މިއަދާ ހަމައަށް ދިވެހި ރައްޔިތުންނަށް މިހާ ފަސޭހަކަމާއި އުފަލާއެކު ތިބެވުނީ އެންމެ ފުރަތަމަ ޤައުމު އިސްކޮށްގެން، ޤައުމަށްޓަކައި އިހްލާސްތެރިކަމާއެކު ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީއެންސީގެ އަސާސީ ފިކުރަކީ އިހްލާސްތެރިކަމާއެކު "އެންމެ ފުރަތަމަ ޤައުމު" އިސްކުރުން ކަމަށެވެ. އަދި ޕާޓީ ތެރޭގައި މި ފަލްސަފާއާމެދު އެއްވެސް ހިޔާލުތަފާތުވުމެއް ނެތުމުން ސަފުތައް ބަދަހިވެ، ބައިބައިވުމެއް ނެތި އެކުވެރިކަން ވަރުގަދަކޮށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމު އިސްކުރުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އަދުލުވެރިކަމާއި އިންސާފުން ހިދުމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޕީއެންސީގެ އަސާސަކީ އިސްލާމްދީންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ފެށުނީއްސުރެ މަސައްކަތް ކުރަމުންދަނީ އިސްލާމްދީނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ނަސްރުދީގެން ކަމަށެވެ. އަންނަން އޮތް ޖީލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މާތް ﷲ ދެއްވި ބުއްދީގެ ނިއުމަތް ބޭނުންކޮށް، ހަވާލުކުރައްވާފައިވާ ޒިންމާ އިހްލާސްތެރިކަމާއެކު އަދާކޮށްގެން އަންނަން އޮތް ޖީލުތަކަށް ޤައުމު ފޯރުކޮށްދޭންޖެހޭ ކަމަށެވެ. އަދި މާދަމާގެ ޖީލުތަކުން ސުވާލުކުރާ ދުވަހު ފަޚުރުވެރިކަމާއެކު ބުނެވޭނީ، ޤައުމު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން އަބްތާލުންގެ "އެންމެ ފުރަތަމަ ޤައުމު" ޝިއާރު އިޚްތިޔާރުކުރި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ މުޅި ޤައުމަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް "އެންމެ ފުރަތަމަ ޤައުމު" އިސްކުރުމުގެ މުހިންމު މެސެޖު ދެއްވާފައެވެ.