މިޒަމާނަށް ބަލައިފިނަމަ ކުރެވޭ ކައިވެނީގެ 50 އިންސައްތަ ކައިވެނި ދާދިކުރުމުއްދަތެއްގައި ރޫޅޭ ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ. ރަނގަޅަށް ބަލައިފިނަމަ މި ޢަދަދު މިއަށްވުރެ މާމަތިވެސްވާނެކަމަށް ޤަބޫލުކުރެވެއެވެ.
ކޮންމެއަކަސް ކައިވެނީގެ މުހިންމުކަން އެނގިތިބެ ނުހަނު ހޭލުންތެރިކަމާއިއެކު ކައިވެނިކުރަމުން ގެންދާއިރު މިހައި ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅެމުން ދިއުމަށް މެދުވެރިވާ ސަބަބުތަކެއް އޮންނާނެއެވެ. މިރޭ ދައްކަން މިއުޅެނީ އެ ސަބަބުތަކުގެ ވާހަކަތަކެއް ނޫނެވެ. މިރޭ ބަހެއް ބުނަން ބޭނުންވަނީ އެކުގައި ދިރިއުޅެވޭނެ އެއްވެސް ގޮތެއް ނުފެނިގެން ވަކިވާންޖެހިއްޖެ ޙާލަތުގައި ދެ މީހުން ވެސް ސަމާލުކަން ދޭންޖެހޭނެ ބައެއް ކަންކަމުގެ ވާހަކައެވެ.
ފުރަތަމަ ކަމަކީ ކޮންމެފަދަ ކަމެއް މެދުވެރިވެގެން ވަކިވިނަމަވެސް ދެމީހުންނަކީ ދެ ހަތުރުން ކަމުގައި ނުވުމެވެ. އެކަކު އަނެކަކަށް އެނގޭ ސިއްރުތައް ހާމަކޮށް ފަޟީޙަތް ނުކުރުމެވެ. ދަރިން ތިބިނަމަ އެ ދަރިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމެވެ. އެދަރިން ނިކަމެތިކުރުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއްފާފައެވެ.
ދަރިންގެ ޚަރަދުނުދީ ނުބަލަހައްޓާ މީހުން އެތިބެނީ ﷲ ތަޢާލާގެ އަމުރުފުޅަކަށް އަރައިގަނެގެންނެވެ. އަމިއްލަ ދަރިއަކަށް ޚަރަދުނުކޮށް ސަލާންޖަހަން ދޫކޮށްލުމަކީ އެތައް ސަތޭކަބައަކު ނިކަމެތިކޮށްލުމަށްވުރެ ނުބައި އަމަލެކެވެ. އެ ޢަމަލުގެ ޒިންމާ އުފުލަންޖެހޭނެ ދުވަސް އަންނާނެކަން އެއީ ހަމަ ޔަޤީންކަމެކެވެ.
މިކަންކަމުގެ އިތުރުން ޢިއްދައިގައި އިންނަ މުއްދަތުގައި ހެޔޮކޮށްހިތައި އަންތބަކު ފަދައިން ބަލަހައްޓައި އެހީތެރިވެދޭންޖެހޭނެއެވެ. އެއީވެސް ﷲ ތައާލާ ޙަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ. އެ ޙައްޤު އަދާނުކޮށްފިނަމަ ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެއެވެ. އަދި ކީއްހެއްޔެވެ؟ މިބުނި ކަންކަން ނުކުރާނަމަ އެކަމުން އެނގެނީ އެމީހާގެ ކިބައި ﷲ ތަޢާލާއަށް ކިޔަމަންތެރިކަން ނެތްކަމެވެ. ތަޤްވާވެރިކަން ނެތް ކަމެވެ. ވީމާ ﷲ ތަޢާލާއަށް ބިރުވެތިވެ ތަްްވާވެރިވުމަށްވެސް މިކަންކަން ކުރަންޖެހެއެވެ.
- މުފްތީ މެންކުގެ ދަރުސަކުން