އެސްއެމްއީ ޑިޖިޓަލް ލޯނު ސްކީމުގެ ދެވަނަ ބުރަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ހުޅުވާލައްވާނެ ކަމަށާއި، މި ސްކީމްގެ ދަށުން ޖުމްލަ 6،000 އެއްހާ ޒުވާނުންނަށް ލޯނު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ޕީއެންސީ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން ކުދި ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން 1 ބިލިޔަން ރުފިޔާގެ ލޯނު ސްކީމެއް ހުޅުވާލާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފުރަތަމަ ބުރުގައި ކަނޑައެޅި 300 މިލިޔަން ރުފިޔާއަށް 3،536 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 2،081 ޒުވާނަކަށް ޖުމްލަ 289 މިލިޔަން ރުފިޔާގެ ލޯނު މިހާރު ދޫކޮށްފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "ވަރަށް ކުދި ކުދި އިންޓްރެސްޓްގައި. މިއީ ހަމަ ވަރަށް ލުއި ލޯނު ސްކީމެއް. 18 އަހަރާއި 30 އަހަރުގެ ޒުވާނުންނަށް ލޯނު ދޫކޮށްފައި މިވަނީ. މިއީ ޒުވާނުން ބާރުވެރިކުރުމަށް ކުރާކަމެއް. އަޅުގަނޑުމެންގެ ސިޔާސަތަކީ ޒުވާނުން ބާރުވެރިކުރުން. ހުރިހާ އެންމެން ސަރުކާރުގައި އުޅޭކަން ނުޖެހޭ،" ކަމަށެވެ.
މީގެއިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތައް ރައިޓް ސައިޒް ކުރަމުންދަނީ، ކުންފުނިތަކުން ބޭރަށް ދާންޖެހޭ ޒުވާނުންނަށްވެސް އަމިއްލަ މަސައްކަތް ފެށުމަށް މިފަދަ ފުރުޞަތުތައް ހޯދައިދެމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއް ބިލިޔަން ރުފިޔާގެ މި ލޯން ސްކީމް އެއްކޮށް ނިމޭއިރު، ކުދި ވިޔަފާރިތައް ފެށުމަށް ގާތްގަނޑަކަށް 6،000 ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭ މި ފެސިލިޓީއަކީ އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ފެށުމަށާއި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ފަހި ފުރުސަތެކެވެ.