ބައެއް ޤައުމުތަކުގައި ޙިޖާބަ އެޅުމުން ޖުރުމަނާއެބަ ކުރެއެވެ. ނަމަވެސް ހަމަ އެ ޤައުމުތަކުގެ މުސްލިމުން އެބުނަނީ ޙިޖާބް އަޅާށެވެ! ޙިޖާބް އަޅައިގެން ކުރާ ޖުރުމަނާ ދައްކައިދޭނެ ކަމަށެވެ. އީމާންތެރިންނަކީ އެއީއެވެ. އެމީހުން ހޭދަކުރަން ތައްޔާރަށް އެތިބީ ﷲ ތަޢާލާއަށްޓަކައެވެ. އެމީހުންނަށް އެއީ ކޮންބައެއަކަންވެސް ނުއެނގޭ އަންހެނުންނަށެވެ.
ޙިޖާބް އަޅައިގެން އުޅުމަކީ ކުރަންފަސޭހަކަމެއް ނޫން ނަމަވެސް އެކަނބަލުން ޙިޖާބް އަޅައިގެން އުނދަގޫ އުފުލަނީ އެކަނބަލުންގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ. ވީމާ ޙިޖާބްއަޅައިގެން ހުރި އަންހެނަކު ފެނިއްޖެ ނަމަ އަވަހަށް އެ އަންހެނަކަށްޓަކައި ހެޔޮދުޢާ ކުރާށެވެ!
އީމާންކަމުގެ މީރުކަން ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި 3 ސިފައެއް އެމީހެއްގެ ގައިގައި ހުންނަންޖެހެއެވެ. އެއިގެ ތެރެއިން ފުރަތަމަ ސިފައަކީ އެމީހާގެ ހިތުގައި އެހެންހުރިހާ އެއްޗަކާއި ކަންކަމަށްވުރެ ﷲ ތަޢާލާއަށާއި ރަސޫލް (ޞޢވ) އަށް ލޯބި ބޮޑުވުމެވެ.
މީގެ ތެރޭގައި އެމީހާއަށް ލިބިފައިވާ ތަނަވަސްކަންވެސް ހިމެނެއެވެ. ތަނަވަސްކަން ހޯދާ ގޮތްވެސް ހިމެނެއެވެ. އަދ ޚަރަދުކުރާ ގޮތްވެސް ހިމެނެއެވެ. އެގޮތުން ފުރަތަމަކަމަކީ ތިމާއަށް ލިބިފައިވާ ތަނަވަސްކަމަށްވުރެވެސް ބޮޑަށް ﷲ ތަޢާލާއަށާއި ރަސޫލް (ޞޢވ) އަށް ލޯބި ބޮޑުވުމެވެ. ދެވަނަކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތުގައި ތަނަވަސްކަން ހޯދުމެވެ. 3 ވަނަ ކަމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތުގައި ޚަރަދުތައް ކުރުމެވެ.
މީގެތެރޭގައި ތިމާ ހެދުން އަޅާ ގޮތްވެސް ހިމެނެއެވެ. ހަށިގަނޑުގެ ސިފަ ބަހައްޓަން މަސައްކަތްކކުރާ ގޮތްވެސް ހިމެނެއެވެ. ވީމާ ހެދުން އަޅަން ޖެހޭނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ގޮތަށެވެ. އެހެން ނޫންނަމަ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯތްބާއިމެދު ސުވާލު އުފެދެއެވެ.
ލޮބުވެތި ކަނބަލުންނަށް ބުނަމެވެ. ތިއަ ކަނބަލުން ﷲ ތަޢާލާ އެންގެވިމަގުން ނިވާވެގެން ތިބުން ވެސް ހިމެނެނީ ﷲ ތަޢާލާއަށް ލޮބިވުމުގެ ތެރެއިނަނެވެ. އެކަން ނުކުރާނަމަ ތިއަ ކަނބަލުންގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އޮތްމިނަވަރު ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅަކަށް ނުފެތެއެވެ.
މިއަދުގެ ޙާލަތަކީ ޙިޖާބަ އަޅައި ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމަސްވުރެ ނޫޅުން މާފަސޭހައެވެ. ނަމާދުކުރުމަށްވުރެ ނުކުރުން މާފަސޭހައެވެ! އެއީ އެމީހުންގެ ވަށައިގެންވާ މާޙައުލުން އެކަންކަން ނުކޮށް އުޅެން ފަސޭހަވާތީއެވެ. ނަމަވެސް ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރިވާނަމަ އެމީހާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ލޯތްބެއް ނެތެވެ.
ޙިޖާބް އަޅައިގެން އުޅުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އެކަން ކުރާ އަންހެނުން އެކަން އެކުރަނީ އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް އޮތް ލޯބީގެ ބޮޑުކަމުންނެވެ! އެފަދަ އަންހެނުންނަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ހުރި ދަރަޖައިގެ މަތިވެރިކަން ބޮޑުކަމާއިއެވެ.
ހަމަ އެއާއިއެކު ރަސޫލް (ޞޢވ)އަށް ލޯބިކުރާނަމަ އިތުރު ޞާޙިބާ (ޞޢވ)ގެ ސުންނަތަށް ފުރިހަމައަށް ޢަމަލުކުރާނެއެވެ. ޢަމަލު ނުކުރާނަމަ އެމީހަކީ ރަސޫލް (ޞޢވ) ދެކެ ލޯބިވާ މީހެއް ކަމަކަށް ނުބެލެވޭނެއެވެ!
- މުފްތީ މެންކްގެ ދަރުސަކުން