23 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިޔުމަށް ހޭދަވާނީ 1މ 49ސ
23 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 23 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މާފުށީ ޖަލުގައި މިރޭ ބާއްވައި، ދަސްވެނިވި 59 އޮފިސަރުންނަށް ސެޓްފިކެޓް ދީފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އޮނަރަބަލް އިމްރާން ޢަބްދުﷲ އެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ،

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާސިފް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ސްްޓޭޓް މިނިސްޓަރ ޢަލީ ނަޒީރު، ކޮމިޝަންޑް ރޭންކްގެ އޮފިސަރުންނާއި ނޮން-ކޮމިޝަންޑް ރޭންކުގެ އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވިިއެވެ. 

ދަސްވެނިންނަށް ހުވާލައިދެއްވާފައިވަނީ ކްރިމިނަލް ކޯޓްގެ ޣާޒީ އަލްއުސްތާޛް އަޙްމަދު ޝަކީލްއެވެ.

17 ހަފްތާގެ މުއްދަތަށް މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ.

އަދި މި އޮފިސަރުންނަކީ އަޚްލާގް ރަނގަޅު ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުން މި މުއައްސަސާގެ ކުރިމަގު އުޖާލާކުރުމަށް ތަމްރީނުކޮށް ވަޒީފާގެ މާޙައުލަށް އަހުލުވެރިކުރުމަށްހިންގާ ތަމްރީން ޕްރޮގްރާމެކެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން ޑިސްޓިންޝަން ހާސިލްކުރި އޮފިސަރުންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ. އަދި “ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރު”އަށް ވަނީ ހަނދާނީ ލިޔުމާއި ފިލާ އަދި ބެރޭ ހަވާލުކޮށްފައެވެ.

 

މީގެ އިތުރުން “އެންމެ ހަށިހެޔޮ” އަންހެން އަދި ފިރިހެން އޮފިސަރަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފައެވެ.

 

މިއަދު އޮންލައިން