1.7 ބިލިއަން މީހުންގެ ތެރެއިން އެންމެ ބާރަށް ދުވާ ދުވުންތެރިއަކަށް ސާއިދުވުމަކީ ރާއްޖެއަށް ހޯދައިދިން ވަރަށް ބޮޑު ފަޚުރެއް!: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
1.7 ބިލިއަން މީހުންގެ ތެރެއިން އެންމެ ބާރަށް ދުވާ ދުވުންތެރިއަކަށް ސާއިދުވުމަކީ ރާއްޖެއަށް ހޯދައިދިން ވަރަށް ބޮޑު ފަޚުރެއް!: ރައީސް

ގާތްގަނޑަކަށް 1.7 ބިލިއަން މީހުން ދިރިއުޅޭ ސަރަޙައްދަކުން މިވަގުތު މި ސަރަޙައްދުގައި ހުރި އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައި މިހުރީ ރާއްޖޭގެ އެތުލީޓެއް ކަމަށްވާ ސާޢިދު ކަމަށާއި ސާއިދު ރާއްޖެއަށް އެ ހޯއްދަވައިދެއްވި ފަޚުރަށްޓަކައި ވަރަށްބޮޑަށް މަރުޙަބާ ވިދާޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ސައުތު އޭޝިއަން ގޭމްސްގައި މެޑެލް ހޯދި އެތްލެޓިކްސް ޓީމާއި ޓޭބަލް ޓެނިސް ޓީމުގެ އެތުލީޓުންނާ ބައްދަލުކޮށްލައްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށްވެސް ފަޚުރުވެރި، އުފާވެރި ދުވަހެއް ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވަރަށް ކާމިޔާބީ ދުވަހެއްގެ ގޮތުގައި ފާހަގަކުރައްވާ ދުވަހެއް ކަމަށެވެ.  

"މިއީ މި ސަރަޙައްދުގައި ބޭއްވޭ އެންމެބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގައި އެތުލީޓަކު ރަން މެޑެއްޔެއް ހޯދި ފުރަތަމަފަހަރު" 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ މި ސަރުކާރަކީ ހަމައެކަނި ކުޅިވަރު ކުޅޭ ސަރުކާރެއް ކަމަށް ބައެއް ސިޔާސީ ވާދަވެރިން ވިދާޅުވާ ކަމަށާއި އެބޭފުޅުންނަށް ދަންނަވާލަން ބޭނުންފުޅުވަނީ، "އަޅުގަނޑުމެން ކުޅިވަރަށް މި ސަޕޯޓް ކުރަނީ، އެހީތެރި މިވަނީ ކުޅޭކުޅޭ އެއްޗެއްގެ ގޮތުގައެއް ނޫން" ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

މިއަދު އަޅުގަނޑުމެންނާ އެކީގައި މިތިބީ ކުޅުންތެރިޔާ ސާޢިދާއި، ޓޭބަލްޓެނިސް ޓީމު އެކަނި. އެހެންނަމަވެސް، މަޚްލޫފުވެސް ދެންމެ ވިދާޅުވިފަދައިން، މި މުބާރާތުގައި ވަނަތައް ހޯދި، މެޑެލް ހޯދި، އެހެން ކުޅުންތެރިން އެބަތިބި. ބާސްކެޓް ޓީމް، އަންހެން ފުޓްބޯޅަ ޓީމް އަދި އަޅުގަނޑުމެންނަކާ ބައްދަލެއްނުކުރޭ. އެ ހުރިހާ ބޭފުޅުންނަށްވެސް، އެ ހުރިހާ ކުޅުންތެރިންނަށްވެސް އަޅުގަނޑުމެން އިޚްލާޞްތެރިކަމާ އެކުގައި މަރުޙަބާ ކިޔަން.

އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުންވާ އެއްކަމަކީ، އަޅުގަނޑަށް މިއަދު އެބަ ފެނޭ، އަންހެން އެތުލީޓުން، އަންހެން ކުޅުންތެރިން އިތުރު ކާމިޔާބުތައް ހޯދަމުންގެންދާ ތަން. ޓޭބަލްޓެނިސް ކަމަށްވިޔަސް، ބެޑްމިންޓަން ކަމަށްވިޔަސް، ބާސްކެޓް ކަމަށްވިޔަސް، އަދި ފުޓްބޯޅަ ކަމަށްވިޔަސް، މިއަދު ފާހަގަވެގެން މިދަނީ އަންހެން ކުޅުންތެރިން އިތުރު ކުރިއެރުންތަކެއް ހޯދަމުންދާ ތަން. އަޅުގަނޑުމެން މިތިބީ ޖިންސެއް ތަފާތުކުރުމެއްނެތި، ކުރިންވެސް ދެންނެވި ފަދައިން، ހުރިހާ ކުޅުންތެރިންނަށް، ހުރިހާ އެތުލީޓުންނަށް އެހީތެރިވެދޭން ތައްޔާރަށް.

މި ވަނަތައް ހޯދުމުގައި ޢާއިލާއިންވީ ޤުރްބާނީއާއި، އެސޯސިއޭޝަންތަކުން ކޮށްދެއްވި މަސައްކަތާއި، ސްޕޯޓްސް މިނިސްޓްރީ އިން އެ ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ފާހަގަކުރަން.

މިއަދު އޮންލައިން