އެ ބޮޑުފާފައަށް ގިނަ ބައަކު އަރައިގަންނަނީ އެއީ ފާފައެއް ކަމަށްވެސް ނުދެކެތިބެއެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އެކަމުގެ ސަބަބުން ލިބެންހުރި ބޮޑު ގެއްލުން ނިކަން ދެކިބަލާށެވެ!
މިދައްކަނީ މީހުންނަށް ނުބައި ބަސްތައް ބުނެ ދޮގު އިލްޒާމް އަޅުވައި މީހުން ބަދުނާމުކުރާ މީހުންގެ ވާހަކައެވެ. އެހެން މީހުންގެ ވާހަކަތައް ދައްކައި ފަޟީޙަތްކުރަމުން ހިނގާ މީހުންގެ ވާހަކައެވެ.
މީހުންނަށް ނުބައި ބަސްތައް ބުނުމުން ދޫ ސަލާމަތްކުރާށެވެ! މީހުންނަށް ނުބައި ބަސް ބުނުމަކީ އެމީހާކުރާ ހެޔޮމަލުތައް ގެއްލިގެންދާ ކަމެކެވެ. އަދި ކުރާ އަޅުކަމުގެ ދަރަޖަވެސް ކުޑަވެގެންދާ ކަމެކެވެ. އަދި ﷲ ތަޢާލާގެ ޙިމާޔަތްތެރިކަންވެސް ގެއްލިގެންދާ ކަމެކެވެ.
އެއީ ޤިޔާމަތް ދުވަހު އެންމެ ގަދަފަދަ ޢަޛާބު ދެއްވަވާނެ ބޮޑުފާފައެއް ކަމަށް ﷲ ވަނީ ވަޢުދުވެވޮޑިގެންފައެވެ.
ވީމާ އެމީހަކު ކުރާ އަޅުކަން ޙިމާޔަތްކޮށް އެކަމުގެ ފައިދާ ލިބިގަންނަން ބޭނުން ނަމަ މީހުންނަށް ނުބައި ބަސްތައް ބުނުމުން ދުރުހެލިވާން ޖެހެއެވެ. އެހެން މީހުންގެ ވާހަކަ ދެއްކުން ހުއްޓާލަން ޖެހެއެވެ. ނެތިމޮށުމަކީ އެއްވެސް ޙާލެއްގައިކޮށްގެންވާނެ ކަމެއް ނޫނެވެ. އެމީހެއްގެ ކުރިމަތީގައި ދައްކަން ނުކުރޭނެ ވާހަކަ އެމީހަކު ނެތްތަނުގައި ދެއްކުމަކީ އެންމެ ބޮޑު އެއް ފާފައެވެ!
- މުފްތީ މެންކް