މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ދިރިހުރުމުގެ ޙައްޤު ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ދިރިހުރުމުގެ ޙައްޤު ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް!: ރައީސް ޞާލިޙް

މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، އިންސާނީ ޙައްޤުތަކުގެ އެންމެ އިސް ޙައްޤު ކަމުގައިވާ، ދިރިހުރުމުގެ ޙައްޤު ޙިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ، މި ރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ އުފާވެރިކަން އިޙްސާސްކުރެވޭ ފަދަ އަމާން ވެށްޓެއް މި މުޖްތަމަޢުގައި ޤާއިމުކުރުމަށް ކަމަށެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން: 

އިންސާނީ ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، މިންތީގެ ހަމަހަމަކަމުގެ ވާހަކަ އަޅުގަނޑުމެން ވަރަށް ހަރުއަޑުން ދައްކަންޖެހޭ. އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުޖުތަމަޢުގައި އަންހެނުން ބާރުވެރިކޮށް، ޙައްޤު މަޤާމު ހޯދައިދިނުމަކީ، މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. ސަރުކާރުގެ ސިޔާސަތު ބިނާކޮށްފައިވާނީ އެކަމަށް އިސްކަންދީގެން. 

ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުން ޢައްޔަނުކުރީ އަޅުގަނޑުމެން. ލޯކަލް ކައުންސިލްތަކުގެ، ތިންބައިކުޅަ އެއްބައި އިންސައްތަ، އަންހެނުންނަށް ޚާއްޞަ ކުރެވިއްޖެ. މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންގެ 35 އިންސައްތައަކީ، އަންހެން ބޭފުޅުން. މިކަންކަމުން އެނގެނީ، ދައުލަތުގެ މަތީ މަޤާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މި ސަރުކާރުން ދޭ ސަމާލުކަން. 

ހަމައެފަދައިން، ވިހައިގެން އުޅޭ މައިންނަށް، ލިބޭ ޗުއްޓީ 6 މަހަށް އިތުރުކޮށްދެވިއްޖެ. މި ބަދަލުގެ ސަބަބުން، ޅަދަރިމައިން އުފުލަންޖެހޭ ތަކުލީފުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިއްޖެ. އަދި ޢާއިލާއެއް ބިނާވާން ފެށުމުން، ވަޒީފާއާއިގެން ކުރިއަށް ދާނީތޯ، ނުވަތަ ދަރިފުޅު ބަލަން ގޭގައި އިންނާނީތޯ، މިކަމާމެދު ކުރަންޖެހޭ ފިކުރުތައް، ކޮންމެވެސްވަރަކަށް އަންހެނުންނާއި ޢާއިލާތަކަށް ދުރުކޮށްދެވިއްޖެ.

އިންސާނާގެ ޙައްޤުތައް ފެށޭ އިމަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަންނަ ވަގުތު. އެ ދަރިފުޅު އުފަންވުމާއެކު، ޢާންމު އިންސާނުންނާ ޚިލާފަށް، ކުޑަކުއްޖެއްގެ ޙައިޘިއްޔަތުން، އެދަރިފުޅަށް ލިބެންޖެހޭ އެތައް ބައިވަރު ޙައްޤުތަކަކާއި ޢިނާޔަތްތަކެއް ހުރޭ. އޭގެ ތެރެއިން އެންމެ މުހިންމު ޙައްޤަކީ، ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދި ބޮޑުވުމުގެ ޙައްޤު.

ޅަފަތުގަޔާއި އެކި ޢުމުރުފުރާތަކުގައި ޖަހަންޖެހޭ ވެކްސިންތައް ކުދިންނަށް ދިނުމަކީ، މި ދެންނެވި ޙައްޤު ކަށަވަރުކޮށްދިނުމުގެ އެންމެ މުހިންމު ބަހާ. ޢުމުރާ ގުޅޭގޮތުން، ޞިއްޙަތަށް ފައިދާހުރި ކާނާ ދިނުމަކީވެސް ކުޑަކުދިންގެ ޙައްޤުތަކާ ގުޅިފައިވާ ކަމެއް. މި ސަރުކާރުން ފެށި ނާސްތާ ޕްރޮގްރާމަކީވެސް، ކުޑަކުދިންގެ ހެދިބޮޑުވުމުގެ ޙައްޤުގެ ޙިމާޔަތުގައި އެޅުނު މުހިންމު ފިޔަވަޅެއް.

ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމުގެ އެއްވެސް ޢަމަލަކަށް ޖާގަ ދީގެން އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުގެ ތެރެއިންވިޔަސް، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމަކީ، މި ސަރުކާރުން ތަޙައްމަލު ކުރާނެ ކަންކަމެއް ނޫން. ޤާނޫނީ ގޮތުންވެސް އަޅުގަނޑުމެން މި އަންނަނީ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރަމުން.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު، މިދިޔަ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އަޅުގަނޑު ވާނީ ތަޞްދީޤުކޮށްފައި. މި ދެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނީ ގޮތުން ކައިވެނި ޢަޤްދުކޮށްދެވޭނެ އެންމެ ހަގު ޢުމުރަކީ 18 އަހަރު ކަމަށް ވާނީ ހަމަޖެހިފައި. އަދި ޢުމުރުން 15 އަހަރު ނުފުރޭ ކުދިންނަކީ، ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންނުޖެހޭ ކުދިން ކަމުގައިވެސް ކަނޑައެޅިއްޖެ. 

އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން، ދުނިޔޭގެ ފެންވަރުގައިވެސް، މިއަދު އެންމެ ބޮޑު އިސްކަމެއްދެނީ، ތިމާވެށި ރައްކާތެރި ކުރުމަށް. ތިމާ ދިރިއުޅޭ މާޙައުލަކީ، ދިރިހުރުމުގެ ޙައްޤު ފުރިހަމައަށް ރައްކާތެރިކުރެވިފައިވާ މާޙައުލަކަށް ހެދިގެން ނޫނީ، އިންސާނީ ޙައްޤުތަކުގެ އެންމެ ފުރަތަމަ ޙައްޤުވެސް ރައްކާތެރިއެއް ނުކުރެވޭނެ. އެއީ ދިރިހުރުމުގެ ޙައްޤު. 

ރާއްޖޭގެ ތިމާވެށްޓަށް ހުރި އެންމެ ބޮޑު ގެއްލުމަކީ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް. ތިމާވެށި ޙިމާޔަތް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މި އަންނަނީ، ރާއްޖެއަކީ މި ދެންނެވި ބާވަތުގެ ޕްލާސްޓިކް އެއްގޮތަކަށްވެސް ނުގެންގުޅޭ ޤައުމަކަށް ހެދުމަށް. ރާއްޖެ ތަރައްޤީ ކުރުމުގައި އަޅުގަނޑުމެން މި ގެންގުޅެނީ، ތިމާވެށްޓާ އެއްކީލި ސިޔާސަތެއް.

ރައްކާތެރި މާޙައުލެއްގައި ދިރިއުޅުމުގެ ޙައްޤަށް އެންމެ ބޮޑަށް ހުރަސްއެޅެނީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ބައެއް ޙަރަކާތްތަކުގެ ސަބަބުން. މީހުން ދިރިއުޅޭ ރަށްރަށުގައި ކުރެވޭ ފައިބަރުގެ މަސައްކަތްތަކާއި، ގޭބިސީތައް ކައިރީގައި ހިންގާ ވަރކްޝޮޕްތަކާއި، ގަރާޖްތަކުގެ ސަބަބުން، އަޅުގަނޑުމެންގެ ފުރާނައަށް ގެއްލުންވާ އެތައް މައްސަލަތަކެއް ކުރިމަތިވޭ.

އިންސާނީ ޙައްޤުތަކަކީ ޤާނޫނެއްގައި ލިޔެގެން، ނުވަތަ ހަމައެކަނި ސިޔާސަތުތަކެއް ކަނޑައަޅައިގެން، ރައްކާތެރިކޮށް ދެމެހެއްޓޭނެ ޙައްޤުތަކެއް ނޫން. އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތަކެއް.

އިންސާނީ ޙައްޤުތަކަކީ ހަމައެކަނި، ދައުލަތުގެ މުއައްސަސާތަކާއި، ޝަރުޢީ ކޯޓުތަކާއި، ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކުން ރައްކާތެރި ކުރެވޭނެ ޙައްޤުތަކެއް ނޫން. މިކަމުގައި އެންމެ މުހިންމީ ރައްޔިތުންގެ ފަރުދީ ޒިންމާ. ވަކިން ޚާއްޞަ ގޮތެއްގައި، ޤައުމުގެ ކުރިމަގު އެބަޔަކަށް ވާރުތަވާން ތިބި މިއަދުގެ ޒުވާނުން، މިކަމުގައި އަދާކުރަންޖެހޭ ދައުރު ވަކިން ބޮޑުކަން އަޅުގަނޑު ފާހަގަކުރަން.

 

 

 

މިއަދު އޮންލައިން