މީހެއްވެސް ނޫނެވެ. އަދި ހަޑިހުތުރު ބަހުރުވައިން ވާހަކަދައްކާ މީހެއްވެސް ނޫނެވެ. އަދި ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާ މީހެއްވެސް ނޫނެވެ." 

ނަބިއްޔާ ﷺ އަހަރުމެންނަށް މަނާކުރެއްވިއެވެ. 

لا تسبُّوا الرِّيحَ فإذا رأيتُم منْها ما تَكرَهونَ فقولوا اللَّهمَّ إنَّا نسألُكَ خيرَ هذِهِ الرِّيحِ وخيرَ ما فيها وخيرَ ما أرسلَت بِهِ ونعوذُ بِكَ من شرِّ هذِهِ الرِّيحِ وشرِّ ما فيها وشرِّ ما أُرسِلَت بهِ

މާނައީ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: "ތިޔަބައިމީހުން ވައި (ވަޔަށް) ހަޑިހުތުރު ބަހެއް ނުބުނާށެވެ. ފަހެ ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ވަޔާ މެދު ފެނިއްޖެނަމަ، މިފަދައިން ކިޔާށެވެ: އޭ ﷲ އެވެ! ހަމަކަށަވަރުން އަޅަމެން އެދެނީ މި ވައިގެ ހެޔޮކަމާއި، އޭގައިވާ ހެޔޮކަމާއި، އަދި އެ ވައި ފޮނުއްވުނު ކަންތަކުގެ ހެޔޮކަމެވެ. އަދި އަޅަމެން ތިބާގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ މި ވައިގެ ނުބައިކަމުންނާއި، އޭގައިވާ ނުބައިކަމުންނާއި، އަދި އެ ވައި ފޮނުއްވުނު ކަންތަކުގެ ނުބައިކަމުންނެވެ." 

އަހަރެމެންނަށް ފެންނަ މި ޤުދުރަތީ މަންޒަރުތަކަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅަށް ހިނގާ ކަންކަމެވެ. އެހެންކަމުން، އަހަރެމެން މިފަދަ ކަންކަމާ ދެކޮޅުހެދުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. މި ޤުދުރަތީ މަންޒަރުތަކަށް ނުރަނގަޅު ބަހުން މުޚާޠަބުކޮށް، ލަޢުނަތްލައި، ފާޑުކިޔުމަކުން އޭގެ ޙާލަތު ބަދަލުވާނެ ކަމެއް ނޫނެވެ. 

ބައެއް މީހުން، އެމީހުންގެ ޖާހިލުކަމާއި އަދި އާދަވެފައިވާ ނުބައި އާދަތަކުގެ ސަބަބުން، ޒަމާނާއި ޤުދުރަތީ މަންޒަރުތަކާއި ވަގުތަށް ނޭދެވޭ ގޮތަކަށް މުޚާޠަބުކުރެއެވެ. މިއީ އިސްލާމްދީނުގައި މަނާކުރެވިފައިވާ ކަމެކެވެ. ނަމަވެސް، އެމީހުންނަކަށް މިކަމުގެ ނުރަނގަޅުކަމުގެ އިޙްސާސެއް ނުކުރެވެއެވެ. 

މިގޮތުން، ބައެއް މީހުން ބުނާ ބަސްތަކުގެ ތެރޭގައި "ތިބާއާ ދިމާވި ގަޑިއަށް ﷲ ލަޢުނަތްލައްވާށި!" "ޚިޔާނާތްތެރި ޒަމާނެއް!" އަދި "މިއަދަކީ ނުބައި ދުވަހެއް!" ފަދަ ބަސްތައް ހިމެނެއެވެ. މިފަދަ ބަސްތައް ބުނުމަކީ އިސްލާމްދީނުގައި މާތްﷲ ޢައްޒަވަޖައްލަ މަނާކުރައްވާފައިވާ ކަމެކެވެ. އެހެންކަމުން، އަހަރެމެން މިފަދަ ބަސްތަކުން ދުރުހެލިވާން ޖެހެއެވެ.

"ޤުރްއާނުން އަހަރެންނަށް އުނގަންނައިދިނީ މި ޢާލަމުގައިވާ މި ޤުދުރަތީ ކަންތައްތަކަކީ މި ޢާލަމުގެ މަތިވެރި ޚާލިޤުގެ ވުޖޫދު ދަލީލުކޮށްދޭ މަތިވެރި އާޔަތްތަކެއްކަމެވެ." 

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 164 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ ‎﴿١٦٤﴾‏

މާނައީ: ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، اللَّه އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ. (164)" 

އިންސާނާގެ މަޙްދޫދު އިލްމާއި ވިސްނުމުގެ ސަބަބުން، ދުނިޔެއަށް އަންނަ ބައެއް ބަދަލުތަކުގެ މުހިންމުކަން އޭނާއަށް ނުވިސްނިދާނެއެވެ. ނަމަވެސް، ޝައްކެއްނެތް ގޮތުގައި މިފަދަ ކޮންމެ ބަދަލެއްގައިވެސް ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަނި ދެނެވޮޑިގެންވާ ޙިކްމަތެކެވެ. އަދި  މީސްތަކުންނަށް މި ޙިކްމަތް ނޭނގެއެވެ. 

ރިވެތި އަޚްލާޤަކީ ހުރިހާ މަޚްލޫޤުންނާ މެދުވެސް ގެންގުޅެންޖެހޭ ސިފައެކެވެ. އަދި މި މަޚްލޫޤުން ހެއްދެވި ޚާލިޤާ މެދު މާތް އަޚްލާޤު ގެންގުޅުން އެއަށްވުރެ މުހިންމެވެ. އެހެންކަމުން، ތިބާގެ ދޫ އަދަބުވެރި ބަސްތަކަށާއި ރިވެތި ވާހަކަތަކަށް އަހުލުވެރި ކުރުވާށެވެ. އަދި ހަޑިހުތުރު ބަސްތަކުން ދުރުހެލިވާށެވެ. އެހެނީ އެފަދަ ބަސްތަކުން އަބަދުވެސް ނުބައި ނަތީޖާއެއް ނޫނީ ނުފެންނާނެތީއެވެ.

 

- ޝައިޚް ފަހްދް އަލް ކަންދްރީގެ ދަރުސަކުން

މިއަދު އޮންލައިން