މާލެތެރޭ މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓު މިނިސްޓްރީން ބަދަލުގެނެސްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މި ބަދަލާއެކު މާލެ ތެރޭގައި 350 ކިލޯގެ ޕިކަޕުތަކުގައި 24 ގަޑިއިރު މުދާ އުފުލޭނެ އެވެ. އަދި ހެނދުނު 9:00 އިން މެންދުރު 11:30 އަށް ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުތަކަށް މާލެ ތެރޭ މުދާ އުފުލުމުގެ ހުއްދަދޭން ނިންމާފައިވާ ކަމަށެވެ.
އަދި ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯ އިން ފެށިގެން ދަށުގެ އުޅަނދު ފިޔަވައި، އެހެން އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެއެވެ.
މީގެ އިތުރުން ބުރިޖު މަތިން ދެ ޓަނުން ދަށުގެ މުދާ 24 ގަޑިއިރު އުފުލޭނެ ކަމަށާއި 2.1 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ދުއްވުން ހުއްދަވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަމަށްވެސް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.
350 ކިލޯ އިން ދަށުގެ ޕިކަޕުތަކަށް ފެނާއި ގޭސް 24 ގަޑިއިރު އުފުލޭއިރު ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި ފެނާއި ގޭސް އުފުލެއެވެ. އަދި ކޮންސްޓްރަކްޝަން މުދާ ކޮންމެ ދުވަހަކުވެސް ހަވީރު 6:00 އިން ހެނދުނު 6:00 އިން އުފުލޭނެ ކަމަށް ވެސް ޓްރާންސްޕޯޓުން ވަނީ ބުނެފައެވެ.
ނަމަވެސް ސްކޫލުތައްފެށޭ ވަގުތާއި ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގައި މުދާ އުފުލާ އުޅަނދުތަކަށް ދަތުރުކުރުން މަނާވާނެއެވެ.