އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން، ފުރަތަމަ ސެގްމެންޓުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުންނެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މި ހިނގާ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް ކުރިއަށްދަނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައިވާ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށެވެ. މި މަސައްކަތުގެ ދަށުން މަގުގައި ތާރުއެޅުމުގެ އިތުރުން، ބަސް މަޑުކުރާ ސަރަޙައްދުތަކުގެ ޕޭވްމަންޓްތަކުގެ ޑިޒައިނަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ހިމެނެއެވެ.