ތިއޮތީ ޚިޔާލުފައުޅުކުރުމުގެ މިނިވަންކަން ދީފަ - ބިރެއް ނުގަނޭ! ކުރަނީވެސް ފައިދާ!: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ތިއޮތީ ޚިޔާލުފައުޅުކުރުމުގެ މިނިވަންކަން ދީފަ - ބިރެއް ނުގަނޭ! ކުރަނީވެސް ފައިދާ!: ރައީސް ޞާލިޙް

ރާއްޖޭގައި މިހާރު މިވަނީ ޚިޔާލު ފައުޅުކުރުމުގެ މިނިވަންކަން ދެއްވާފައި ކަމަށާއި އެކަމުން ކުރަނީ ފައިދާ ކަމަށާއި ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަން ދެއްވުމަކީ އެއްވެސް ވަރަކަށް ބިރުފުޅުގަންނަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަން ހިފަހައްޓާފައި އޮތްއިރު، އަބަދު އަޑުއިވެނީ، ސަރުކާރުން ނުޙައްޤުން އަނިޔާކުރާ ވާހަކަ ކަމަށާއި މީހުންގެ ޙައްޤުތައް ނިގުޅައިގަންނަ ވާހަކަ ނަމަވެސް، މިހާރު ޚިޔާލު ފާޅުކުރަމުން ދަނީ ޤައުމުގެ ކަންކަން ބިނާކުރުމަށް ކަމަށެވެ. އަދި މިހާރު ދައްކަނީ، ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން އިޞްލާޙް ކުރުމުގެ ވާހަކަ ކަމަށެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:

ޢާންމު އިޖުތިމާޢީ ހަމަތަކުން ބަލާއިރު، ކޮންމެ މީހަކަށްވެސް ބޭނުންވާ އެންމެ އަސާސީ އެއް ޙައްޤަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން. އެއީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޙައްޤެއް. ނަމަވެސް، މިދިޔަ ސަރުކާރުގެ ވަކި ހިސާބަކުން އަބުރުގެ ޤާނޫނެއް ފާސްކޮށް، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އޮތީ، ކަސްތޮޅު އަޅުވާފައި.

އަޅުގަނޑު ދެކޭގޮތުގައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދިނުމަކީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް ރައްޔިތުންނަށް ހެޔޮއެދިގެން ވެރިކަން ކުރާ އެއްވެސް ސަރުކާރެއް ޖެހިލުންވާންޖެހޭ ކަމެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑަކަށް އެއީ ބިރެއް ނޫން.

މި މަޤާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަ އަޅުގަނޑު ތަޞްދީޤު ކުރި ބިލަކީވެސް، އަބުރުގެ ޤާނޫނު އުވައިލުމުގެ ބިލް. ބޭނުމަކީ، ޤާނޫނުއަސާސީގެ އިމުގެ ތެރޭގައި، ޚިޔާލު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެން، އެއްވެސް މީހަކު ޤާނޫނީ އަދަބަކާ ކުރިމަތިލާން ނުޖެހޭނެކަން ކަށަވަރުކޮށްދިނުން.

އަޅުގަނޑުމެން މިތިބީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީގެން. ނޫސްވެރިކަމުގެ މިނިވަންކަންވެސް މިއޮތީ ދޫކޮށްލާފައި. ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އަދި ބުނާ ކޮންމެ ބަހަކަށް، މީޑިއާތަކުގަޔާއި، ސޯޝަލް މީޑިއާގައިވެސް އެ އަންނަނީ ފާޑުކިޔައި ޚިޔާލު ފާޅުކުރަމުން. އެއީ އަޅުގަނޑަށްވެސް އަދި މި ސަރުކާރަށްވެސް ލިބޭ ހިތްވަރެއް. އަދި ދައުލަތުގެ ޒިންމާތަކާ ޙަވާލުވެގެން ތިބޭ މީހުން ޒިންމާދާރުވުމަށް އެޅޭ ވަރަށް ބޮޑު ބާރެއް.

 

 

 

މިއަދު އޮންލައިން