ހަކުރު ނާޅާ ފިހާ ކޭކުގަ ފޮނިރަހަ ނުލެއްވޭނެ! ޒަވާޖީ ޙަޔާތް ފޮނިކުރަން ވެސް ހަކުރުއަޅަން ޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ހަކުރު ނާޅާ ފިހާ ކޭކުގަ ފޮނިރަހަ ނުލެއްވޭނެ! ޒަވާޖީ ޙަޔާތް ފޮނިކުރަން ވެސް ހަކުރުއަޅަން ޖެހޭނެ!: މުފްތީ މެންކް

ބައެއް މީހުން ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު އުފާވެރިކަން ނުލިބޭކަމުގެ ޝަކުވާކުރެއެވެ. ކައިވެނިން ޙާޞިލުކުރަން ބޭނުންވި އެއްވެސް މަޤްޞަދެއް ޙާޞިލުނުކުރެވިގެން ހިތާމަކުރާކަމަށްވެސް ބުނެއެވެ. 

މިގޮތަށް މެދުވެރިވުން މިއީ ހަކުރުނާޅާ ފިހާ ކޭކުގައި ފޮނިރަހަ ނުލުން ފަދަ ކަމެކެވެ. ކިތަންމެ ވަރަކަށް ޝަކުވާކުރި ނަމަވެސް ހަކުރު ނާޅާ ފިހާ ކޭކުގައި ފޮނިރަހަ ލައްވާނީ ކިހިނަކުން ހެއްޔެވެ؟ 

ޒަވާޖީ ޙަޔާތުގައި އުފާވެރިކަން ހޯދުމަކީ ވެސް ހަމަ އެފަދަ ކަމެކެވެ. ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރެވޭނީ އަދި އެޙަޔާތުގައި އުފާވެރިކަން ލިބުންވަނީވެސް ފާފަ ކުރުން ހުއްޓައިލުމުންނެވެ. 

މިހެން ބުނުމުން ބައެއް ޒުވާނުންނަށް ފާފަކުރުން އޮޅިވެސްދާނެއެވެ! ފާފަކުރުމަކީ ހަމައެކަނި ޒިނޭކުރުމާއި ވައްކަންކުރުން ފަދަ ކަންކަން ކުރުމެއް ނޫނެވެ! ދެމަފިރިން އެކަކު އަނެކަކަށް މަކަރު ހެދުމާއި ތެދުވެރިނުވުމާއި ބޭވަފާތެރިވުމަކީވެސް ހަމަ ކުރެވޭ ފާފަތަކެވެ. ވީމާ ކައިވެންޏަށްފަހު ކުރިން އުޅެވުނު ދިރިއުޅުމުން ނުކުމެ މުޅިން އައު ދިރިއުޅުމެއް ފަށަންވާނެއެވެ. 

ކުރިން ވާހަކަދައްކައި އުޅުނުހައި ގިނަމީހުންނާއި ވާހަކަދެއްކުން ހުއްޓައިލާށެވެ! ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް ކޮންމެހެން ދައްކަންޖެހޭނެ ބައަކު ކަނޑައަޅާށެވެ. އެކަކު ނުރުހޭ މީހާ އާއި އަނެކާވެސް ނުރުހޭށެވެ! އެކަކު " މިވެނިމީހަކާ ވާހަކަ ނުދައްކަން" އެދިއްޖެ ނަމަ އަނެކާވެސް އެކަމަށް އިޙްތިރާމްކުރާށެވެ! 

ދިރިއުޅުމަކީ ރައްޓެހިންނާއި އަދި ސޯޝަލްމީޑިއާއަށްވުރެ ހުރިހާ ގޮތަކުން ވެސް މާ މުހިންމު އެއްޗެކެވެ. ޒަވާޖީ ހަޔާތަކީ އެމީހަކު ދިރިހުންނަން ލާންޖެހޭ ނޭވާގެ އެއްބައި ކަމަށްވެސް ބުނެވިދާނެއެވެ. އެހައިވެސް މުހިންމުވުމުންނެވެ. 

ފާފަކުރުން ހުއްޓައިލުމަކީ ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ހުރިހާ ކަމެއް ކުރުން ހުއްޓާލުމެވެ. ކައިވެންޏެއް ކުރުމަކީ ދިރިއުޅުމުގެ އެންމެ މުހިންމު މަރުހަލާއަށް ފަށައިގަތުމެވެ. މުޅި ޙަޔާތް ވެސް ކާމިޔާބުވާނީ ޒަވާޖީ ޙަޔާތް ކާމިޔާބުކުރެވުނު މިންވަރަކުންނެވެ. ވީމާ އެކަމަށް އެދި ދުޢާކުރުން ގިނަކުރަންޖެހެއެވެ. ދެމަފިރިންވެސް ފާފަކުރުމާއި ދުރުހެލިވާށެވެ! މުޅިން ހުއްޓައިލާށެވެ! އަދި އަދާކުރަންޖެހޭ ފަރުޟުތަކަށް ދެމަފިރިންވެސް ރައްކައުތެރިވާށެވެ! ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރެވޭނީ އެއިރުންނެވެ. އަދި ދެ ދުނިޔެވެސް ކާމިޔާބުކުރެވޭނީ އެއިރުންނެވެ. 

ޒަވާޖީ ޙަޔާތް އުފާވެރިކުރަން، ފޮނިކުރަން، ބޭނުންވާނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ދެމީހުންވެސް ތެދުވެރިވުމާއި އިޚްލާޞްތެރިވުމާއި ފާފައަކަށް އަރައިނުގަތުން ފަދަ ކަންކަމެވެ. ﷲކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވުމެވެ.  

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން